Roadha Mihaaru
ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް

ނިލަންދޫ ބަލިކޮށް ނިއު ތިން ވަނަ އަށް

07 ނޮވެމްބަރ 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހު ވަގުތު ޖެހި ގޯލުތަކާ އެކު ފ. ނިލަންދޫ އަތުން 5-2 އިން މޮޅުވެ ނިއު ރޭޑިއަންޓް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފަހު ވަގުތު ޖެހި ގޯލުތަކާ އެކު ފ. ނިލަންދޫ އަތުން 5-2 އިން މޮޅުވެ ނިއު ރޭޑިއަންޓް ލީގުގެ ތިން ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ ހަތަރު ވަނައިގައި އޮތް އީގަލްސް އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެން ނިއު ތިން ވަނަ އަށް ޖެހިލީ 13 މެޗުން 27 ޕޮއިންޓާ އެކު އެވެ. ހަތަރު ވަނައިގައި އޮތް އީގަލްސް އަށް 12 މެޗުން ލިބިފައިވަނީ 26 ޕޮއިންޓެވެ. އީގަލްސް ކުޅޭ މެޗުގައި މާދަމާ ހަވީރު ކުޅޭނީ ށ. ފޯކައިދޫއާ އެވެ. އެ މެޗު އެއްވަރުކޮށްލައިގެން ވެސް އަލުން އީގަލްސް އަށް ތިން ވަނަ އަށް އެރޭނެ އެވެ.

ލީގުގެ ފުރަތަމަ ބުރުގައި ނިލަންދޫ އަތުން ނިއު އަށް ލިބުނީ އުނދަގޫ މޮޅެކެވެ. މިއަދުގެ މެޗަށް ނިކުތްއިރު ނިއު އަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ އެންމެ ފަހު ފަރިތަކުރުންތަކުގައި މުހައްމަދު ރަޝީދު (ހޮކޭ) އަށް އަނިޔާވެ ކުޅުމާ ދުރަށްދާން ޖެހުމެވެ. ހޮކޭގެ މަގާމަށް ކުޅުނީ ތުރުކުމެނިސްތާންގެ އާމިރު ގުރުބާނީ އެވެ. އަނިޔާގެ ސަބަބުން ކުޅުމާ ދުރުގައި ހުރި ގޯލްކީޕަރު މުހައްމަދު ފައިސަލްގެ ބަދަލުގައި މި މެޗުގައި ވެސް ކުޅުނީ ހަސަން އަބްދުލް ހަކީމް އެވެ.

މެޗު ފަށައިގެން ހަ ވަނަ މިނިޓްގައި ނިއުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު ބޯޅައިން އޭނާ ފޮނުވާލި ހަމަލާ ދިޔައީ ހުރަސްދަނޑިމަތިންނެވެ. މެޗުގެ 14 ވަނަ މިނިޓްގައި ނިއުގެ އިމްރާން ނަޝީދު ބޮލުން ޖެހި ބޯޅަ ނިލަންދޫގެ ކީޕަރު އަލީ ސޮބާހު ވަނީ މަތަކޮށްފަ އެވެ.

އޭގެ ތިން މިނިޓް ފަހުން ނިލަންދޫ އިން ވަނީ ލީޑުނަގައިފަ އެވެ. މެޗުގެ 17 ވަނަ މިނިޓްގައި ނިލަންދޫގެ ބިދޭސީ ކުޅުންތެރިއާ ލޫކަސް ހިލޭ ޖެހުމަކުން ޖެހި ބޯޅަ ނިއުގެ ކީޕަރު ހަސަން ހިފަން އުޅުމުގެ ތެރޭގައި އޭނާ އަތުގައި ޖެހިފައި ބޯޅަ ވަނީ ގޯލަށެވެ.

ނިލަންދޫ އަށް ލީޑު ހިފަހައްޓާލެވުނީ ތިން މިނިޓް ވަންދެނެވެ. މެޗުގެ 20 ވަނަ މިނިޓްގައި ނިއުގެ ސްޕެއިން މިޑްފީލްޑަރު ކަންޑޭލާ ޖެހި ހިތްގައިމު ގޯލުން އެ ޓީމު ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. އޭރިއާ ބޭރުގައި ހުރި ކަންޑޭލާ އަށް ބޯޅަ ލިބުމުން އެއް ފަހަރުން ޖަހައި އޭނާ ވަނީ އެ ބޯޅަ ގޯލުގެ ތިރީ ކަނަށް އަމާޒުކޮށްލައިފަ އެވެ.

ނިއު އިން ލީޑުނެގީ މެޗުގެ 25 ވަނަ މިނިޓްގައި ސެންޓޭ ޖެހި ގޯލުންނެވެ. އޭރިއާތެރެއިން ހުސްކޮށް ލިބުނު ބޯޅަ ސެންޓޭ ވަނީ ގޯލުގެ ތިރީ ކަަނަށް އަމާޒުކޮށްލައިފަ އެވެ. އޭނާ މި ލަނޑު ޖެހީ ހަމްޒާ މުހައްމަދު (ހަމްޕު) ދިން ބޯޅަ އަކުންނެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން ނިލަންދޫ އަށް އެއްވަރުކޮށްދޭން ލޫކަސް އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން މެޗުގެ 51 ވަނަ މިނިޓްގައި ހަސަން އަދުހަމް (ސަޑޭ) ނިއުގެ ލީޑުފުޅާކުރުމާ ގާތަށް ޖެހިލި އެވެ. ސެންޓޭ ނަގައިިދިން ހުރަހަކުން ސަޑޭ ބޮލުން ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ހުރަސްދަނޑިއަށެވެ.

މެޗުގެ 53 ވަނަ މިނިޓްގައި ނިލަންދޫގެ ލޫކަސް އޭރިއާ ތެރެއިން މުޅިން ހުސްކޮށްހުރެފައި ޖެހި ބޯޅަ ނިއުގެ ކީޕަރު ހަސަން ވަނީ މަތަކޮށްފަ އެވެ. އޭގެ ތިން މިނިޓް ފަހުން ނިލަންދޫ އަށް އެއްވަރުކޮށްދިނީ އިބްރާހިމް ފުރުގާން (ފުގޭ) އެވެ. އޭރިއާތެރެއިން ފުގޭ އަށް ލިބުނު ބޯޅަ އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ނިލަންދޫ އަށް ލީޑުނަގައިދޭން ހަބީލާ އަށް ލިބުނު ފުރުސަތުން އޭނާ ބޮލުން ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ނިލަންދޫގެ ލޫކަސް މެޗުގެ 73 ވަނަ މިނިޓްގައި ބޯޅަ ހިފައިގެން އޭރިއާތެރެއަށް ވަތްވަގުތު ނިއުގެ ޑިފެންޑަރުން އޭނާ އަށް ފައުލުކުރި ކަމަށް ބުނެ ނިލަންދޫގެ ބެންޗުން ޕެނަލްޓީއެއް ހޯދުމަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ.

ނިއު މި މެޗުން މޮޅުކޮށްދޭން ފަހު ވަގުތު ތަފާތު ދެއްކީ ހަމްޕު އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ހަމްޕު ދިން ބޯޅައަކުން މުހައްމަދު އުމެއިރު ނިއު އަށް ލީޑުނަގައިދިންއިރު، އޭގެ ތިން މިނިޓް ފަހުން ހަމްޕު ވަނީ ޕެނަލްޓީ އަކުން ނިއުގެ ހަތަރު ވަނަ ލަނޑު ޖަހައިފަ އެވެ. އެ ލަނޑު ޖެހިތާ މިނިޓެއް ފަހުން ހަމްޕު ވަނީ ހާފުގެ މެދުތެރެއިން ބޯޅަ ހިފައިގެން ގޮސް ނިލަންދޫ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ނިއު އަށް ފަސް ވަނަ ލަނޑެއް ޖަހައިދީފަ އެވެ.

ނިލަންދޫގެ ކޯޗު އާދަމް އަބްދުއްލަތީފް (ލައްޗޭ) ބުނީ ބޮޑެތި ޓީމުތަކާ ދެކޮޅަށް އަބަދުވެސް ނިލަންދޫ އިން ރަނގަޅަށް ކުޅޭ ކަމަށާއި މުހިއްމު ވަގުތުގައި ދިމާވާ މައްސަލަ އަކީ އެ ޓީމުގެ ކުޅުންތެރިން ތަޖުރިބާ ނެތުމުގެ މައްސަލަތައް ކަމަށެވެ.

މެޗާ ބެހޭގޮތުން ނިއުގެ ކޯޗު ސޮބާހު މުހައްމަދު (ސޮބާ) ބުނީ މިއީ ނިއުގެ ކުޅުންތެރިން ކުރިއަށް ހުރި މެޗުތަކަށް ނުކުންނައިރު ލިބުނު ފިލާވަޅެއް ކަަމަށެވެ.

"ނިލަންދޫ އިން ދެއްކި ކުޅުމަށް އަޅުގަނޑު ތައުރީފްކުރަން. އެ މީހުންނަށް ދެވެން ހުރި ހުރިހާ އެއްޗެއް ދީގެން ކުޅުނީ. މެޗަށް ނުކުތްއިރު ވެސް މިއީ އުނދަގޫވާނެ މެޗެއްކަން އެނގޭ. އަސްލު ހަގީގަތުގައި ފަހު ވަގުތު ތަފާތަކަށް ފެނުނީ ދެ ޓީމުގެ ކުޅުންތެރިންގެ ކޮލިޓީ. އެއްވެސް ޝަކުވާއެއް ކުރަން ނެތިން. މި ޓީމާ ހަވާލުވީ ހުރިހާ ކަމެއް އެނގިހުރެ ވެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރަން،" ސޮބާ ބުންޏެވެ.

އޭނާ ބުނީ ނިއުގެގައި އަނިޔާގެ މައްސަލަ ވަރަށް ބޮޑު ކަމަށާއި އޭގެ ސަބަބުން ޓީމަށް އުނދަގޫތަކެއް ކުރިމަތިވާ ކަމަށެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި އެއް ވަނައިގައި އޮތް ޓީސީ ސްޕޯޓްސް ކްލަބް ނުކުންނާނީ ފަސް ވަނައިގައި އޮތް ގްރީން ސްޓްރީޓްސްއާ ދެކޮޅަށެވެ.