Roadha Mihaaru
ފޯނު ނުލިބިގެން ދިރާގުން 160000ރ. ދޭން ޖެހިއްޖެ

ޕްރީ އޯޑާ ދިން ފޯނު ނުލިބުމުން 160،000ރ. މީހަކަށް ދައްކަން ދިރާގުގެ މައްޗަށް ހުކުމްކޮށްފި

14 އޯގަސްޓް 2016

ދުރާލައި ޕްރީ އޯޑާ ނަގައިގެން މޮބައިލް ފޯނު ވިއްކުމަށް ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ފޯނަކަށް އޯޑަރު ދިން މީހަކަށް ފޯނު ނުލިބުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 160،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާއަށް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދުރާލައި ޕްރީ އޯޑާ ނަގައިގެން މޮބައިލް ފޯނު ވިއްކުމަށް ދިރާގުން ކުރިއަށް ގެންދާ ޕްރޮމޯޝަންގެ ދަށުން ފޯނަކަށް އޯޑަރު ދިން މީހަކަށް ފޯނު ނުލިބުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި 160،000 އަށް ވުރެ ގިނަ ރުފިޔާ އެ މީހާއަށް ދައްކަން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

އޯޑަރު ނަގައިގެން އައިފޯން "އެސް އީ" ބްރޭންޑްގެ ފޯނު ވިއްކަން މިދިޔަ މާޗް މަހު ދިރާގުން ފެށި ޕްރޮމޯޝަންގެ ދަށުން އޭގެ ފޯނަކަށް އޯޑަރު ދީ ފުރަތަމަ ދައްކަންޖެހޭ ޕޭމަންޓްގެ ގޮތުގައި 5،800 އަށް ވުރެ ގިނަ ރުފިޔާ ދައްކާފައި ވަނިކޮށް ވެސް އެ ފޯނު އެ މީހާއަށް ނުލިބުނެވެ.

އެ މައްސަލަ އެ މީހާގެ ފަރާތުން ކޯޓަށް ހުށަހެޅުމުން ކޯޓުން މިއަދު ހުކުމްކުރީ އެ މީހާ އަށް އެކަމުގެ ސަބަބުން ލިބުނު ގެއްލުމާއި ކުރިމަތިވި ލަދުވެތިކަމާއި، ތަކުލީފުތަކާއި އެފަދަ ކަންކަން ތަކުރާރު ވިޔަ ނުދިނުމުގެ ގޮތުން ޖަޒާއީ ބަދަލެއްގެ ގޮތުން އެއް ލައްކަ ރުފިޔާ ދިނުމަށެވެ.

މީގެ އިތުރުން އެ ފޯނު ގަތުމަށް އެ މީހާ ދިރާގަށް ދެއްކި 5،800ރ. އާއި އެ މީހާ އަށް ފޯނު ނުލިބުމުން އޭނާ އެހެން ފޯނެއް ގަންނަން އޭނާ ޚަރަދުކުރި 4،500ރ. އާއި ވަކީލުންނަށް އެ މީހާ ހޭދަކުރި 50،000ރ. ވެސް ދިރާގުން އެ މީހާ އަށް ދިނުމަށް ހުކުމުގައި ވަނީ އަންގައިފަ އެވެ.

ބޭރުގެ ބައެއް ކޯޓުތަކުގެ ނިންމުންތަކާ ހަވާލާދީ ކުރި ހުކުމުގައި ވަނީ ފޯނު ނުލިބުމުގެ ސަބަބުން އެ މީހާ އަށް ލަދުވެތިކަމާއި ގެއްލުން ކުރިމަތިވެފައިވާއިރު އެފަދަ ގޮތަކަށް އެހެން މީހަކާ މެދު އަމަލު ކުރުމުގެ ފުރުސަތު ދިރާގަށް ނުދިނުމުގެ ގޮތުން ގެއްލުމުގެ ބަދަލު އެ މީހާ އަށް ނަގައިދެވޭނެ ކަމަށެވެ. އަދި ލިބުނު ގެއްލުމަށް ބަލާއިރު އެއް ލައްކަ ރުފިޔާއަކީ އެކަށީގެންވާ ބަދަލެއް ކަމަށް ހުކުމުގައިވެ އެވެ.

"މީހުން ކުރިމަތީގައި ދައުވާކުރާ ފަރާތަށް ކުރިމަތިވި ލަދުވެތިކަމާއި ފުރައްސާރަ އާއި އެ މީހުންގެ ކުރިމަތީގައި އޭނާގެ މަގާމަށް އައި ބަދަލުގެ ސަބަބުން ނުވަތަ އަބުރަށް ލިބުނު ގެއްލުމާއި ޖަޒުބާތީ ގެއްލުމާ ކުރިމަތިވުމަކީ ދިރާގުގެ ސަބަބުން ދިމާވި ކަމެއް،" އެ ހުކުމުގައިވެ އެވެ.

ދެ ފަރާތުގެ ދެމެދުގައި ކުރިން އެއްބަސްވެފައި ނެތް ނަމަ ވަކީލުންގެ ފީ ނަގައި ނުދެވޭނެ ކަމަށް ހައި ކޯޓުން ކުރިން ނިންމާފައި އޮތަސް މި މައްސަލާގެ މައްޗަށް ހައި ކޯޓުގެ އެ އުސޫލު ނުހިނގާނެ ކަމަށް ހުކުމުގައިވެ އެވެ. ސަބަބަކީ ހައި ކޯޓުގެ އެ އުސޫލަކީ އެއް ހަމައެއްގައި ތިބި ދެ ފަރާތެއްގެ ދެމެދުގައި ޖެހުނު މައްސަލައަކާ ގުޅިގެން ކޮށްފައިވާ ހުކުމެއް ކަމަށް ވީ ނަމަވެސް މި މައްސަލައަކީ ތަފާތު ދެ ހާލަތެއްގައި ތިބި ދެ ފަރާތެއްގެ ދެމެދުގައި އޮތް މައްސަލައެއް ކަމަށްވާތީ ހުކުމުގައިވެ އެވެ.

އެ މީހާއަކީ ދިރާގުން ކުރާ އެއްބަސްވުންތަކަށް ބަދަލު ގެނައުމުގެ ބާރު ނެތް ފަރާތަކަށްވާއިރު ދިރާގުން އެއްބަސްވުމާ ޚިލާފްވެއްޖެ ނަމަ ވަކީލުންގެ ފީ އާ މެދު އަމަލުކުރާނެ ގޮތެއް އެ އެއްބަސްވުމުގައި ނެތް ކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ. އެހެންވެ މައުސޫމް ފަރާތަށް އެކަމުން ލިބުނު ގެއްލުމުގެ ނަގައިދެވޭނެ ކަމަށް ހުކުމުގައިވެ އެވެ.