Roadha Mihaaru
ޕޮލިސް ބަދަލު ހިފުމަކަށް، ސިފައިން ތަށި ދިފާއުކުރަން

ޕޮލިސް ބަދަލު ހިފުމަކަށް، ސިފައިން ތަށި ދިފާއުކުރަން

31 އޮކްޓޯބަރ 2018

ފަންސާސް ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ދިވެހި ސިފައިންގެ ކްލަބްގެ އަމާޒަކީ އެ ޓީމުން އެންމެ ސަމާލުކަން ދޭ މުބާރާތުގެ ތަށި ދިފާއުކުރުމެވެ. އަނެއްކޮޅުން ޕޮލިސް ކްލަބް ނުކުންނާނީ އެސޯސިއޭޝަން ކަޕް ފައިނަލުންވި ބަލީގެ ބަދަލުހިފުމަކަށެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ފަންސާސް ވަނަ ގައުމީ ވޮލީބޯޅަ މުބާރާތުގެ ފައިނަލުގައި މިރޭ ދިވެހި ސިފައިންގެ ކްލަބްގެ އަމާޒަކީ އެ ޓީމުން އެންމެ ސަމާލުކަން ދޭ މުބާރާތުގެ ތަށި ދިފާއުކުރުމެވެ. އަނެއްކޮޅުން ޕޮލިސް ކްލަބް ނުކުންނާނީ އެސޯސިއޭޝަން ކަޕް ފައިނަލުންވި ބަލީގެ ބަދަލުހިފުމަކަށެވެ.

މި ފަހަރުގެ ވޮލީ ސީޒަނުގެ ފިރިހެން ޑިވިޝަނުގައި އެންމެ ފޯރިގަދަ ކުރިމަތިލުންތައް ފެނިގެންދިޔައީ މި ދެ ޓީމު ވާދަކުރި މެޗުތަކުންނެވެ. މި ދެ ޓީމު ވަނީ މި އަހަރު މިހާތަަނަށް ތިން ފަހަރެއްގެ މަތިން ކުޅެފަ އެވެ. އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ސެމީގައި ޕޮލިހުން ވަނީ ސިފައިންގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެކަމަކު އެ މުބާރާތުގެ ފައިނަލުން ސިފައިން ވަނީ ޕޮލިސް ބަލިކޮށްފަ އެވެ. އަދި މި މުބާރާތުގެ ފައިނަލުން ސިފައިން ފުރުސަތު ހޯދީ ފުރަތަމަ ސެމީގައި ޕޮލިހުގެ މައްޗަށް ކުރިހޯދުމަށް ފަހު އެވެ.

ޕޮލިހުން ފައިނަލުގެ ޖާގަ ހޯދީ ހުޅުމާލެ ސްޕޯޓްސް ކްލަބްގެ މައްޗަށް ތިން ވަނަ ސެމީގައި ކުރިހޯދައިގެންނެވެ. އެ މެޗަށް ފަހު ޕޮލިހުގެ ކޯޗު ހާލިދު މުހައްމަދު ބުނީ ޕޮލިސް އޮތީ ފައިނަލަށް ކެތްމަދުވެފައި ކަމަށެވެ.

"ފައިނަލެއްގައި ސިފައިންނާ ވާދަކޮށްލަން ލިބުނީމަ ވަރަށް ބޮޑަށް އުފާވޭ. އަޅުގަނޑުމެން މި ތިބީ މި ކަހަލަ ފައިނަލެއް އަދި އެއް ފަހަރު ކުޅެލަން ލިބޭނެ ކަމުގެ އުއްމީދުގައި. އެ މަސައްކަތް މި ކުރީ. އިރާދަކުރެއްވިއްޔާ ނަތީޖާ ނެރުމަށްޓަކައި ޕޮލިސް ކްލަބްގެ ޓީމު ގަދައަޅާ މަސައްކަތްކުރާނެ ކަމުގެ ޔަގީންކަން ސަޕޯޓަރުންނަށް ދެން،" ހާލިދު ބުންޏެވެ.

މި މަހު ކުރީކޮޅު ކުޅުނު އެސޯސިއޭޝަން ކަޕްގެ ފުރަތަމަ ސެމީން ސިފައިން އަތުން ޕޮލިސް މޮޅުވުމުން ފައިނަލަށް ރަނގަޅަށް ތައްޔާރުވާން ވަގުތު ލިބުނެވެ. އެކަމަކު ސިފައިން ވަނީ ތިން ވަނަ ސެމީ ކުޅުނުތާ 24 ގަޑިއިރު ތެރޭ ފައިނަލުގައި ކުޅެ ޕޮލިސް ބަލިކޮށްފަ އެވެ. މި ފަހަރުގެ ފައިނަލަށް ނުކުންނައިރު ތައްޔާރުވާން ސިފައިންނަށް ގިނަ ވަގުތު ލިބުނެވެ. ޕޮލިސް ފައިނަލުގައި ކުޅޭނީ 24 ގަޑިއިރަށް ފަހު އެވެ.

ޕޮލިހުގެ ކޯޗު ހާލިދު މީޑިއާ އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕޮލިހުގެ ކޯޗު ހާލިދު މީޑިއާ އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

"ފިޒިކަލީ ފިޓްވުމުގެ އިތުރުން މެންޓަލީ ވެސް ފިޓްވާން ޖެހޭ. އެއީ މުބާރާތަކަށް އަންނައިރު އެންމެ މުހިއްމު ކަންތައް. ސައްވީސް ގަޑިއިރު ތެރޭ ރިކަވާވާނެތީ އިންޓަނޭޝަނަލް މުބާރާތްތަކުގައި ވެސް އެހެން މެޗުތައް އޮންނަނީ. މީގެ އޮތީ ހިތްވަރު ކުރުން،" ހާލިދު ބުންޏެވެ.

މި މުބާރާތުގައި ޕޮލިހަށް އެންމެ މޮޅު ކުޅުމެއް ދައްކަނީ އެ ޓީމުގެ ތަރި އަލީ ހުޒާމް (ހުޒާންޓެ) އެވެ. ޕާކިސްތާންގެ ގައުމީ ޓީމުގެ ކުޅުންތެރިއާ މުރާދު ޖީހާންގެ ފަރާތުން ވެސް މޮޅު ކުޅުމެއް ފެނެ އެވެ. ކޯޗު ހާލިދު ބުނީ ހުޒާންޓެގެ ބޭނުން ބޮޑަށް ހިފިވަރަކަށް އެ ޓީމަށް ކުރާފައިދާ ބޮޑުވާނެ އެވެ.

"ހުޒާމް އަކީ ރާއްޖޭގައި ހުރި އެންމެ މޮޅު އެއް ކުޅުންތެރިއާ. އޭނާގެ ބޭނުން ޓީމުން ބޮޑަށް ހިފި ވަރަކަށް އެ ތަފާތު އޭނަ ދައްކާނެ. އޭނަގެ ބޭނުން ރަނގަޅަށް ފައިނަލުގައި ހިފިއްޖެ ނަމަ އަޅުގަނޑުމެންނަށް ޗެމްޕިއަންކަން ލިބުން ވަރަށް ގާތް،" ހާލިދު ބުންޏެވެ.

ގައުމީ ފައިނަލަށް އަބަދުވެސް ސިފައިން ތައްޔާރުވާނެ

މިދިޔަ އަހަރުގެ އެސޯސިއޭޝަން ކަޕާއި ގައުމީ ލީގު ގެންދިޔައީ މޯލްޑިވިއަން ސްޕޯޓްސް އެންޑް ރެކްރިއޭޝަނުންނެވެ. އެކަމަކު ގައުމީ ފައިނަލުގައި މުޅި މަންޒަރު ބަދަލުވީ ސިފައިން ދެއްކި ހިތްވަރުންނެވެ. ގައުމީ ފައިނަލުގައި ދެއްކި އާދަޔާހިލާފު މޮޅު ކުޅުމާ އެކު މިދިޔަ އަހަރު ސިފައިން ވަނީ ތަށި އުފުލާލައިފަ އެވެ.

މިރޭ ޕޮލިހާ ދެކޮޅަށް ނުކުންނައިރު އެ ޓީމާ މެދު ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށް ސިފައިންގެ ކޯޗު މުމްތާޒް އަލީ (މުންތޭ) ވަނީ ބުނެފަ އެވެ.

"މިއީ ވަރަށް އުނދަގޫ ފައިނަލަކަށްވާނެ. އެއީ އަޅުގަނޑުމެން މި ވަނީ ޕޮލިހުން އެންމެ ބޭނުންވި ދެ މެޗުން މީގެ ކުރިން މޮޅުވެފައި. އެއީ އެސޯސިއޭޝަން ކަޕް ފައިނަލާއި މި މުބާރާތުގެ ފުރަތަމަ ސެމީ ފައިނަލު. އެހެންވީމަ ޕޮލިހުން ވަރަށް ބޭނުންވާނެ މި މެޗުން މޮޅުވާން. އެކަމަކު އަޅުގަނޑު ދަންނަވާނީ ސިފައިން އަބަދުވެސް ގައުމީ ފައިނަލަށް ތައްޔާރުވާނެއޭ. އެ ޔަގީންކަމާ އެކު ތަށި ހޯދަން ފައިނަލަށް ނުކުންނާނީ،" މުންތޭ ބުންޏެވެ.

ޕޮލިހުގެ ކޯޗު މުންތޭ މީޑިއާ އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޕޮލިހުގެ ކޯޗު މުންތޭ މީޑިއާ އަށް އިންޓަވިއުދެނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ފައިނަލަށް ނުކުންނައިރު މުންތޭ އަށް އޮތް އެންމެ ބޮޑު ބޮލުގެ ރިހުމަކީ ޓީމުގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު އަބްދުލް ކަރީމް (ލޯންގޭ) އާއި ޕާކިސްތާންގެ ކުޅުންތެރިއާ މުހައްމަދު ވަސީމް އެއްކޮށް ފިޓްނުވުމެވެ.

"ލޯންގޭ ވަރަށް ބޮޑަށް ކަކުލުގެ އިންޖަރީއެއްގައި އުޅެނީ. ދެން ޕާކިސްތާން ކުޅުންތެރިއާ (ވަސީމް) ވެސް ހުރީ ހުން އައިސްފައި. އެކަމަކު މި ދެ ކުޅުންތެރިން އެއްކޮށް ފިޓް ނޫނަސް މެޗުގެ އޮއިވަރު ދާގޮތް ބަލާފައި ބޭނުން ކުރަމުންދާނަން. ސިފައިންގެ ބަދަލަށް ތިބި ކުޅުންތެރިން ވެސް ހިތްވަރު ނެރޭނެ. އެއީ އުއްމީދު ބޮޑުވާ ސަބަބަކީ. ހުރިހާ ކުޅުންތެރިން ވެސް ތިބީ އެއް ރޫހެއްގައި،" މުންތޭ ބުންޏެވެ.

ފުރަތަމަ ސެމީ ފައިނަލުގައި ސިފައިންގެ ޓީމުގެ ކުޅުންތެރިއާ އާދަމް ނަސީމް (އެޑަމް) ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ.

ގައުމީ މުބާރާތުގެ ފައިނަލުގައި ޕޮލިހާއި ސިފައިން ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ. މެޗު ކުޅޭނީ ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓުގަ އެވެ.