Roadha Mihaaru
ސިރިސޭނާ ވަނީ ރައްޔިތުންގެ ހައްގުތައް ވަގަށް ނަގާފައި

ސިރިސޭނާ ވަނީ ރައްޔިތުންގެ ހައްގުތައް ވަގަށް ނަގާފައި: ޔޫއެންޕީ

10 ނޮވެމްބަރ 2018

ކޮލަމްބޯ (ނޮވެމްބަރު 9) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ރައްޔިތުންގެ ހައްގުތަކާއި ޑިމޮކްރެސީ ވަގަށް ނަގާފައި ކަމަށް މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން މިރޭ ބުނެފި އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ނޮވެމްބަރު 9) - ސްރީ ލަންކާގެ ރައީސް މައިތުރިޕާލާ ސިރިސޭނާ ވަނީ ރައްޔިތުންގެ ހައްގުތަކާއި ޑިމޮކްރެސީ ވަގަށް ނަގާފައި ކަމަށް މަގާމުން ދުރުކުރި ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަގެ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އިން މިރޭ ބުނެފި އެވެ.

އެ ޕާޓީން ކުރި ޓްވީޓެއްގައި މިހެން ބުނެފައި ވަނީ ލަންކާގެ ޕާލަމެންޓް މިރޭ 12 އިން ފެށިގެން އުވާލަން ސިރިސެނާ ނިންމެވުމާ ގުޅިގެންނެވެ. ޕާލަމެންޓް އުވާލުން ޔޫއެންޕީން ވަނީ ކުށްވެރިކޮށްފަ އެވެ.

އާއްމު އިންތިޚާބު ބާއްވާނެ ތާރީޚެއްގެ ގޮތުގައި އިއުލާން ކޮށްފައި ވަނީ އަންނަ ޖެނުއަރީ މަހު 5 ވަނަ ދުވަހު އެވެ. އާ ޕާލަމެންޓުގެ ފުރަތަމަ ބައްދަލު ބާއްވާނެ ކަމަށް އިއުލާން ކޮށްފައި ވަނީ ޖެނުއަރީ 17 ވަނަ ދުވަހު އެވެ.

ޕާލަމެންޓް އުވާލުމުގެ ގަރާރުގައި ސިރިސޭނާ ސޮއިކުރެއްވީ 225 މެންބަރުންގެ އަޣުލަބިއްޔަތު ނުލިބުނު ކަމަށް ވެރިކަން ކުރާ ޕާޓީން ބުނިތާ މާގިނައިރެއް ނުވަނީހެވެ. ޕާލަމެންޓުގެ މެޖޯރިޓީ ހޯދަން މަދުވެގެން އަށް މެމްބަރުން ބޭނުންވާ ކަމަށް ސިރިސޭނާގެ ޔުނައިޓެޑް ޕީޕަލްސް ފްރީޑަމް އެލަޔަންސް (ޔޫޕީއެފްއޭ) އިން މިއަދު ވަނީ ބުނެފަ އެވެ.

ޕާލަމެންޓް ސަސްޕެންޑް ކޮށްފައި ބޭއްވުމަށް ފަހު ސިރިސޭނާ ގެންދަވަނީ ބޮޑު ވަޒީރު ކަމަށް ހަމަޖެއްސި މަހިންދާ ރާޖަޕަކްސާގެ މަގާމު ޔަގީން ކުރަން ބޭނުންވާ ވަރަށް މެންބަރުން ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ޕާލަމެންޓް ހުޅުވާނެ ކަމަށް ކުރިން ބުނީ އަންނަ ބުދަ ދުވަހު އެވެ.

ލަންކާގައި ސިޔާސީ މައްސަލަގަނޑު ބޮޑުވީ ބޮޑު ވަޒީރުގެ މަގާމުން ރަނިލް ވިކްރަމަސިންހަ މިދިޔަ މަހު 26 ވަނަ ދުވަހު ދުރުކުރުމަށް ފަހު އެ މަގާމަށް ރާޖަޕަކްސާ ހަމަޖެއްސުމުންނެވެ. ރަނިލް ގެންދަވަނީ ގާނޫނީ ގޮތުން ބޮޑު ވަޒީރަކީ އޭނާ ކަމަށް ވިދާޅުވަމުންނެވެ. އެހެންވެ ބޮޑު ވަޒީރުގެ ގެކޮޅުން ނުކުތުމަށް ގެންދަވަނީ ދެކޮޅު ހައްދަވަމުންނެވެ.

ޕާލަމެންޓުގެ މެޖޯރިޓީ ނުލިބުނު ކަމަށް ޔޫޕީއެފްއޭ އިން މިއަދު ބުނި އިރު މިދިޔަ ހޯމަ ދުވަހު ސިރިސޭނާ ވަނީ ޕާލަމެންޓުގެ އަޣުލަބިއްޔަތު ކަމަށްވާ 113 މެންބަރުންގެ ތާއީދު ލިބިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

ލަންކާގެ އާއްމު އިންތިޚާބު ބާއްވަން ޝެޑިއުލްކޮށްފައި އޮތީ 2020 ވަނަ އަހަރު އެވެ.