Roadha Mihaaru
ރިޒޭ އަށް ގައުމީ ޓީމުގެ ޖާގައެއް ހައްގު: މޯހަން

ރިޒޭ އަށް ގައުމީ ޓީމުގެ ޖާގައެއް ހައްގު: މޯހަން

22 އޮކްޓޯބަރ 2018

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އަކީ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަދި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މި ވަގުތު ރަނގަޅު ފޯމެއްގައި ހުރި ކްލަބް އީގަލްސްގެ ފޯވާޑް އަހުމަދު ރިޒްވާން (ރިޒޭ) އަކީ ގައުމީ ފުޓްބޯޅަ ޓީމުގައި ހިމެނެންޖެހޭ ކުޅުންތެރިއެއް ކަމަށް ގައުމީ ޓީމުގެ ކުރީގެ އެސިސްޓަންޓް ކޯޗު އަދި ކްލަބް އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނެފި އެވެ.

ގައުމީ ޓީމުގެ ކޯޗަކަށް ކުރިން ހުރި އޮސްޓްރޭލިއާގެ ޑަރެން ސްޓެވާޓްގެ ކޯޗުކަމުގައި ރިޒޭ އަށް ރަނގަޅު މެޗުތަކެއްގައި ކުޅުމުގެ ފުރުސަތު ލިބުނެވެ. އެ ފުރުސަތުތަކުގެ ބޭނުން ހިފައި އޭނަ ތަފާތު ދެއްކި އެވެ. އެކަމަކު ގައުމީ ޓީމުގެ ކޯޗުކަމާ ކްރޮއޭޝިއާގެ ޕީޓާ ސެގާޓް ހަވާލުވި ފަހުން އަދި މިހާތަނަށް ގައުމީ ޓީމުން ރިޒޭ އަށް ޖާގަ ލިބިފައިނުވެ އެވެ.

މޯހަން ބުނީ އޭނާގެ ނަޒަރުގައި ހުނަރާއި ފެންވަރަށް ބަލާއިރު ރިޒޭ އަށް ޓީމުން ފުރުސަތު ކުރިން ނެތް ސަބަބެއް އޭނާ އަށް ނުވިސްނުނު ކަމަށެވެ.

"މި އަހަރު ފެށުނީއްސުރެ ވެސް އަޅުގަނޑަށް ޔަގީންވާ އެއް ކަމަކީ ރިޒޭ އަކީ ގައުމީ ޓީމުގައި އިންނަން ޖެހޭ ވަރުގެ ކުޅުންތެރިއެއްކަން. އޭރު ދެއްކި ޕާފޯމަންސް ވެސް ދަށެކޭ އެއް ނުބެވޭނެ ހަމަ ޔަގީނުން ވެސް. އޭރު ވެސް ވަރަށް ރަނގަޅަށް ކުޅެމުންދިޔައީ،" މޯހަން ބުންޏެވެ.

މި ފަހަރުގެ ސާފް ސުުޒުކީ ކަޕަށް ދިރާގު ދިވެހި ޕްރިމިއާ ލީގު 70 ދުވަހަށް މެދުކަނޑާލުމަށް ފަހު އަލުން ކުޅުން ފެށި ފަހުން މި ވަގުތު ރާއްޖޭގައި އެންމެ ރަނގަޅު ފޯމެއްގައި ހުރީ ރިޒޭ އެވެ.

ރިޒޭ އެންމެ ފަހުން ކުޅުނު ފަސް މެޗުގައި ޖުމްލަ 16 ގޯލް ޖަހައިފަ އެވެ. ތ. ތިމަރަފުށި ކޮޅަށް ހަތަރު ގޯލް ޖެހިއިރު، އޭގެ ފަހުން ކުޅުނު މެޗުގައި ށ. ފޯކައިދޫ މެޗާއި ބ. ފެހެންދޫ މެޗުގައި އޭނާ މިވަނީ ހެޓްރިކް ހަދައިފަ އެވެ. އަދި މިދިޔަ ހަފްތާގައި ފުރަތަމަ ބުރުގައި ނިލަންދޫ ކޮޅަށް ދެ ލަނޑު ޖެހުމުގެ އިތުރުން ރޭ ދެ ވަނަ ބުރުގައި ނިލަންދޫ ކޮޅަށް ހެޓްރިކެއް ހެދި އެވެ.

"އަޅުގަނޑު މިހާރު އުއްމީދުކުރަނީ ޔަގީންކަމާ އެކީގައި ރިޒޭ މިހާރު ޓީމުގައި އިންނާނެކަމަށް. ފުރަތަމަ އެގާރައިގައި ވެސް ކުޅޭނެ ކަމަށް. އެއީ މި ފެންވަރުގައި ވެސް މިހާ ވަރު ކުރުމަކީ މި ދުނިޔޭގައި ވެސް ފަސޭހަ ކަމެއްހެން އަޅުގަނޑަށް ހިއެއްނުވޭ. ފަސް މެޗު ކުޅޭއިރު ގާތްގަނޑަކަށް ފަސް މެޗު ހެޓްރިކް އެ ހެދީ،" މޯހަން ބުންޏެވެ.

ގައުމީ ޓީމު އޮމާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރިޒޭ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ ޓީމު އޮމާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ރިޒޭ ބޯޅަ ފޮނުވާލަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަޅުގަނޑު ވަރަށް ޔަގީންކުރަން ގައުމީ ކޯޗަށް ވެސް މިތަން ފެންނާނެ ކަމަށް. ދެން އެ ރިޒޭގެ ހުނަރާއި ދެން ހުރި އެއްޗެއް ފެންނާނެކަން. ގައުމީ ޓީމަށް ކުރިއަށް ހުރި މެޗުތަކުގައި ފުރަތަމަ އެގާރައިގައި ވެސް (ރިޒޭ އަށް) ކުޅެވޭނެކަމަށް އަޅުގަނޑު ގަބޫލުކުރަނީ."

ގައުމީ ޓީމަށް އެންމެ އަވަހަށް އޮތް މެޗަކީ އަންނަ މަހު ތިން ވަނަ ދުވަހު މެލޭޝިއާއާ ދެކޮޅަށް އެ ގައުމުގައި ކުޅޭ އެކުވެރިކަމުގެ މެޗެވެ. މޯހަން ބުނީ ކުރިއަށް މެޗުތަކަށް ރިޒޭ ނުނަގައިފިނަމަ އެ ދެވެނީ ވަރަށް ނުރަނގަޅު މެސެޖެއް ކަމަށެވެ.

"މި ފެންވަރަށް ކުޅޭއިރު ނުނަގައިފިކަމަށްވަންޏާ މިއީ ހަގީގަތުގައި ވަރަށް ބޮޑު ދެރައެއް. އޭގެން ސާބިތުކޮށްދެނީ ކުޅުންތެރިން ބުރަކޮށް މަސައްކަތްކޮށްގެން މިހާ މޮޅަށް ކުޅުމުގެ ބޭނުމެއް ނެތްކަން ސާބިތުވެގެންދާނީ،" އޭނާ ބުންޏެވެ.

ރިޒޭ އަށް މި ވަގުތު ގިނަ ކުޅުންތެރިންގެ ތައުރީފް އަންނަނީ އޮހެމުންނެވެ. ރިޒޭ އަންނަނީ ލަނޑު ޖެހުމުގެ އިތުރުން އެހެން ކުޅުންތެރިންނަށް ލަނޑު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދެމުންނެވެ. މޯހަން ބުނީ ރިޒޭ ދައްކާ ކުޅުމަށް ތައުރީފް ހައްގުވާ ކަމަށެވެ.

"އަޅުގަނޑު އެކަންޏެއް ނޫން ހުރިހާ ބޭފުޅުންނަށް ވެސް ފެންނާނެ ދަނޑުމަތީގައި ކުޅޭ އެހެން ޓީމުތަކުގެ ކުޅުންތެރިންނާއި ކޯޗުން ވެސް ގަބޫލުކުރާނެ އެކަން. އެއްވެސް ކަހަލަ ޕާސަނަލް ކަމެއް ނޯންނާނެ ކަމަށް އުއްމީދުކުރަން ރިޒޭ މި ފަހަރު ގައުމީ ޓީމުގައި ހިމެނޭނެކަމަށް ބަލަނީ،" މި ސީޒަނުގައި 23 ލަނޑު ޖަހާފައިވާ ރިޒޭއާ ބެހޭގޮތުން މޯހަން ބުންޏެވެ.

ރިޒޭ ވަނީ މިހާތަނަށް ރާއްޖޭގެ ފުޓްބޯޅައިގެ ތަޖުރިބާކާރު ތިން ކޯޗުންނާ އެކު މަސައްކަތްކޮށްފަ އެވެ. އީގަލްސްގައި މީގެ ކުރިން އިހުސާން އަބްދުލް ގަނީ (ސާންތީ)އާ އެކު މަސައްކަތްކުރި އެވެ. މިދިޔަ ފަހަރު ޕްރިމިއާ ލީގުގައި ގދ. ތިނަދޫ ޓީމަށް ރިޒޭ ކުޅުނީ އަލީ ސުޒޭންގެ އިރުޝާދުގެ ދަށުންނެވެ. މިހާރު މޯހަންގެ ކޯޗުކަމުގައި މޮޅު ކުޅުމެއް ދައްކަމުން އަންނައިރު، މީގެ ކުރިން ސުޒޭން އާއި ސާންތީ ވެސް ވަނީ ރިޒޭ އަށް ތައުރީފްކޮށް ވާހަކަ ދައްކައިފަ އެވެ.