Roadha Mihaaru
ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅު: ރަނިލް

ލަންކާގައި މަރުގެ އަދަބު ދިނުމާ ދެކޮޅު: ރަނިލް

01 ޖުލައި 2019

ކޮލަމްބޯ (ޖުލައި 1) - ސްރީ ލަންކާގައި މަރުގެ އަދަބު ތަންފީޒް ކުރުމަށް ތާއީދު ނުކުރާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ކޮލަމްބޯ (ޖުލައި 1) - ސްރީ ލަންކާގައި މަރުގެ އަދަބު ތަންފީޒް ކުރުމަށް ތާއީދު ނުކުރާ ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އިއްޔެ ވިދާޅުވެއްޖެ އެވެ.

ރަނިލް ވިދާޅުވީ ޔުނައިޓެޑް ނޭޝަނަލް ޕާޓީ (ޔޫއެންޕީ) އާއި ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ އަދި ޓަމިލް ނޭޝަނަލް އެލަޔަންސް އިން ވެސް މަރުގެ އަދަބު ދިނުމާ ދެކޮޅު ކަމަށެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ މިދިޔަ ބުދަ ދުވަހު ވަނީ ހަތަރު މީހަކަށް މަރުގެ އަދަބު ދިނުމުގެ އަމުރުގައި ސޮއިކުރައްވައިފަ އެވެ. އަދި ވަރަށް އަވަހަށް މަރުގެ އަދަބު ދޭން ފަށާނެ ކަމަށް ވަނީ ވިދާޅުވެފަ އެވެ.

ބޮޑު ވަޒީރު ރަނިލް ވިދާޅުވީ ލަންކާގައި މަރުގެ އަދަބު ތަންފީޒް ކުރަން އުޅޭ މައްސަލާގައި ކެބިނެޓާއި ޕާލަމެންޓުގެ ރައީސް އަދި ރައީސް ސިރިސޭނާއާ އެކު މަޝަވަރާ ކުރައްވާނެ ކަމަށެވެ.

ލަންކާގައި މަރުގެ އަދަބު ދޭން އުޅޭތީ، އަދަބު ތަންފީޒް ކުރުމާ ދެކޮޅަށް ކޯޓް އޮފް އެޕީލް އަށް ހުކުރު ދުވަހު ވަނީ ދެ ޕެޓިޝަނެއް ހުށަހަޅައިފަ އެވެ.

މަރުގެ އަދަބު ތަންފީޒް ކުރާނެ ޖައްލާދުގެ މަގާމަށް އެތައް ބަޔަކު ކުރިމަތިލާފައިވާ އިރު އެ މަގާމަށް ދެ މީހަކު ހަމަޖައްސާފައިވާ ކަމަށް ޖަސްޓިސް މިނިސްޓްރީން ވަނީ ބުނެފަ އެވެ. ނަމަވެސް އިދާރީ ގޮތުން ކުރަން ޖެހޭ ގިނަ މަސައްކަތްތަކެއް އެބަހުރި ކަމަށް ޖަސްޓިސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ސްރީ ލަންކާގައި އެންމެ ފަހުން މަރުގެ އަދަބު ތަންފީޒްކޮށްފައި ވަނީ، މީގެ 43 އަހަރު ކުރިން، 1976 ވަނަ އަހަރު އެވެ.

ކޮލަމްބޯގެ މައި ޖަލުގައި ހުރި ޖައްލާދު އިސްތިއުފާ ދީފައި ވަނީ 2014 ވަނަ އަހަރު އެވެ. ނަމަވެސް އޭގެ ފަހުން ޖައްލާދުގެ މަގާމުގައި މީހަކު ހަރުލާ ގޮތެއް ނުވެ އެވެ. ފަހުން ވެއްދި ތިން މީހުން ވެސް އަމިއްލަ އަށް ވަޒީފާ ދޫކޮށްލާފައި ވަނީ ކުރާނެ މަސައްކަތެއް ނެތިގެންނެވެ.

ސިރިސޭނާ ވިދާޅުވީ މަސްތުވާތަކެއްޗަށް ދެވި ހިފާފައިވާ 200،000 މީހުން ލަންކާގައި އެބަތިބި ކަމަށާއި ލަންކާގެ ޖަލުތަކުގައި އާބާދީގެ 60 ޕަސެންޓަކީ ޑްރަގާ ގުޅޭ ކުށްވެރިން ކަމަށެވެ.

ސިރިސޭނާގެ އޮފީހުގެ ސީނިއާ އޮފިޝަލަކު ވިދާޅުވީ ދަންޖައްސައިގެން މަރުގެ އަދަބު ތަންފީޒް ކުރަން ސިރިސޭނާ ބޭނުންފުޅުވީ ޑްރަގު ވިޔަފާރި ކުރާ މީހުންނަށް ވަރުގަދަ މެސެޖެއް ދިނުމުގެ ގޮތުން ކަމަށެވެ.