19 އޮކްޓޯބަރ 2018
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ޚަރަދު ކޮށްފައިވާ ކަމަށް ބުނެ އަޑު ފެތުރިފައިވީ ނަމަވެސް އެ ކުންފުނިން އެ ވާހަކަތައް ދޮގުކޮށްފި އެވެ.
މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގައި ރައީސް އަބްދުﷲ ޔާމީންގެ ކެމްޕެއިނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ން ޚަރަދު ކޮށްފައިވާ ކަމަށް ބުނެ އަޑު ފެތުރިފައިވީ ނަމަވެސް އެ ކުންފުނިން އެ ވާހަކަތައް ދޮގުކޮށްފި އެވެ.
މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރެއްވި ރައީސް ޔާމީންގެ ކެމްޕޭނަށް އެޗްޑީސީން ބޮޑެތި ހޭދަތަކެއް ކުރި ކަމަށް ބުނެ، ކެމްޕެއިން ތެރޭގައި ވެސް ވާހަކަ ދެކެވުނެވެ. އަދި އެޗްޑީސީގެ ވަސީލަތްތައް ކެމްޕެއިން ތެރޭގައި ބޭނުން ކުރި ކަމަށް ބުނެ، ފާޑު ކިއުން އަމާޒުވި އެވެ. މީގެ އިތުރުން، އެޗްޑީސީގެ މާލީ ތަނަވަސްކަން ވަރަށް ބޮޑަށް ދަށްވި އެއް ސަބަބަކީ ވެސް ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕޭނަށް އެތައް މިލިއަން ރުފިޔާއެއް އެ ކުންފުނިން ހޭދަކުރުން ކަަމަށް ވެސް ވަނީ ބެލެވިފަ އެވެ.
އެޗްޑީސީގެ އިސް އޮފިޝަލަކު "މިހާރު" އަށް އިއްޔެ ވިދާޅުވީ ރައީސް ޔާމީނަށް ތާއީދު ހޯދައިދިނުމުގެ ގޮތުން ހުޅުމާލޭގައި ބޭއްވި އެއްވެސް ކެމްޕެއިން ހަރަކާތަކަށް އެޗްޑީސީން ޚަރަދު ކޮށްފައި ނުވާނެ ކަމަށެވެ.
"ޕީޕީއެމްގެ ކެމްޕެއިނަށް އެޗްޑީސީން ގާނޫނާއި ގަވައިދުތަކާ ޚިލާފަށް ހަރަދުކޮށްފައި ނުވާނެ. އެއީ މުޅިން ދޮގު ވާހަކައެއް. އެޗްޑީސީން ހުރިހާ ކަމެއް ކުރަނީ އުސޫލުތަކުގެ ތެރެއިން،" އޮފިޝަލް ވިދާޅުވި އެވެ.
އެހެންވެ، އާންމުންގެ ތެރޭގައި ހަގީގަތާ ހިލާފު ދޮގު މައުލޫމާތުތައް އާންމު ކުރާ މީހުންނާ މެދު ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ވެސް އެޗްޑީސީން ވަނީ ދީފަ އެވެ.
ރައީސް ޔާމީންގެ ކެމްޕޭނަށް ބޮޑެތި ހޭދަތަކެއް ކުރުމުގެ ފަހަތުގައި އެންމެ އިސްކޮށް ހުންނެވީ ހުޅުމާލޭގައި ކުރިއަށް ދިޔަ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި އެޗްޑީސީގެ ސީއޯއޯ އަހުމަދު ބުންޔާމީން ކަމަށް ބުނެ، އޭނާ އަށް ބޮޑެތި ފާޑު ކިއުންތަކެއް ވަނީ އަމާޒުވެފަ އެވެ. އެކަމަކު، އޮފިޝަލް ވަނީ ބުންޔާމީންއާ ގުޅޭ ގޮތުން ދައްކަމުން އަންނަ ވާހަކަތައް ވެސް ދޮގު ކުރައްވައިފަ އެވެ.
"އެޗްޑީސީ އާއި ބުންޔާމީންއާ ގުޅޭ ގޮތުން ހަގީގަތާ ހިލާފު ވާހަކަ ފަތުރަނީ ވަކި ބޭފުޅުންތަކެއްގެ ސިޔާސީ ކުރިމަގު ކިލަނބު ކޮށްލުމުގެ ބޭނުމުގައި،" އެޗްޑީސީގެ އިސް އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، އެޗްޑީސީން ކުރި ޚަރަދުތައް ބެލުމަށް އިންޓާނަލް އޮޑިޓެއް ވަނީ ފަށައިފަ އެވެ. އެކަމަކު، އޮޑިޓާ ގުޅޭ ތަފްސީލެއް އޮފިޝަލް ވިދާޅެއް ނުވެ އެވެ. އެޗްޑީސީން އިންޓާނަލް އޮޑިޓެއް ކުރާއިރު، އެ ކުންފުނީގެ ހާއްސަ އޮޑިޓެއް ކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވެސް ވަނީ ނިންމަވައިފަ އެވެ.
"އިންޓާނަލް އޮޑިޓަށް ފަހު، ރައްޔިތުންނާ ހަމައަށް ހަގީގަތް ސާފުވެގެން ދާނެ،" އޮފިޝަލް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ ކެމްޕެއިނަށް ޚަރަދު ކޮށްފައި ނުވާނެ ކަމަށް އެޗްޑީސީން ބުނިއިރު، އެ ތަނުގެ އިސް މުވައްޒަފުންތަކެއް ހާމަކުރި ލިޔެކިޔުންތަކުން އެނގޭ ގޮތުގައި، ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ކެމްޕޭނަށް އެތައް މިލިއަން ރުފިޔާއެއް ވަނީ ޚަރަދު ކޮށްފަ އެވެ. އަދި އެކަމާ ގުޅޭ ލިޔެކިޔުންތައް ނައްތައިލަން އުޅޭ ކަމުގެ އަޑުތައް ވެސް ސޯޝަލް މީޑިއާގައި ގަދަވި އެވެ.
ނަމަވެސް، އެޗްޑީސީގެ އޮފިޝަލް ވިދާޅުވީ އެއްވެސް ލިޔެކިޔުމެއް ނައްތައިލަން މަސައްކަތް ނުކުރާ ކަމަށެވެ.
އެޗްޑީސީން ރައީސްގެ ކެމްޕޭނަށް މިލިއަނުން ހޭދަކުރި!
އެޗްޑީސީން ހެކި ނައްތާކަމުގެ ތުހުމަތު، ފިޔަވަޅު އަޅާ!
ބުންޔާމީނަށް ތުހުމަތުކުރާ 48 މިލިއަންގެ މައްސަލައެއް
ޑިއުޓީ ނުދައްކާ ބޭނުން ކުރި ޔޮޓެއްގެ މައްސަލަ ބަލަނީ
ކެއުން ހެދީ އެޗްޑީސީ އަށް، ޖަގަހައަކަށް ނޫން: ސީރާ
ބިންތަކެއް ދިނުމުގެ ތަހުގީގަށް އޭސީސީން އާބަންކޯއަށް
ވޯޓާތީމް ޕާކް ހަވާލުކުރުމުގައި ނާޖާއިޒު މަންފާތަކެއް!
އެޗްޑީސީ/ ސިޓީ ކައުންސިލް ދެބަސްވުމެއްގައި!
ޕީޕީއެމް/ޕީއެންސީއަށް ހިޔާ ފްލެޓްތައް ދައްކާލަން އެދެފި
އެޗްޑީސީގެ ޚިޔާނާތްތައް ބަލަން އޭސީސީ ވަދެއްޖެ