Roadha Mihaaru
ދިރާގުން އެންމެ ފަހުގެ އައިފޯނު ވިއްކަން ފަށައިފި

ދިރާގުން އެންމެ ފަހުގެ އައިފޯނު ވިއްކަން ފަށައިފި

20 އޮކްޓޯބަރ 2017

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނު ދިރާގުން މިއަދު ވިއްކަން ފަށައިފި އެވެ.

އަބްދުﷲ ޖަމީލު އަބްދުﷲ ޖަމީލު

އެޕަލް އިން އެންމެ ފަހުން ނެރުނު އައިފޯނު ދިރާގުން މިއަދު ވިއްކަން ފަށައިފި އެވެ.

އައިފޯނު 8 އާއި 8 ޕްލަސް ވިއްކަން ރަސްމީކޮށް މިއަދު ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ކަސްޓަމަރަށް ފޯނު ހަވާލުކޮށްދެއްވީ ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ހަޖްރީ އެވެ. މިއަދު މެންދުރުފަހު 2:00 ގައި ފޯނު ދޫކުރަން ފެށިއިރު ގިނަ އަދަދެއްގެ ބަޔަކު ދިރާގު ހެޑް އޮފީހުގައި ކިޔޫ ހަދައިގެން ތިއްބެވެ.

ރާއްޖޭގެ އެންމެ ބޮޑު މުއާސަލާތީ ކުންފުނިން އައިފޯނު ވިއްކަން ފެށުމުގެ ކުރިން ކަސްޓަމަރުންނަށް ޕްރީ އޯޑާއަށް ފުރުސަތު ހުޅުވާލި އެވެ. އަދި މިއަދު ފޯނު ދޫކުރަމުންދަނީ ޕްރީ އޯޑާ ހެދި ފަރާތްތަކަށެވެ.

"މިއަދު ވަނީ މާލޭގެ އިތުރުން ދިރާގުގެ ރީޖަނަލް އޮފީސްތަކުން ވެސް ފޯނު ދޫކުރަން ވަނީ ފަށާފައި. މިއީ މާލެއާއެކު އަތޮޅުތަކުން ފޯނު ދޫކުރަން ފެށި ފުރަތަމަ ފަހަރު،" އެ ކުންފުނިން ބުންޏެވެ.

މިދިޔަ މަހު ތައާރަފްކުރި އައިފޯނު 8 އާއި 8 ޕްލަސް ދިރާގުން ވިއްކަން ފެށުމާއެކު އެންމެ ފުރަތަމަ ފޯނު ގަތް ކަސްޓަމަރަށް ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ފޯނު ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިދިޔަ މަހު ތައާރަފްކުރި އައިފޯނު 8 އާއި 8 ޕްލަސް ދިރާގުން ވިއްކަން ފެށުމާއެކު އެންމެ ފުރަތަމަ ފޯނު ގަތް ކަސްޓަމަރަށް ދިރާގުގެ ޗީފް މާކެޓިން އޮފިސަރު އިޒަބެލް ފޯނު ހަވާލުކޮށްދެއްވަނީ.--ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ދިރާގުން ބުނީ ޕްރީ އޯޑާ ހެދި ފަރާތްތަކަށް ހިލޭ ފަސް ޖީބީ ޑޭޓާ ހަ މަސް ދުވަސްވަންދެން ލިބޭނެ ކަމަށެވެ.

ޕްރީ އޯޑާ ހަދާ ފަރާތްތަކަށް، އެއް ފަހަރާ ފައިސާ ދެއްކުމުގެ އިތުރުން އެއް އަހަރަށް ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. އެގޮތުން އިންސްޓޯލްމަންޓަށް ފޯނު ގަންނަ ފަރާތްތަކުން އެޑްވާންސް ޕޭމަންޓްގެ ގޮތުގައި 2،999ރ. ދައްކަން ޖެހެ އެވެ. އެގޮތުން އިންސްޓޯލްމަންޓަށް ނަގާ ނަމަ އައިފޯނު 8 މޮޑެލްގެ 64 ޖީބީގެ ފޯނަކަށް މަހު 999ރ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނަކަށް މަހަކު 1،279ރ. ދައްކަން ޖެހެ އެވެ. އޭގެ އިތުރުން އިންސްޓޯލްމަންޓަށް 8 ޕްލަސް 64 ޖީބީގެ ފޯނު ގަންނަ ފަރާތްތަކުން މަހަކު 1،179ރ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނު ގަންނަ ފަރާތްތަކުން މަހަކު 1،449ރ. ދައްކަން ޖެހެ އެވެ.

ދިރާގުން ވަނީ އެއްފަހަރާ ފައިސާ ދައްކާ ފަރާތްތަކަށް ވެސް ފޯނު ވިއްކާނެ އަގުތަކެއް ކަނޑައަޅައިފަ އެވެ. އެގޮތުން އެއްފަހަރާ ފައިސާ ދައްކާ ނަމަ އައިފޯނު 8 މޮޑެލްގެ 64 ޖީބީގެ ފޯނެއް ވިއްކަނީ 14،899ރ. އަށެވެ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނެއް ވިއްކަނީ 18،199ރ. އަށެވެ. އޭގެ އިތުރުން 8ޕްލަސްގެ 64 ޖީބީގެ ފޯނެއް ވިއްކަނީ 16،999ރ. އަށެވެ. އަދި އެ މޮޑެލްގެ 256 ޖީބީގެ ފޯނެއް ވިއްކަނީ 19،999ރ. އަށެވެ.

މިދިޔަ މަހު ތައާރަފްކުރި އައިފޯނު 8 އާއި 8 ޕްލަސް ދިރާގުން ވިއްކަން ފެށުމުން ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިދިޔަ މަހު ތައާރަފްކުރި އައިފޯނު 8 އާއި 8 ޕްލަސް ދިރާގުން ވިއްކަން ފެށުމުން ކަސްޓަމަރުންނަށް މިއަދު ފޯނު ހަވާލުކުރަނީ.---ފޮޓޯ: ހުސެއިން ވަހީދު/މިހާރު

މިދިޔަ މަހު އައިފޯން 8 އަދި 8 ޕްލަސް ބާޒާރަށް ނެރެފައި ވާއިރު ބައްޓަމުގައި ތަފާތެއް ނެތެވެ. އެކަމަކު އައިފޯން 8 ގެ ފުރަގަހުގައި ލާފައި ވަނީ ބިއްލޫރި އެވެ. އަދި ވަޔަލެސް ޗާޖިން ވެސް ހިމަނާފައިވެ އެވެ. އޭގެ އިތުރުން އައިފޯނުގެ ކެމެރާގެ ފެންވަރު ވަނީ ކުރިއަށް ވުރެ ވަރުގަދަކޮށްފަ އެވެ.

އައިފޯނު އެކްސް ނުވަތަ 10 ވެސް ބާޒާރަށް ނެރެން މިހާރު އަންނަނީ ތައްޔާރުވަމުންނެވެ. އެ ފޯނު ބާޒާރަށް ނެރޭނީ ނޮވެމްބަރު މަހު ތިންވަނަ ދުވަހު އެވެ. މި ފޯނުގެ އަގު ފެށެނީ 999 ޑޮލަރުންނެވެ. މިއީ އެޕަލްގެ އެންމެ އަގު ބޮޑު ފޯނެވެ.