Roadha Mihaaru
ރިޝްވަތުގެ ދައުވާތަކުގެ މައްސަލަ އިސްތިއުނާފެއް ނުކުރާނެ

ރިޝްވަތުގެ ދައުވާތައް ބާތިލްކުރި މައްސަލަ އިސްތިއުނާފެއް ނުކުރާނަން: ޕީޖީ އޮފީސް

01 ނޮވެމްބަރ 2018

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު އަމުރާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލަ އިސްތިއުނާފް ނުކުރަން ނިންމާފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ސުޕްރީމް ކޯޓުން މިދިޔަ ފެބްރުއަރީ މަހު ނެރުނު އަމުރާ ގުޅިގެން ދައުލަތުން އުފުލި ރިޝްވަތުގެ ދައުވާތައް ކްރިމިނަލް ކޯޓުން ބާތިލްކުރި މައްސަލަ އިސްތިއުނާފް ނުކުރަން ނިންމާފައިވާ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނެފި އެވެ.

ސުޕްރީމް ކޯޓުގެ އެ އަމުރާ ގުޅިގެން ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށް ހައްޔަރުކުރި ބޭފުޅުންގެ ތެރެއިން ރިޝްވަތުގެ ދައުވާ ދައުލަތުން ކުރީ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ސުޕްރީމް ކޯޓުގެ އޭރުގެ ފަނޑިޔާރު އަލީ ހަމީދާއި އޭރުގެ ޖުޑިޝަލް އެޑްމިނިސްޓްރޭޓާ ހަސަން ސައީދުގެ އިތުރުން ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދް ގާސިމްގެ މައްޗަށެވެ. އެކަމަކު މަދަނީ މިންގަނޑުން ބަލާއިރު އެ ދައުވާތައް ކުރެވޭނެ މިންވަރުގެ ހެކި ނެތުމުން ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ރިޝްވަތުގެ އެ ދައުވާތައް ބާތިލްކޮށްފަ އެވެ.

ޕީޖީ އޮފީހުން މިރޭ ނެރުނު ބަޔާނުގައި ބުނީ އެ ހަތަރު ބޭފުޅުންގެ މައްޗަށް ވެސް ރިޝްވަތުގެ ދައުވާ ދައުލަތުން އުފުލީ އެކަށީގެންވާ ހެކި ހުރެގެން ކަމަށާއި އެހެންވެ، ދައުވާތައް ކުރިއަށް ގެންދެވެން ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅަށް ކަމަށް ނުދެކޭ ކަމަށެވެ. އެކަމަކު މައްސަލާގައި ހުށަހެޅިފައިވާ ލިޔުންތަކަށާއި ކަން ހިނގާފައިވާ ގޮތަށް ރިއާޔަތްކޮށް އެ މައްސަލަ އިސްތިއުނާފް ނުކުރަން ނިންމީ ކަމަށް އެ ބަޔާނުގައިވެ އެވެ.

"ޝަރީއަތުގެ ނިންމުން މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފް ކުރި ނަމަވެސް، ނިންމުމަށް ބަދަލު އައިސްދާނެ ކަމަށް ނުފެންނާތީ މި މައްސަލާގައި ކްރިމިނަލް ކޯޓުން ނިންމެވި ނިންމެވުން އިސްތިއުނާފް ނުކުރުމަށް މި އޮފީހުން ވަނީ ނިންމާފަ އެވެ." އެ ބަޔާނުގައިވެ އެވެ.

އަބްދުﷲ ސައީދާއި އަލީ ހަމީދުގެ އިތުރުން ހަސަން ސައީދުގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާތައް ބާތިލް ކުރިޔަސް، އެހެން މައްސަލަތަކެއްގައި ކުށް ސާބިތުވެފައިވާތީ އެ ބޭފުޅުން މިހާރު ވެސް ގެންދަވަނީ ޖަލު ހުކުމް ތަންފީޒު ކުރަމުންނެވެ. އަބްދުﷲ ސައީދާއި އަލީ ހަމީދުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، ތިން އަހަރުގެ ވުރެ ދިގު ޖަލު ހުކުމެއް އައިސްފައިވާއިރު، ހަސަން ސައީދު ގެންދަނީ ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންނެވެ.

ރިޝްވަތުގެ ދައުވާގެ އިތުރުން ޓެރަރިޒަމްގެ ދައުވާތަކެއް ވެސް އެ މައްސަލާގައި އެކި ބޭފުޅުންގެ މައްޗަށް އެ މައްސަލާގައި ދައުލަތުން ކުރެ އެވެ. އޭގެ ތެރޭގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދު އާއި އަލީ ހަމީދުގެ އިތުރުން މަޖިލީހުގެ ހަތަރު މެމްބަރަކާއި ކުރީގެ ޕޮލިސް ކޮމިޝަނަރު އަހުމަދު އަރީފްގެ ވެސް ހިމެނިވަޑައިގަންނަވަ އެވެ. އެކަމަކު ޓެރަރިޒަމްގެ އެ މައްސަލަތައް ކޯޓުން އަދި ނުނިންމަ އެވެ.