Roadha Mihaaru
ސަރުކާރާއި ޖުޑީޝަރީ މައްސަލަތަކާއެކު ޔާމީން އީޔޫ އަށް

ޔާމީން، ސަރުކާރާއި ޖުޑީޝަރީގެ މައްސަލަތައް އީޔޫ އަށް ކިޔައި ދެއްވައިފި

24 އޮކްޓޯބަރ 2022

މި ސަރުކާރު ހިންގުމުގައި ހުރި މައްސަލަތަކާއި ޝަރުއީ ދާއިރާ އަށް ފޯރުވާ ނުފޫޒު ކަމަށް އިިދިކޮޅުން ގަބޫލުކުރާ ކަންބޮޑުވުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދަކާ މިއަދު ހިއްސާކުރައްވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ސަރުކާރު ހިންގުމުގައި ހުރި މައްސަލަތަކާއި ޝަރުއީ ދާއިރާ އަށް ފޯރުވާ ނުފޫޒު ކަމަށް އިިދިކޮޅުން ގަބޫލުކުރާ ކަންބޮޑުވުންތައް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ ވަފުދަކާ މިއަދު ހިއްސާކުރައްވައިފި އެވެ.

އެ ވަފުދުން އިދިކޮޅު ލީޑަރު އަދި އަންނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ޕީޕީއެމުން ނުކުންނަވާ ކެންޑިޑޭޓް ޔާމީނާއެކު، އެ ޕާޓީގެ އޮފީހުގައި ބޭއްވި ބައްދަލުވުމަށް ފަހު ޕީޕީއެމުން ބުނީ، މި ސަރުކާރުން ޝަރުއީ ދާއިރާ އަށް އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ނުފޫޒު ފޯރުވާ މައްސަލަ ހިއްސާކުރެއްވި ކަމަށެވެ.

އެއާއެކު، މިނިވަން ޖުޑީޝަރީއެއް ނެތުމުގެ ކަންބޮޑުވުންތައް ވެސް ޔާމީން ފާޅުކުރެއްވި ކަމަށް ޕީޕީއެމުން ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގައި ސަރުކާރުގެ އަޣުލަބިއްޔަތު އޮތުމުން ރައްޔިތުން ކަންބޮޑުވާ ބޮޑެތި މައްސަލަތަކާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ މެމްބަރުންނަށް މަޖިލީހުގައި ވަކާލާތުކުރުމަށް ހުރި ގޮންޖެހުންތައް ވެސް އެ މަނިކުފާނު އީޔޫއާ ހިއްސާކުރެއްވި އެވެ.

ޕީޕީއެމުން ބުނިގޮތުގައި، އެ ބައްދަލުވުމުގައި އެންމެ އިސްކަމެއްގެ ގޮތުގައި ޔާމީން އެދިވަޑައިގަތީ ރާއްޖެ އިން ޔޫރަޕަށް އެކްސްޕޯޓްކުރާ މަހަށް ބޮޑު އަގު ލިބޭނެ ގޮތް ހަމަޖައްސައިދިނުމަށެވެ.

ރަށްރަށުގައި ކުނި ނައްތާލުމުގެ ނިޒާމު ގާއިމްކުރުމަށް އެހީ ހޯދުމަށް އަދި ތަރައްގީގެ އެކި ދާއިރާތަކަށް ފައިނޭސް ހޯދުމާ ގުޅޭގޮތުން ވެސް، އެ ބޭފުޅުންނާއެކު އެ މަނިކުފާނު މަޝްވަރާ ކުރެއްވި އެވެ.

ޕީޕީއެމުން ބުނިގޮތުގައި ރާއްޖޭގެ ދަރަނީގެ ނިސްބަތް މިހާރު ހުރި ވަރާ ގުޅޭގޮތުން އީޔޫން އެ ބައްދަލުވުމުގައި ކަންބޮޑުވުން ފާޅުކުރި އެވެ. އެހެންވެ، ޔާމީން ރިޔާސީ ދެ ވަނަ ދައުރަކަށް ވެރިކަމަށް ވަޑައިގެންފި ނަމަ ދަރަނީގެ މައްސަލަ ހައްލުކުރާނެ ގޮތްތައް އެ ޖަމާއަތުން އޮޅުންފިލުވި ކަމަށް ވެސް ބުންޏެވެ.

ޔާމީން ވިދާޅުވީ ދަރަނީގެ މައްސަލައަކީ ހައްލުކުރަން ޖެހޭ މައްސަލައެއް ކަމަށާއި އެ މަނިކުފާނުގެ ވެރިކަމަށް ވަޑައިގެން އެކަމަށް ހައްލު ހޯއްދަވާނެ ކަމަށެވެ.

ކުރީގެ ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، އީޔޫގެ ވަފްދުން ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ޕީޕީއެމް

ކުރީގެ ރައީސް ޔާމީނާއި އިދިކޮޅު ކޯލިޝަންގެ އިސްވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި، އީޔޫގެ ވަފްދުން ބައިވެރިވެވަޑައިގެންނެވި ބައެއް ބޭފުޅުން.-- ފޮޓޯ: ޕީޕީއެމް

މި ސަރުކާރުން ދަރަނި ނަގައިގެން ބޭނުންކުރަމުންދަނީ ކޮންސިއުމަބްލް ކަންކަމަށް ކަމަށާއި އެއީ ކަންބޮޑުވާ ކަމެއްކަމަށް ޔާމީން ވިދާޅުވި އެވެ. އަދި އެ މަނިކުފާނުގެ ވެރިކަމެއްގައި ސިޔާސަތުތައް ބައްޓަން ކުރައްވާނެ ގޮތްތަކާބެހޭ ގޮތުން މައުލޫމާތު އީޔޫއާ ހިއްސާކުރެއްވި ކަމަށް އިދިކޮޅު ޕާޓީން ބުންޏެވެ.

މި ސަރުކާރުގެ މައްސަލަތަކާ ގުޅޭގޮތުން އީޔޫއާއެކު ޔާމީން މަޝްވަރާ ކުރެއްވިއިރު، އެ މަނިކުފާނުގެ ވެރިކަމުގައި ގެންގުޅުއްވި ބައެއް ސިޔާސަތުތަކާ ގުޅިގެން ރާއްޖެ އަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އީޔޫއިން ކުރިން އޮތީ ދީފަ އެވެ. އެހެންވެ، ޔާމީންގެ ވެރިކަމުގައި އީޔޫއާ ވަރަށް ބޮޑަށް ޖެހި، އެ ޖަމާއަތަށް އޭރު ވަރަށް ބޮޑަށް ފާޑުކިޔާފައި ވެ އެވެ.

އީޔޫގެ ޕާލަމެންޓުން އެ ދުވަސްވަރު ފާސްކުރި ގަރާރާ ގުޅިގެން އިސްލާހު ކުރަން ދިވެހި ސަރުކާރަށް އޭރު ހުށަހެޅި ކަންކަމުގެ ތެރޭގައި ރާއްޖެ ޑިމޮކްރެސީގެ މަގަށް ރުޖޫއަވެ، ގާނޫނުއަސާސީން ރައްޔިތުންނަށް ދީފައިވާ ހައްގުތައް އިއާދަ ކުރުމާއި އިންސާނީ ހައްގުތައް ކަށަވަރުކޮށްދިނުމުގެ އިތުރުން ރައްޔިތުންގެ މަޖިލީހާއި ޖުޑީޝަރީ، ރާއްޖޭގެ ގާނޫނީ ހަމަތަކުގެ މަތިން ހިންގުމުގެ ފުރުސަތު ދިނުން ހިމެނެ އެވެ. މީގެ އިތުރުން އިދިކޮޅު ސިޔާސީ ފަރާތްތައް ނުހައްގުން ބަންދުކޮށް ދައުވާ އުފުލުން ހުއްޓާލަން ވެސް ހުށަހަޅާފައިވެ އެވެ.

"ކުށްވެރިންތަކެއް ޖަލުގައި ތިބެގެން، ހުރިހާ އެންމެންނަކީ ޖަލުން ދޫވެފައި ތިބެން ޖެހޭނެ ބައެއް ކަމަށް އީޔޫން އަޅުގަނޑަށް ގޮވާލަނީ. އަދި މިނިވަން އިންސާފުވެރި އިންތިޚާބެއް ކަަމަށް ތިމަންނަމެން ގަބޫލުކުރާނީ، ހުރިހާ ކުށްވެރިން ވެސް ދޫކޮށްލީމައޭ، އެންމެންނަށް އިންތިޚާބުގައި ބައިވެރިވުމުގެ ޖާގަ ހޯދައިދިނީމައޭ. ނޫން، އަޅުގަނޑު އެކަމެއް ގަބޫލެއް ނުކުރާނަން،" އީޔޫގެ ނިންމުންތަކާ ގުޅޭ ގޮތުން ޔާމީންގެ ވެރިކަމުގައި އެ މަނިކުފާނު ދެއްކެވި ވާހަކަފުޅެއްގައި ވިދާޅުވެފައި ވެ އެވެ.