Roadha Mihaaru
ހައިރު ކުންފުނިން ހައްޖަށް ދާ މީހުން ފުރުން ލަސްވެއްޖެ

ހައިރު ކުންފުނިން ހައްޖަށް ދާ މީހުން ފުރުން ލަސްވެއްޖެ

14 އޯގަސްޓް 2016

އަލްހައިރު ކުންފުނިން މި އަހަރު ހައްޖަށް ދާ މީހުން ފުރުން ލަސްވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އަލްހައިރު ކުންފުނިން މި އަހަރު ހައްޖަށް ދާ މީހުން ފުރުން ލަސްވެއްޖެ އެވެ.

އެ ކުންފުނިން ހައްޖަށް ދާ 200 މީހުން ފުރާ ގޮތަށް ކުރިން ހަމަޖައްސާފައި އޮތީ މާދަމާ އެވެ. އެކަމަކު މާދަމާ ނުފުރޭނެ ކަން އެ ކުންފުނިން މިހާރު ވަނީ އަންގައިފަ އެވެ.

ހައިރު ކުންފުނިން ވާހަކަ ދެއްކެވި އަހްމަދު ހުސެއިން ވިދާޅުވީ އިތުރު ކޯޓާ ހަމަޖެހުން ލަސްވުމުގެ ސަބަބުން، އެ ކޯޓާގައި ހައްޖަށް ފުރާ މީހުންގެ ކަންކަން ސައޫދީ އަރަބިއްޔާ އިން ނިންމަން ވަގުތު ނެގީ ކަމަށެވެ. މިހާރު ހުރިހާ ކަމެއް ހަމަޖެހި އެންމެން ފުރާނީ އަންނަ ބުރާސްފަތި ދުވަހާއި ހޮނިހިރު ދުވަހު ކަމަށް އޭނާ ވިދާޅުވި އެވެ.

"ކުރިން ހަމަޖައްސާފައި އޮތީ އެންމެން އެއް ފްލައިޓަކުން ފުރާ ގޮތަށް. އެކަމަކު މިހާރު ދެ ފްލައިޓެއްގައި ފުރާނީ. ހުރިހާ ކަމެއް ހަމަޖެހިފައި އޮތީ އެއްވެސް މައްސަލައެއް ނެތް،" އަހްމަދު ވިދާޅުވި އެވެ.

ރާއްޖެ އިން މި އަހަރު 2،000 މީހުން ހައްޖަށް ދާނެ އެވެ.

ރާއްޖެ އަށް 2،000 ކޯޓާ ހަމަޖައްސައިދޭނެ ކަމުގެ ޔަގީންކަން ސައުދީ އަރަބިއްޔާ އިން ދީފައި އޮތަސް ފުރަތަމަ ހަމަޖެހުނީ 1،000 ކޯޓާ އެވެ. އެ އަދަދަށް އެއްބަސްވެ، އިސްލާމިކް މިނިސްޓްރީން ސޮއިކުރުމާ އެކު 1،000 މީހުންނަށް ހައްޖަށް ނުދެވޭނެ ކަމުގެ ބިރު ހީވި އެވެ. އެކަމަކު ރައީސް އަބްދުﷲ ޔާމީން ސައުދީ ރަސްގެފާނަށް ސިޓީފުޅެއް ފޮނުއްވައިގެންނާއި ރާއްޖޭގެ ފޮރިން މިނިސްޓްރީ އާއި އިސްލާމިކް މިނިސްޓްރީ މެދުވެރިކޮށް ކުރި މަސައްކަތްތަކުން ރާއްޖެ އަށް އިތުރު 1،000 ކޯޓާ ލިބުނުކަން ޔަގީންވީ މިދިޔަ ހަފުތާ ތެރޭގަ އެވެ.

ސައުދީން އެކި ގައުމުތަކަށް، އެ ގައުމެއްގެ އާބާދީ އަށް ނިސްބަތްކޮށް ކަނޑައަޅާ ކޯޓާގެ ދަށުން ރާއްޖެ އަށް ލިބެނީ 1،000 ޖާގަ އެވެ. އެކަމަކު އިތުރު 1،000 ޖާގަ ލިބޭނެކަމުގެ ޔަގީންކަން ސައުދީ ސަރުކާރުން ފުރަތަމަ ދިނީ ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގަ އެވެ. އެ ޔަގީންކަމާ އެކު ކޯޓާ ހަމަޖެހި، ރާއްޖެ އިން މިދިޔަ އަހަރު ވެސް 2،000 މީހުން ހައްޖަށް ދިޔަ އެވެ.