Roadha Mihaaru
ޔާމީން ހެކިންނަށް ބިރުދައްކަން އުޅޭ ކަމުގެ ތުހުމަތު

އާ ރަށުގެ މައްސަލައިގައި ޔާމީން ހެކިންނަށް ބިރުދައްކަން އުޅޭ ކަމަށް ތުހުމަތުކޮށްފި

11 އޯގަސްޓް 2022

ވ. އާ ރަށް ކުއްޔަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންނެގި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އެދިއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ވ. އާ ރަށް ކުއްޔަށް ދިނުމުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން ރިޝްވަތު ނެންނެގި ކަމަށް ބުނެ ދައުލަތުން ކުރާ ދައުވާގެ މައްސަލައިގައި ހެކިބަސްދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމަށް އެ މަނިކުފާނު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތުކޮށް، އެ މައްސަލަ ބަލައިދޭން އެދިއްޖެ އެވެ.

ލޯފާމެއް ކަމަށްވާ މޯލްޑިވްސް ލީގަލް ބިއުރޯ (އެމްއެލްބީ) އިން ޕީޖީ އޮފީހަށާއި ފުލުސް އޮފީހަށް އިއްޔެ ފޮނުވި ސިޓީއެއްގައި ތުހުމަތުކުރީ ހެކިބަސް ދޭން ތިބި މީހުންނަށް ބިރުދައްކައި، ހެއްކަށް ނުފޫޒުފޯރުވުމުގެ ގޮތުން ޔާމީން ތަފާތު ގޮތްގޮތުން މަސައްކަތްޕުޅު ކުރައްވަމުން ގެންދަވާ ކަމަށެވެ.

ހެކިންގެ ގޮތުގައި ތިބި މީހުންގެ ތެރެއިން އިނގިރޭސި ވިލާތުގައި މިހާރު ދިރިއުޅޭ ބައެއް މީހުންނަށް ފިއްތުން ކުރިމަތިކޮށް، އެސައިލަމް ކެންސަލް ކުރުމުގެ ގޮތުން، ލޯފާމުތައް މެދުވެރިކޮށް ކަންކަން ކުރާ ކަމަށް ބުންޏެވެ.

"... މީޑިއާގެ އެކި ވަސީލަތްތައް ބޭނުންކޮށްގެން ބިރުދެއްކުމުގެ އަމަލުތައް ދަނީ ސީދާ އަބްދުﷲ ޔާމީން ހިންގަމުންނެވެ،" އެމްއެލްބީގެ މެނޭޖިން ޕާޓްނަރު އަދި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ސޮއިކުރައްވާފައިވާ ސިޓީގައި ބުންޏެވެ.

ހެކިންނަށް ނުފޫޒުފޯރުވުމަކީ އެކަން ކުރާ މީހަކު ޝަރީއަތް ނިމެންދެން ބަންދުކުރަން ޖެހޭ ކަމެއް ކަމަށާއި އެހެންވެ، ޔާމީނާ މެދު އަވަސް ފިޔަވަޅު އަޅައިދިނުމަށް ސިޓީގައި އެދިފައިވެ އެވެ.

ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިޔާ އަދި މިހާރު އިނގިރޭސި ވިލާތުގައި ދިރިއުޅޭ މުހައްމަދު ހުސައިން (އޮއިއްޓެ) ވަނީ އާރަށުގެ މައްސަލައިގައި މިދިޔަ ބުރާސްފަތި ދުވަހު ޔާމީނާ ދެކޮޅަށް ކްރިމިނަލް ކޯޓަށް ހެކިބަސް ދީފަ އެވެ.

ހެކިބަސް ދެމުން އޮއިއްޓޭ ބުނިގޮތުގައި ޔާމީނާ ފައިސާތަކެއް ހަވާލުކުރަން 2013 ވަނަ އަހަރު އަދީބު އޭނާއަށް އެންގި އެވެ. އެގޮތުން ޔާމީން ދިރިއުޅުއްވާ ގެކޮޅަށް ގޮސް، ފުރަތަމަ ހަވާލުކުރީ އެއް ލައްކަ ރުފިޔާ ކަމަށް އޭނާ ބުންޏެވެ. އެކަމަކު އެއް ލައްކަ ރުފިޔާ ހަވާލު ކުރެއްވުމުން ޔާމީން މޫނުފުޅުން ނުތަނަވަސްކަން ފެނުމުން އެކަން އެކަން އަދީބާ ހިއްސާ ކުރުމުން އިތުރު ފައިސާތަކެއް ހަވާލުކުރަން ވެސް އެންގި ކަމަށް އޭނާ ބުންޏެވެ.

ހެއްކަށް ނުފޫޒުފޯރުވާކަމުގެ ތުހުމަތު ޔާމީނަށް ކުރިއިރު، މި ވެރިކަމުގައި އިއްވި ފަސް އަހަރުގެ ޖަލު ހުކުމުން މިނިވަންވުމަށް ފަހު، ފުރަތަމަ ފަހަރަށް އެ މަނިކުފާނު ބާއްވާ ޕްރެސް ކޮންފަރެންސްއެއް މިރޭ އޮންނާނެ އެވެ. އެއީ ވެސް ޝަރީއަތަށް ގޮންޖަހައި ހެއްކަށް ނުފޫޒުފޯރުވުމުގެ ގޮތުން ޔާމީން ބާއްވާ ބައްދަލުވުމެއް ކަމަށް އެ ލޯފާމުން ތުހުމަތުކުރި އެވެ.

އެ މަނިކުފާނު ނޫސްވެރިންނާ ބައްދަލުކުރައްވަން ތާވަލުކޮށްފައި އޮތީ މިރޭ 8:30 ގަ އެވެ. މިއީ، ޔާމީނަށް ޕީޕީއެމާއި ޕީއެންސީގެ 2023ގެ ރިޔާސީ ޓިކެޓް ދޭން ނިންމި ފަހުން ވެސް ބާއްވަވާ ފުރަތަމަ ޕްރެސް ކޮންފަރެންސެވެ.

ހުކުމް ތަންފީޒުކުރައްވަން މާފުށީ ޖަލާއި ގޭބަންދުގައި ދެ އަހަރެއްހާ ދުވަސް ހޭދަކުރެއްވި ފަހުން، ސުޕްރީމް ކޯޓާ ހިސާބުން އެ މަނިކުފާނު މިނިވަންވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު އެވެ. މަނީ ލޯންޑްރިންގެ ހުކުމުން ސަލާމަތްވެފައި ވަނިކޮށް، ވ. އާ ރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވި ކަމަށް އެ މަނިކުފާނުގެ މައްޗަށް ތުހުމަތުކޮށް، އިތުރު ދެ ދައުވާއެއް އުފުލައި ޝަރީއަތް ކޯޓުގައި ހިނގަމުން އެބަދެ އެވެ.