Roadha Mihaaru
މައްސަލައަކީ ރިޝްވަތު ދޭ މަހުޖަނު: ނަޝީދު

އެންމެ ބޮޑު މައްސަލައަކީ ރިޝްވަތު ދޭ މަހުޖަނު: ނަޝީދު

09 ނޮވެމްބަރ 2018

ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ "ރިޝްވަތު ދޭ މަހުޖަނު" ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހއ. ދިއްދޫގައި ވިދާޅުވެއްޖެ އެވެ.

އަހުމަދު ސާއިލް އަލީ ހއ. ދިއްދޫން އަހުމަދު ސާއިލް އަލީ

ރާއްޖެއަށް މިއަދު ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ "ރިޝްވަތު ދޭ މަހުޖަނު" ކަމަށާއި އެކަން ހައްލުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ހއ. ދިއްދޫގައި ވިދާޅުވެއްޖެ އެވެ.

މިރަށުން ކީ ހޫނު މަރުހަބާ އަށް ފަހު ސަޕޯޓަރުންނާ ބައްދަލުކުރައްވައި ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވީ ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންގެ އިތުރުން ސަރުކާރުގެ ތެރެއިން ވެސް ކަންކަން ގޯހުން ދަނީ އެ ބޭފުޅުންނަށް ރިޝްވަތު ދޭނެ ބަޔަކު ތިބޭތީ ކަމަށެވެ. މަގާމުތަކުގައި ތިބޭ މީހުން ބަދަލުކުރި ނަމަވެސް މައްސަލަ ހައްލު ނުވަނީ ރިޝްވަތު ދޭ މީހުން ނުހުއްޓުވޭތީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

ރިޝްވަތު ދޭ މީހުން އެކަން ކުރަމުން ގެންދަނީ އިތުރު ފައިސާ ހޯދަން ކަމަށާއި އެހެންކަމުން ކަންކަން އިސްލާހު ކުރުމަށްޓަކައި މިއަދު އެންމެ މުހިންމު ކަމަކީ ފައިސާ ދެމުންދާ މަހުޖަނު އިސްލާހު ކުރުން ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އޭނާ ދޭ ފައިސާއިން އަޅުގަނޑުމެންގެ ރާއްޖެ ހަލާކުވަނީ. އޭނާގެ މަގުސަދަކަށް ވަނީ އޭނާގެ ބޭނުމަކަށް ވަނީ އިތުރު ފައިސާ ހޯދުން. އެ ހޯދުމަށްޓަކައި ނާޖާއިޒު ގޮތުގައި ކަންކަން ހިންގުމަށް ފައިސާ ބޭނުން ކުރަނީ،" ޖަޒީރާ ޕާކްގެ ނަމުގައި ބަނދަރުމަތީގައި ހަދާފައިވާ ޕާކް ހުޅުއްވައިދެއްވުމަށް ފަހު ވާހަކަ ދައްކަވަމުން ނަޝީދު ވިދާޅުވި އެވެ.

"މިއަދު އަޅުގަނޑަށް ފެންނަ ކުށްވެރިޔާއަކީ ފަނޑިޔާރު މަނިކުފާނެއް ނޫން. އަޅުގަނޑަށް ފެންނަ ކުށްވެރިޔާއަކީ މަހުޖަނު. އެކަން ހަނދާން ނައްތާލައިގެން ނުވާނެ."

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫގައި. -- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫގައި. -- ފޮޓޯ: އެމްޑީޕީ

އެކަން ކުރުމަށް ފައިސާވެރިން އެ ތަނަވަސްކަން ހޯދާ ގޮތާއި އެ ގެންގުޅޭ ގޮތް އެނގެން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ. އަދި އިންސާފު ހޯދަން މަސައްކަތް ކުރާއިރު އެ ހަގީގަތް ހަނދާން ނައްތާލައިގެން ނުވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އުތީމު ބޮޑު ތަކުރުފާނު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަން ކުރެއްވުމުން މިއަދު ފާހަގަކުރާ، ގައުމީ ދުވަހާ ބެހޭ ގޮތުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ ހުދުމުހުތާރު ވެރިކަމަކާ ދިމާއަށް ގޮސްފައި ވަނިކޮށް ރާއްޖެ އަނެއްކާވެސް ހަމަމަގަށް ގެނެސްދިނީ ތިލަދުންމަތީ ރައްޔިތުންގެ މަސައްކަތުން ކަމަށެވެ.

ގައުމިއްޔަތެއްގެ ބޭނުމަކީ މިނިވަންކަމާއި ފުދުންތެރިކަމާ އެކު ދިރިއުޅެވޭނެ ގޮތްތަކެއް ހަމަޖެހުން ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ. އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކުރަމުން އަންނަ މަސައްކަތަކީ އެއީ ކަމަށް ވެސް ވިދާޅުވި އެވެ. ކުރިއަށް އޮތް ފަސް އަހަރަކީ އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) ގެ ވެރިކަމުގައި ރައްޔިތުން އެދޭނެ ތަރައްގީ ގެނެސް ދެއްވާނެ ދުވަސްތަކެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

ރިޔާސީ އިންތިޚާބުން ރައީސް އަބްދުﷲ ޔާމީން ނާކާމިޔާބުވުމަކީ ދިވެހިން ދެއްކި ރީތި މިސާލެއް ކަމަށާއި އެކަމުގެ ސަބަބުން މުޅި ދުނިޔެ ސިއްސުވާލާފައިވާ ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫގައި. -- ފޮޓޯ: އެމްޑީޕީ

ކުރީގެ ރައީސް މުހައްމަދު ނަޝީދު ހއ. ދިއްދޫގައި. -- ފޮޓޯ: އެމްޑީޕީ

"ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހޯއްދެވި ކާމިޔާބީގެ ސިއްރަކީ ތިޔަ ބޭފުޅުން. ފަހަތަށް ޖެހި ވަޑައިނުގަންނަވާނެކަމާއި ހައްގު މިންވަރު ހޯއްދެވުމަށް މަސައްކަތް ކުރައްވާނެކަން މުޅި ދުނިޔެއަށް ސާބިތު ކޮށްދެއްވައިފި."

ރައީސް ނަޝީދަށް ކޮށްފައިވާ 13 އަހަރުގެ ޖަލު ހުކުމް ތަންފީޒުކުރުން ފަސްކޮށްފައި ވާއިރު ނަޝީދު ވިދާޅުވީ އެމަނިކުފާނު މިނިވަންވެ ވަޑައިގެން އާއިލާއާއެކު ރާއްޖޭގައި މިނިވަންކަން މަތީ އުޅުއްވުމުގެ ފުރުސަތު ހޯދައިދެއްވީ ދިވެހި ރައްޔިތުން ކަމަށެވެ.

އެ މަނިކުފާނު ބޭނުންފުޅުވާ މަގާމެއް ސަރުކާރުގެ ތެރޭގައި ނެތް ކަމަށާއި ނަމަވެސް ރައްޔިތުންނަށް ހައްގު މިންވަރު ހޯއްދަވައިދެއްވުމަކީ އަބަދުވެސް އެދުން ކަމަށް ވިދާޅުވި އެވެ. އަދި އެކަން ކުރެއްވުމުގައި ދެމި ހުންނަވާނެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުގެ އަބަދުވެސް އަމާޒަކަށް ވެފައިވަނީ އަދި ވާނީ ވެސް ރައްޔިތުންނާއެކު މިމަސައްކަތުގައި ދެމި ހުރުން. ތަރައްގީގެ މަސައްކަތުގައި ކެނޑިނޭޅި އުޅުން. އިރާދަކުރެއްވިއްޔާ ހުއްޓުމެއްނެތި އަޅުގަނޑު މަސައްކަތް ކުރަމުން ގެންދާނަން،"

ދިވެހިން އެދޭ ދިރިއުޅުން ހޯދައިދެއްވާނީ އިސްލާމް ދީނުގެ އުސޫލުތަކުގެ ތެރެއިން ތަނަވަސް ދިރިއުޅުމެއް ހޯދައި ދީގެން ކަމަށްވެސް ނަޝީދު ވިދާޅުވި އެވެ.

ޖަލު ހުކުމް އިއްވުމުން ރާއްޖެއިން ބޭރަށް ބޭސްފަރުވާއަށް ވަޑައިގެން އުޅުއްވުމަށް ފަހު މިމަހު ރާއްޖެ ވަޑައިގެން އަތޮޅު ތެރެއަށް ކުރައްވާ ދެ ވަނަ ދަތުރުފުޅުގައި ނަޝީދު ދިއްދޫއަށް ވަޑައިގަތުމުން ގިނަ އަދަދެއްގެ ބަޔަކު އެ މަނިކުފާނަށް މަރުހަބާ ކިޔުމަށް ނިކުމެ ތިއްބެވެ. އޭގެ ތެރޭގައި މި ހިސާބުގެ ރަށްރަށުން އައި މީހުން ވެސް ގިނަ އެވެ.