Roadha Mihaaru
ނިއު ބަލިކޮށް އީގަލްސް އެއް ވަނަ އަށް

ނިއު ބަލިކޮށް އީގަލްސް އެއް ވަނަ އަށް

13 އޯގަސްޓް 2016

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓް އަތުން 2-0 އިން މޮޅުވެ ކްލަބް އީގަލްސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އުރީދޫ ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ނިއު ރޭޑިއަންޓް އަތުން 2-0 އިން މޮޅުވެ ކްލަބް އީގަލްސް ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

އީގަލްސް އެއް ވަނަ އަށް އެރީ ދެ ވަނައިގައި އޮތް މާޒިޔާ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. އެޓީމަށް ވަނީ 12 މެޗުން 26 ޕޮއިންޓް ލިބިފަ އެވެ. މާޒިޔާ އަށް 11 މެޗުން ލިބިފައިވަނީ 24 ޕޮއިންޓެވެ. ލީގުގައި މިރޭ ވެލެންސިއާއާ ދެކޮޅަށް ކުޅޭ މެޗުން މާޒިޔާ މޮޅުވެއްޖެނަމަ އެ ޓީމަށް އަލުން އެއް ވަނަ ލިބޭނެ އެވެ.

ނިއު އޮތީ ކުޅުނު 12 މެޗުން ލިބުނު 13 ޕޮއިންޓާ އެކު ލީގުގެ ހަ ވަނައިގަ އެވެ.

ރަސްމީ ބޯޅަ ދަނޑުގައި މިއަދު ކުޅުނު މެޗު ފެށިގެން ހަ ވަނަ މިނިޓްގައި ނިއުގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ)ގެ ކޮނޑުހުޅަށް ލިބުނު އަނިޔާއެއްގެ ސަބަބުން އޭނާ ވަނީ ބާލައިފަ އެވެ. އޭގެ ފަހުން ނިއުގެ ފަހަތަށް ކުޅޭ ވެލިޗްކޯ މިޓްކޯވް އާއި ސެގުން މައިކަލް ވެސް ވަނީ އަނިޔާވެގެން ބަދަލުކޮށްފަ އެވެ.

މި މެޗުގެ ފުރަތަމަ ހަމަލާ މެޗުގެ 15 ވަނަ މިނިޓްގައި އުފެއްދީ އީގަލްސް އިންނެވެ. ނިއުގެ އޭރިއާ ތެރެއިން އީގަލްސްގެ މެސެޑޯނިއޯ ފޯވާޑް ރިސްޓޭ ނައުމޯވް ފޮނުވާލި ހަމަލާ ނިއުގެ ކުޅުންތެރިއަކު ގައިގައި ޖެހިފައި ލިބުނީ އީގަލްސްގެ އަހުމަދު ރިޒުވާން (ރިޒޭ) އަށެވެ. ރިޒޭ ފޮނުވާލި ބޯޅަ ނިއުގެ ކީޕަރު ޔުން ކޯޗީ އަތުގައި ޖެހިފައި އީގަލްސްގެ މުސްތަފާ ސެޑިކް އަށް ލިބުމުން އޭނާ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑި އަށެވެ.

އޭގެ ހަތަރު މިނިޓް ފަހުން އީގަލްސް އަށް ލީޑު ނަގައިދިނީ މި ސީޒަނުގައި އެ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސެޑިކެވެ. މެޗުގެ 19 ވަނަ މިނިޓްގައި އަހުމަދު ޒާދު ހުސްކޮށްލާފައި ސެޑިކަށް ދިން ބޯޅަ އޭނާ ވަނީ ފަސޭހަކަމާ އެކު ކީޕަރު ކޯޗީ އަތްމަތިން ގޯލަށް ވައްދާލައިފަ އެވެ.

ފުރަތަމަ ހާފްގައި ނިއު އިން އެންމެ ރަނގަޅު ދެ ހަމަލާއެއް ފޮނުވާލީ ހަމްޒާ މުހައްމަދު (ހަމްޕު) އާއި ކޮސޯވޯ ފޯވާޑް އަޑިސް ސަލީހީ އެވެ. ހަމްޕު ނެގި ކޯނަރު ގޯލަށް ވަންނަން ދަނިކޮށް އީގަލްސްގެ ލަންކާ ކީޕަރު ސުޖަން ޕެރޭރާ މަތަކުރިއިރު، ސަލީހީ ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއްނުވި އެވެ.

ދެ ވަނަ ހާފް ފެށިގެން ފުރަތަމަ މިިނިޓްގައި ސެޑިކް ވަނީ ލިބުނު ޕެނަލްޓީ އަކުން އީގަލްސްގެ ލީޑު ފުޅާކޮށްދީފަ އެވެ. މި ޕެނަލްޓީ އަކީ ނިއުގެ އޭރިއާ ތެރެއިން ސެޑިކް އަށް ނިއުގެ މުހައްމަދު ކަރަމް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީ އެކެވެ.

ތިން ވަނަ ލަނޑެއް ޖަހަން އީގަލްސް އަށް ހުސް ފުރުސަތުތަކެއް ލިބުނެވެ. މެޗުގެ 65 ވަނަ މިނިޓްގައި ސެޑިކް ދިން ބޯޅަ އަކުން ނިއު އޭރިއާ ތެރޭގައި ހުސްކޮށްހުރެ ރިޒޭ ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ. އަދި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެ ވަނަ ހާފްގައި ކުޅެން އެރި އަހުމަދު ރާއިފް އަށް ވެސް ލަނޑު ޖަހަން ރަނގަޅު ދެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ.

މި ހާފްގައި ނިއުގެ މުހައްމަދު މުސްލިހު (މުއްޓި) އާއި އިއްޒަތު އަބްދުލް ބާރީ ފޮނުވާލި ދެ ބޯޅަ އީގަލްސް ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

ނިއު އަތުން ފުރަތަމަ ބުރުގައި ކުޅުނު މެޗުން އީގަލްސް މޮޅުވީ 1-0 އިންނެވެ. މި މެޗުން ލިބުނު މޮޅާ އެކު އީގަލްސް ވަނީ ބަލިނުވެ 12 މެޗު ހަމަކޮށްފަ އެވެ. ލީގުގައި މިރޭ ކުޅޭ މެޗުގައި ވެލެންސިއާ ބައްދަލުކުރާނީ މާޒިޔާއާ އެވެ. މެޗު ފަށާނީ 21:00 ގަ އެވެ.