Roadha Mihaaru
ކްރޭން ވެއްޓުމުން 14 މީހެއްގެ ޝަރީއަތް ފަށައިފި

މައްކާގައި ކްރޭން ވެއްޓުނު ހާދިސާގައި ސައުދީ ބިލިއަނަރާ އެކު 14 މީހެއްގެ ޝަރީއަތް ފަށައިފި

11 އޯގަސްޓް 2016

ރިޔާޒް (އޮގަސްޓް 11) - މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާގެ ހަރަމްފުޅަށް ކްރޭން ވެއްޓި 110 މީހުން މަރުވި ހާދިސާގައި ސައުދީ ބިލިއަނަރަކާއި އިތުރު 13 މީހެއްގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ރިޔާޒް (އޮގަސްޓް 11) - މިދިޔަ އަހަރުގެ ހައްޖުގެ އަޅުކަމުގެ ތެރޭގައި މައްކާގެ ހަރަމްފުޅަށް ކްރޭން ވެއްޓި 110 މީހުން މަރުވި ހާދިސާގައި ސައުދީ ބިލިއަނަރަކާއި އިތުރު 13 މީހެއްގެ ޝަރީއަތް މިއަދު ފަށައިފި އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ހަރަމްފުޅަށް ކްރޭން ވެއްޓުނު ހާދިސާއާ ގުޅިގެން 290 ދުވަހުގެ ތަހުގީގަށް ފަހު ސައުދީގެ އަވަސް ނިޔާ ކޯޓުގައި ދައުވާ ކުރަނީ ސައުދީގެ ހަ މީހަކާއި ޕާކިސްތާނުގެ ދެ މީހަކާއި ޖޯޑަން، ފިލިޕީންސް، ކެނެޑާ، ޕަލަސްތީން، މިސްރު އަދި ޔޫއޭއީ ކޮންމެ ގައުމަކުން އެކެއްގެ މައްޗަށެވެ. ސައުދީ ބިލިއަނަރާ ބެހޭ މައުލޫމާތު އާއްމުކޮށްފައެއް ނުވެ އެވެ.

އަނެއްކޮޅުން މި މައްސަލައިގެ ތަހުގީގުގައި ވަނީ ވެއްޓުނު ކްރޭނުގެ ކަޅު ފޮށީގެ މައުލޫމާތު އެ ކްރޭން އުފެއްދި ޖަރުމަނުގެ ކުންފުނިން ދިރާސާކޮށްފަ އެވެ. އޭގައިވާ މައުލޫމާތުގައިވާ ގޮތުން ކްރޭން ވެއްޓުނު އިރު އޭގެ ދަނޑި ހުރީ 87 ޑިގްރީ އަށެވެ. އަދި ކްރޭން ވެއްޓުނު ދުވަހުގެ ކުރީ ދުވަހު ވައި ޖެހިފައި ވަނީ ހަޑިއަކު 80 ކިލޯ މީޓަރުގެ ބާރުމިނުގައި ކަމަށް ވެސް ކަޅު ފޮށީގެ މައުލޫމާތުން ހާމަވެފައިވެ އެވެ.

ކްރޭން ވެއްޓުނު ހާދިސާގެ ތަހުގީގުގައި ބިއުރޯ އޮފް އިންވެސްޓިގޭޝަން އެންޑް ޕަބްލިކް ޕްރޮސެކިއުޝަން (ބީއައިޕީ) އިން ވަނީ ސައުދީ ބިލް ލާދިން ގްރޫޕުގެ 170 އިންޖިނޭރުންނާއި ޓެކްނީޝަނުންނާއި މަސައްކަތު މީހުންނާ ސުވާލުކޮށްފަ އެވެ. ބީއައިޕީން ވަނީ ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ކުރި ބިން ލާދިން ގްރޫޕުގެ ސީނިއާ އޮފިޝަލުން އެ ދުވަސްވަރު ބަދަލުކޮށްފައިވާ އީމެއިލްތައް ވެސް ބަލައިފަ އެވެ. މަސައްކަތާ ގުޅޭ ހުރިހާ ލިޔުމަކާއި މެއިންޓެނެންސް ކޮންޓްރެކްޓްތައް ވެސް މުތާލިޔާކޮށްފައިވެ އެވެ. މީގެ އިތުރުން ވަނީ ކްރޭން ވެއްޓުނު ދުވަހާއި އޭގެ ކުރީ ދުވަހު ޕްރެޒިޑެންސީ އޮފް މީޓިއޮރޮޖީ އެންޑް އެންވަޔަރްމަންޓް (ޕީއީއެމް) އޮފީހުގެ މޫސުމާ ބެހޭ ރިޕޯޓްތައް ވެސް ބަލައިފަ އެވެ.

މައްކާގައި މިދިޔަ އަހަރު ހިނގި ކްރޭން ވެއްޓުމުގެ ހާދިސާގައި ހަރަމްފުޅަށް ކްރޭން ވެއްޓިފައި. --ފޮޓޯ: ރޮއިޓާސް

މައްކާގައި މިދިޔަ އަހަރު ހިނގި ކްރޭން ވެއްޓުމުގެ ހާދިސާގައި ހަރަމްފުޅަށް ކްރޭން ވެއްޓިފައި. --ފޮޓޯ: ރޮއިޓާސް

ބީއައިޕީން ވަނީ ހަރަމްފުޅުގެ ސަލާމަތީ ކަންކަން ބަލާ މައްކާގެ އުއްމުލް ގުރާ ޔުނިވާސިޓީގެ ޓެކްނިކަލް ކޮމިޓީގެ މެންބަރުންނާ ވެސް ސުވާލުކޮށްފަ އެވެ.

ވެއްޓުނު ކްރޭނުގެ ދިގު މިނުގައި 200 މީޓަރު ހުއްޓެވެ. އަދި އެ ކްރޭނުގެ ބަރުދަނަކީ 1350 ކިލޯ އެވެ.

މައްކާގެ ކްރޭން ހާދިސާއާ ގުޅިގެން ހަރަމްފުޅު ބޮޑު ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ސައުދީ ބިންލާދިން ގްރޫޕް ވަނީ ސަސްޕެންޑްކޮށްފަ އެވެ.

ކްރޭން ވެއްޓުނު ހާދިސާ އަށް ފަހު ސައުދީ ރަސްގެފާން ސަލްމާން ވަނީ އަވަސް ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އޭގެ ތެރޭގައި ބިންލާދިން ގްރޫޕަށް ސަރުކާރުގެ ކޮންޓްރެކްޓްތައް ދިނުން ހުއްޓާލުން ވެސް ހިމެނެ އެވެ. ނަމަވެސް ބިންލާދިން ގްރޫޕުން މެއި މަހު ބުނެފައި ވަނީ އެ ކުންފުނީގެ ސަސްޕެންޝަން އުވާލާފައިވާ ކަމަށެވެ. އަދި އެ ކުންފުނިން އެތައް ހާސް ބަޔަކު ވަނީ ވަކިކޮށްފަ އެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު 11 ގައި ހިނގި މި ހާދިސާގައި ވަނީ 110 މީހުން މަރުވެ 400 މީހުން ޒަޚަމްވެފަ އެވެ. ކްރޭން ވެއްޓުނީ މައްކާ އަށް އައި ބާރުގަދަ ކޮޅިގަނޑެއްގަ އެވެ. ކްރޭން ވެއްޓުނު ހާދިސާ އަށް ފަހު މިނާގައި ޖަމްރާ އަށް ހިލަ އުކަން އުޅުމުގެ ތެރޭގައި ފިތިގެން ވަނީ 2،000 މީހުން މަރުވެފަ އެވެ. މި ހާދިސާ އަށް ފަހު ވަނީ ސައުދީގެ ހައްޖު ކޮމިޓީގެ ރިޔާސަތު ބަލަހައްޓަވާ ވަލީ އަހުދު އަދި ދާޚިލީ ވަޒީރު މުހައްމަދު ބިން ނަޔާފްގެ ބެއްލެވުމުގެ ދަށުން ފުޅާ ދާއިރާއެއްގައި ތަހުގީގު ފަށައިފަ އެވެ. ނަމަވެސް ކޮމިޓީގެ ރިޕޯޓް އަދި މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. ނަމަވެސް ހައްޖުވެރިންގެ ސަލާމަތަށް ޓަކައި އާ ފިޔަވަޅުތައް އަޅާފައިވާ ކަމަށް ސައުދީ އަރަބިއާގެ ކަމާބެހޭ ފަރާތްތަކުން ވަނީ ބުނެފަ އެވެ.