Roadha Mihaaru
ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް ފަރުވާ ބޭނުންވެފައި

ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް ފަރުވާ ބޭނުންވެފައި

13 އޯގަސްޓް 2016

ދިމިޝްގު (އޮގަސްޓް 13) - ސީރިއާގެ ދާޚިލީ ހަނގުރާމަ ވަރުގަދަ އަށް ހިނގަމުންދާ ސަރަހައްދަކަށް އުފަންވި އެއް ހަށިގަނޑުން ގުޅިފައިވާ އެއް މާބަނޑު ދެ ކުދިންނަށް އަވަސް ފަރުވާ ބޭނުންވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ދިމިޝްގު (އޮގަސްޓް 13) - ސީރިއާގެ ދާޚިލީ ހަނގުރާމަ ވަރުގަދަ އަށް ހިނގަމުންދާ ސަރަހައްދަކަށް އުފަންވި އެއް ހަށިގަނޑުން ގުޅިފައިވާ އެއް މާބަނޑު ދެ ކުދިންނަށް އަވަސް ފަރުވާ ބޭނުންވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

ނަވްރާސް އާއި މުއާޒުގެ ނަން ދީފައިވާ ދެ ކުދިން މިދިޔަ ޖުލައި މަހު ދޫމާގައި ވިހޭ އިރު ވަނީ މެއިން ގުޅިފަ އެވެ. އެ ދެ ކުދިން މިހާރު ވަނީ އެމްބިއުލެންސެއްގައި ވެރިރަށް ދިމިޝްގުގެ ކުޑަ ކުދިންގެ ހޮސްޕިޓަލަކަށް ބަދަލުކޮށްފަ އެވެ. އެކަމަކު ސީރިއާގެ ޑޮކްޓަރުން ބުނެފައި ވަނީ ދިމިޝްގުގައި ވެސް މި ދެ ކުދިންނަށް ދެވޭނެ އެކަށީގެންވާ ފަރުވާއެއް ނެތް ކަމަށެވެ. އެހެންވެ ޑޮކްޓަރުން ވަނީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) ގެ އެހީ އަށް އެދިފަ އެވެ. ޑޮކްޓަރުން ވަނީ އަވަސް މުއްދަތެއްގައި އޮޕަރޭޝަން ނުކުރެވިއްޖެ ނަމަ އެ ދެ ކުދިންގެ ފުރާނަ ސަލާމަތް ކުރުމުގެ ފުރުސަތު ކުޑަ ކަމަށް ބުނެފަ އެވެ.

ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް އެ ގައުމުގެ ރެޑް ކްރެސެންޓުން ފަރުވާ ދެނީ. --ފޮޓޯ:ސީރިއަން ރެޑް ކްރެސެންޓް

ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް އެ ގައުމުގެ ރެޑް ކްރެސެންޓުން ފަރުވާ ދެނީ. --ފޮޓޯ:ސީރިއަން ރެޑް ކްރެސެންޓް

ދެ ކުދިން ދިމިޝްގަށް ބަދަލުކުރީ އެ ކުދިންގެ މަންމަ އާއި ބޮޑު ދައިތައަކާ އެކު އެވެ. ދެ ކުދިންގެ ހާލު މި ވަގުތު ރަނގަޅު ކަމަށްވެ އެވެ. ދެ ކުދިން އުފަންވި ދިމިޝްގުގެ އުތުރުން އޮންނަ ދޫމާއަކީ ހަނގުރާމަ ފެށުނީއްސުރެ ވެސް ވަރުގަދަ ހަމަލާތައް އަމާޒުވަމުން ދިޔަ ޓައުނެކެވެ. އެ ޓައުނަށް އިންސާނީ އެހީ ފޯރުކޮށް ދިނުން ވެސް ވަނީ ދަތި ކަމަކަށްވެފަ އެވެ. ދޫމާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމުގައި އެންމެ ބޮޑަށް ހަރަކާތްތެރިވެފައި ވަނީ ސީރިއަން އަރަބި ރެޑް ކްރެސެންޓުންނެވެ. އެ މީހުން ދަނީ އެމްބިއުލެންސުގެ ޚިދުމަތާއި ފަސްޓް އެއިޑާއި ކާބޯތަކެތީގެ ގޮތުން ވެސް އެހީތެރިވަމުންނެވެ.

ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް އެ ގައުމުގެ ރެޑް ކްރެސެންޓުން ފަރުވާ ދެނީ. --ފޮޓޯ:ސީރިއަން ރެޑް ކްރެސެންޓް

ސީރިއާގައި އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންނަށް އެ ގައުމުގެ ރެޑް ކްރެސެންޓުން ފަރުވާ ދެނީ. --ފޮޓޯ:ސީރިއަން ރެޑް ކްރެސެންޓް

އެއް ހަށިގަނޑުން ގުޅިފައިވާ ދެ ކުދިންގެ ފޮޓޯ ސީރިއަން ރެޑް ކްރެސެންޓުގެ ޓްވިޓާ އާއި ފޭސްބުކް މެދުވެރިކޮށް އާއްމު ކުރީ ވެސް ސީރިއާގެ ހަނގުރާމައާ ބެހޭ ގޮތުން ހޭލުންތެރިކަން އިތުރުކޮށް އެ މީހުންގެ މަސައްކަތަށް ފަންޑު ހޯދުމުގެ ބޭނުމުގަ އެވެ.