Roadha Mihaaru
ސީ ލައިފްއާ ދެކޮޅަށް އެޗްޑީސީން ފިޔަވަޅު އެޅި

ސީ ލައިފްއާ ދެކޮޅަށް އެޗްޑީސީން ފިޔަވަޅު އެޅި، ހުއްޓުވީ ކޯޓުން

05 ނޮވެމްބަރ 2018

ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގަން ހަވާލުވި ސީ ލައިފުން އެގްރިމެންޓާ ހިލާފުވުމުން އެ އެއްބަސްވުން 2015 ގައި އުވާލިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ހުޅުމާލޭގައި ހައުސިން މަޝްރޫއުތަކެއް ހިންގަން ހަވާލުވި ސީ ލައިފުން އެގްރިމެންޓާ ހިލާފުވުމުން އެ އެއްބަސްވުން 2015 ގައި އުވާލިކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ސީ ލައިފާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މައްސަލަ އެނގޭ މީހަކު، ނަން ނުޖަހާ ގޮތަށް، ބުނީ 2014 ގައި އެޗްޑީސީން ސީ ލައިފާ އެކު ހެދި އެގްރިމެންޓް އުވައިލީ އެ އެއްބަސްވުމާ އެއްގޮތަށް ކަންކަން ނުދިއުމުން ކަމަށެވެ.

އެކަމަކު ސީ ލައިފުން ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓަށް ހުށައެޅި މައްސަލަ ނިމުނީ އެޗްޑީސީއާ ދެކޮޅަށެވެ. އެހެންކަމުން، ހުޅުމާލޭގެ ބިން އަދި އިމާރާތް ކުރުމުގެ ހުއްދަތައް ސީ ލައިފަށް އަލުން ދޭން ޖެހުނީ ކަމަށް އޭނާ ބުންޏެވެ.

"އަޅުގަނޑަށް އެނގިފައި އޮތީ ސީ ލައިފުން ކުރެހުންތައް ވެސް ހުށަހެޅީ އެޗްޑީސީން ހުއްދަ ލިބޭނެ ގޮތަކަށް ނޫން. ހީވަނީ ވީހާ ވެސް ބޮޑަކަށް ވަގުތު ދުއްވާލަން ކުރި ކަމެއް ހެން،" އޭނާ ބުންޏެވެ.

މަސައްކަތް ނުފެށި ލަސްވެ އަދި ސީ ލައިފާ އެކު ހިއްސާ ވެގެން މަޝްރޫއުގައި ބައިވެރިވި މީހުންގެ މެދުގައި މައްސަލަ ޖެހެމުން ދިޔަކަން ވެސް އެޗްޑީސީއަށް އެނގިފައި އޮންނާނެ ކަމަށް އޭނާ ކިޔައިދިނެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުކަމާ މުހައްމަދު ސައިމަން ހަވާލުވެވަޑައިގަތުމަށް ފަހު، އެންމެ ފުރަތަމަ ކުރެއްވި އެއް ކަމަކީ، އޭނާ ވިދާޅުވެފައިވާ ގޮތުގައި، ސީ ލައިފްގެ އެގްރިމެންޓް ބާތިލް ކުރުމެވެ. އެކަމަކު، ކޯޓުން އެޗްޑީސީއާ ދެކޮޅަށް ނިންމުމުން އިތުރަށް ހެދޭނެ ގޮތެއް އެޗްޑީސީއަށް ވެސް ނުފެނުނު ކަމަށް އޭނާ ވިދާޅުވި އެވެ.

ސީ ލައިފުން 300 އެޕާޓްމަންޓް ހަދަން ހުޅުވައިލުމުން 280 އަށް ވުރެ ގިނަ މީހުން ވަނީ ރަޖިސްޓްރޭޝަން ފީ ދައްކައިފަ އެވެ. އޭގެ އިތުރުން ބައެއް މީހުން ޑައުންޕޭމަންޓް ވެސް އެކީ ދަައްކާފައިވާ ކަމަށް ވެ އެވެ.

އެ އެންމެން މިހާރު މަސައްކަތް ކުރަނީ އެ ފައިސާ ލިބޭތޯ އެވެ. ބައެއް މީިހުންނަށް އަނބުރާ ފައިސާ ލިބުނަސް 180 އަށް ވުރެ ގިނަ މީހުން މިހާރު ވެސް ދަނީ ސީ ލައިފް ފަހަތުން ދުވަމުންނެވެ.

އެ މީހުންގެ ހައްގުގައި ހިލޭސާބަހަށް މަސައްކަތްކުރާ ވަކީލުން އިއްޔެ ބުނި ގޮތުގައި ސި ލައިފުން އަނބުރާ ދޭން ޖެހޭ ފައިސާގެ އަދަދު 20 މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ އެވެ.