Roadha Mihaaru
ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް

ވިކްޓަރީ ބަލިކޮށް ނިއު އަށް ހަމަޖެހުމެއް

30 އޮކްޓޯބަރ 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ 3-1 އިން ބަލިކޮށް ނިއު ރޭޑިއަންޓަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ވިކްޓަރީ 3-1 އިން ބަލިކޮށް ނިއު ރޭޑިއަންޓަށް ހަމަޖެހުމެއް ލިބިއްޖެ އެވެ.

އެންމެ ފަހުން ޓީސީއާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމުން ލީގު ދިފާއުކުރުމުގެ ފުރުސަތު ނިއު އަށް ވަނީ ގާތްގަނޑަކަށް ގެއްލިފަ އެވެ. އެއީ ލީގުގެ އެއް ވަނައިގައި އޮތް ޓީސީއާ އަމިއްލަ ބާރުގައި ހަމަކުރުމުގެ ފުރުސަތު ނިއު އަށް ގެއްލުމުންނެވެ. ލީގުގެ ގަދަ ދޭއްގައި ނިންމަން މިއަދުގެ މެޗުން މޮޅެއް ހޯދުން އޮތީ ނިއު އަށް މަޖުބޫރުވެފަ އެވެ. މި މެޗުން ލިބުނު ތިން ޕޮއިންޓަކީ ނިއު އަށް ކުޑަ ހަމަޖެހުމެކެވެ.

ޓީސީ ލީގުގެ އެއް ވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހަމަކޮށްގެންނެވެ. ދެ ވަނައިގައި އޮތް މާޒިޔާ އަށް 12 މެޗުން 28 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އީގަލްސް އޮތީ 12 މެޗުން 26 ޕޮއިންޓާ އެކު އެވެ. ނިއު ހަތަރު ވަނައިގައި އޮތީ 12 މެޗުން 24 ޕޮއިންޓާ އެކު އެވެ.

މިއަދުގެ މެޗަށް ނުކުތްއިރު ދެ ޓީމަށް ވެސް ވަނީ ސަސްޕެންޝަނުގެ މައްސަލަ ކުރިމަތިވެފަ އެވެ. ވިކްޓަރީގެ މުހިއްމު ދެ ކުޅުންތެރިން ކަމަށްވާ އަހުމަދު ވިސާމް (ޖެރާޑް) އާއި އާދަމް އިޝާމް (ސަން) ދެ ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޝަނުގައި ހުރިއިރު، ނިއުގެ ހަމްޒާ މުހައްމަދު (ހަމްޕު) ވެސް ހުރީ ސަސްޕެންޝަނުގަ އެވެ. އަދި ނިއުގެ ކީޕަރު މުހައްމަދު ފައިސަލް އަނިޔާގައި ހުރުމުން އޭނާގެ ބަދަލުގައި ގޯލު ބެލެހެއްޓީ ހަސަން އަބްދުލް ހަކީމް އެވެ.

މެޗު ފަށައިގެން ނިއު އަށް ތިން ވަނަ މިނިޓްގައި ލީޑުނަަގައިދޭން ރުވާންޑާގެ ފޯވާޑް އަތުހިއޭ ކިޕްސަން ޖެހި ބޯޅަ ވިކްޓަރީގެ ކީޕަރު މުހައްމަދު އިމްރާން ވަނީ މަތަކޮށްފަ އެވެ. ވިކްޓަރީގެ ފުރަތަމަ ފުރުސަތު ލިބުނީ އެ ޓީމުގެ މިރާހު މުހައްމަދު (މިރަޓީ) އަށެވެ. ކައުންޓައެޓޭކުގައި ލިބުނު ފުރުސަތަކުން މިރާހު އޭރިއާ ތެރެއަށް ބޯޅަ ހިފައިގެން ވަދެ ޖެހި ބޯޅަ ނިއު ކުޅުންތެރިން ވަނީ ހުއްޓުވައިފަ އެވެ.

ނިއު އިން ގާތްގާތުގައި އެޓޭކްތަށް ކުރަމުން ދިޔައިރު ކިޕްސަން އާއި ސެންޓޭ ޖެހި ބޯޅަތައް ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ. ކިޕްސަން އަށް ގޯލު ކުރިމަތިން މުޅިން ހުސްކޮށް ލިބުނުއިރު އެންމެ ރަނގަޅަށް ފޮނުވާލެވޭ ގޮތް ނުވި އެވެ.

އޭގެ ފަހުން މެޗުގެ 26 ވަނަ މިނިޓްގައި ނިއުގެ ހަސަން އަދުހަމް (ސަޑޭ) އޭރިއާ ތެރެއިން ޖެހި ބޯޅަ ކީޕަރު އިމްރާން ވަނީ މަތަކޮށްފަ އެވެ. އަދި މުހައްމަދު އުމެއިރު ބޮލުން ޖެހި ބޯޅައެއް ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ނިއު އަށް ލީޑުނަގައިދިނީ މެޗުގެ 45 ވަނަ މިނިޓްގައި އިމްރާން ނަޝީދު އެވެ. ހިސާމް ސަލީމް (ކޮކީ) ނަގައިިދިން ހުރަހަކުން އިމްރާން ނަޝީދު އެއް ފަަހަރުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ތިރީ ކަނަށެވެ.

ނިއުގެ އަކުރަމް (ކ) އަށް ވިކްޓަރީގެ ޝިހުބާން ފައުލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނިއުގެ އަކުރަމް (ކ) އަށް ވިކްޓަރީގެ ޝިހުބާން ފައުލުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ތިން ވަނަ މިނިޓްގައި ސެންޓޭ ވަނީ ނިއުގެ ލީޑުފުޅާކޮށްދީފަ އެވެ. އޭނާ މި ލަނޑު ޖެހީ ކޮކީ ދިން ބޯޅައަކުންނެވެ. ސެންޓޭ ލަނޑު ޖެހުމުގެ ކުރިން އުމެއިރަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ.

ނިއުގެ ތިން ވަނަ ލަނޑު ޖެހީ ކިޕްސަން އެވެ. ވިކްޓަރީގެ ކީޕަރު އިމްރާން އަތުން ދޫވި ބޯޅައެއް އޭރިއާތެރެއިން ލިބުނީ ކިޕްސަން އަށެވެ. އޭނާ ވަނީ ފަސޭހަކަމާ އެކު އެ ބޯޅަ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. އޭގެ މިނިޓެއް ފަހުން އަހުމަދު ރަޝީދު (އައްމަޑޭ) ވަނީ ވިކްޓަރީ އަށް ލަނޑެއް ކާމިޔާބު ކޮށްދީފަ އެވެ. އޭރިއާތެރެއިން އައްމަޑޭ ޖެހި ބޯޅަ ގޯލަށް ވަނީ އަރިމަތީ ދަނޑީގައި ޖެހިފަ އެވެ.

މެޗުގެ 64 ވަނަ މިނިޓްގައި ނިއު އިން ހަތަރު ވަނަ ލަނޑެއް ޖެހުމާ ގާތަށް ޖެހިލި އެވެ. އޭރިއާބޭރުން އުމެއިރު ޖެހި ބޯޅަ ކީޕަރު އިމްރާން އަތުގައި ޖެހިފައި އަމާޒުވީ ގޯލު ދަނޑިއަށެވެ. ވިކްޓަރީގެ ހުސެއިން ނިހާން (ނިހާޓް) މެޗުގެ 82 ވަަނަ މިނިޓްގައި އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އޭގެ ފަހުން އިތުރު ވަގުތުގައި އުމެއިރު ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

މެޗަށް ފަހު ނިއުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މެޗަށް ނުކުތީ މިއީ ވަރަށް ގިނަ ގޮތްގޮތުން މުހިއްމު މެޗެއް ކަމަށް ދެކިގެން ކަމަށެވެ.

"އައީ ކޮންމެ ގޮތެއްވިޔަސް މޮޅުވަން. އެއީ އަދި ލީގުގެ އެއް ވަނަ ނުލިބުނު ކަމުގައި ވިޔަސް ނިއު ރޭޑިއަންޓް އެބަޖެހޭ އެންމެ ފަހު މިނިޓާ ހަމައަށް އެ މަގާމަށް ފައިޓްކުރަން. ލީގެއް ވީމަ ޓީސީ އަތުން ވެސް ޕޮއިންޓްތަކެއް ގެއްލޭނެ ކަމަށް މި ބަލަނީ. މިސާލަކަށް ހަތަރު ވަނައިގައި ނިންމާލުމަށް ވުރެން ދެ ވަނަ ވެސް ރަނގަޅު." ސޮބާ ބުންޏެވެ.

"މި މެޗުގެ ފުރަތަމަ ހާފުގައި ކުޅުންތެރިންގެ މޯރަލް ދަށްވެފައި ހުރުމުން ރަނގަޅަށް ނުކުޅެވުނު. އެކަމަކު ދެ ވަނަ ހާފުގައި ވަރަށް ގިނަ ފުރުސަތުތަކެއް ހޯދައި މޮޅަށް ކުޅެފި. މިއީ ކުޅުންތެރިންގެ ކޮންފިޑެންސަށް ބަލާއިރު މުހިއްމު މޮޅެއް."

ވިކްޓަރީގެ އެސިސްޓަންޓް ކޯޗު އަހުމަދު ނިޔާޒް (ނިޔާ) ބުނީ މުހިއްމު ދެ ކުޅުންތެރިން ސަސްޕެންޝަނުގެ ސަބަބުން ނުލައި ކުޅެން ޖެހުމުން އޭގެ ސަބަބުން މައްސަލަތަކެއް ދިމާވި ކަމަށާއި ތިބި ކުޅުންތެރިން ވެސް މެޗުގައި ދެއްކި ކުޅުން ފާހަގަކުރާ ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ޓީސީ ނުކުންނާނީ ށ.ފޯކައިދޫއާ ދެކޮޅަށެވެ.