Roadha Mihaaru
ޕޮލިސް ބަލިކޮށް ސިފައިން ފައިނަލަށް

ޕޮލިސް ބަލިކޮށް ސިފައިން ފައިނަލަށް

29 އޮކްޓޯބަރ 2018

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުން ޕޮލިސް ކްލަބް ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފި އެވެ.

ގައުމީ ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި ރޭ ކުޅުނު މެޗުން ޕޮލިސް ކްލަބް ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ދިވެހި ސިފައިންގެ ކްލަބް ހޯދައިފި އެވެ.

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ފޯރިގަދަ ކުޅުމަކަށް ފަހު ސިފައިން މޮޅުވީ 3-2 ސެޓުންނެވެ. މި މެޗުގެ ފުރަތަމަ ސެޓުގައި ޕޮލިހުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައިރު، ސިފައިންނަށް ގިނަ ގޯސްތަކެއް ހެދުނެވެ. އޭގެ ފައިދާ ނަގައި ޕޮލިހުން ސެޓު ގެންދިޔައީ 25-12 އިންނެވެ. ފުރަތަމަ ސެޓު ގެެއްލުމުން ސިފައިން ދެ ވަނަ ސެޓުގައި ކުޅުން ރަނގަޅުކުރި އެވެ. ނަތީޖާއަކަށްވީ ސިފައިން 18-25 އިން މި ސެޓު ގެންދިއުމެވެ.

ސިފައިންނަށް، ދެ ވަނަ ސެޓުގައި ދެއްކި ކުޅުން ތިން ވަނަ ސެޓުގައި ތަކުރާރުކުރަން އުނދަގޫވި އެވެ. ޕޮލިހުން ވަނީ އާ ހިތްވަރެއްލައިގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. ޕޮލިސް މި ސެޓު ގެންދިޔައީ 25-19 އިންނެވެ. އެކަމަކު ދެން ކުޅުނު ދެ ސެޓުގައި ޕޮލިހަށް އެދެވޭ ކުޅުމެއް ނުދެއްކުނެވެ. ސިފައިންނަށް ކުޅެމުން އަންނަ ޕާކިސްތާން ގައުމީ ޓީމުގެ ކުޅުންތެރިއާ މުހައްމަދު ވަސީމް ވަނީ އެ ދެ ސެޓުގައި މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ޓީމުން މެޗު ކާމިޔާބުކުރީ ފަހު ދެ ސެޓު 22-25 އަދި 12-15 އިން ގެންގޮސްގެންނެވެ.

އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލުގައި ސިފައިންނާ ދެކޮޅަށް ކުޅޭ ޓީމެއް އެނގޭނީ މިރޭ ކުޅޭ ތިން ވަނަ ސެމީންނެވެ. މިރޭގެ މެޗުގައި ޕޮލިސް ނުކުންނާނީ އިއްޔެގެ ފުރަތަމަ ސެމީން މޮޅުވި ހުޅުމާލެ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ހުޅުމާލެ ތިން ވަނަ ސެމީން ޖާގަ ހޯދީ ދެ ވަނަ ސެމީގައި އިއްޔެ ހަވީރު ގުޑީސް ސްޕޯޓްސް ކްލަބްގެ މައްޗަށް 3-2 ސެޓުން ކުރި ހޯދައިގެންނެވެ. މި މެޗުގެ ފުރަތަމަ ސެޓު ހުޅުމާލެ އިން ގެންދިޔައީ 25-21 އިންނެވެ. ހުޅުމާލެ އިން ދެ ވަނަ ސެޓު ގެންދިއުމުން ގުޑީސް ކުޅުން ރަނގަޅުކޮށް ދެން ކުޅުނު ދެ ސެޓު ގެންދިޔަ އެވެ. ގުޑީސް ޓީމުގައި މޮޅު ކުޅުމެއް ދެއްކީ އެސޯސިއޭޝަން ކަޕްގައި ހުޅުމާލެ އަށް ކުޅުނު ހުސެއިން ރައްޒާން އާއި ބިދޭސީ ކުޅުންތެރިއާ ޖެރޯމް އެވެ. އެ ދެ ކުޅުންތެރިންގެ މޮޅު ކުޅުމާ އެކު ގުޑީސް ސެޓުތައް ގެންދިޔައީ 23-25، 21-25 އެވެ،

ހުޅުމާލެ އިން މެޗު ކާމިޔާބުކުރީ ފަހު ދެ ސެޓު ގެންގޮސްގެންނެވެ. އެ ޓީމުން ވަނީ ކުރިން ދެ ސެޓުގައި ހެދުނު ގޯސްތައް މި ދެ ސެޓުގައި ރަނގަޅުކޮށްފަ އެވެ. އިސްމާއިލް ސާޖިދު (ކުޑަކާއްޓެ) އާއި ބިދޭސީ ކުޅުންތެރިއާ އަމިތުގެ މޮޅު ކުޅުމާ އެކު ހުޅުމާލެ އިން ފަހު ދެ ސެޓު ގެންދިޔައީ 25-19 އަދި 15-12 އިންނެވެ.

ހުޅުމާލެއާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ޕޮލިސް ވަނީ މޮޅުވެފަ އެވެ. މި ދެ ޓީމު މިރޭ ކުޅޭ މެޗު ފަށާނީ 20:30 ގަ އެވެ.