Roadha Mihaaru
ދަރުމަވަންތަ ހޮސްޕިޓަލް ފެބްރުއަރީގައި ނިމޭނެ: ނާޒިމް

ދަރުމަވަންތަ ހޮސްޕިޓަލްގެ ހުރިހާ މަސައްކަތެއް ފެބްރުއަރީ މަހު ނިންމާލެވޭނެ: މިނިސްޓަރު

14 ނޮވެމްބަރ 2018

ދަރުމަވަންތަ ހޮސްޕިޓަލު މަސައްކަތްތަކުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި އަންނަ ފެބްރުއަރީ މަހަށް އެތަން އެއްކޮށް ނިންމާލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ދަރުމަވަންތަ ހޮސްޕިޓަލު މަސައްކަތްތަކުގެ 95 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށާއި އަންނަ ފެބްރުއަރީ މަހަށް އެތަން އެއްކޮށް ނިންމާލެވޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.

އިމާރާތް ބައްލަވާލެއްވުމަށް ފަހު ނޫސްވެރިންނާ ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ ފެބްރުއަރީ މަހަށް އެ ހޮސްޕިޓަލްގެ މަސައްކަތްތައް ނިންމާލެވޭނެ ކަމަށް، ސިއްހީ ސާމާނު ގެންނަ ފަރާތާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރާ ފަރާތުން އަންގާފައިވާ ކަމަށެވެ.

އެ ހޮސްޕިޓަލަށް ބޭނުންވާ މެޝިނަރީތައް ވެސް މިހާރު ވަނީ ގެނެސްފަ އެވެ. މިހާރު މައިގަނޑު ގޮތެއްގައި ކުރަމުން އަންނަނީ އެ އެއްޗެހި ބަހައްޓައި ހަރުކުރުމުގެ މަސައްކަތެވެ.

ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ޖުލައި 26 ވަނަ ދުވަހު ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވާށެވެ. ނަމަވެސް ފަހުން ނިންމީ އެ އިމާރާތުގެ ހަ ފްލޯ މިދިޔަ ސެޕްޓެމްބަރު މަހު ހުޅުވާށެވެ. އެކަމަކު އެކަން ވެސް ފަހުން ވަނީ ފެބްރުއަރީ މަހަށް ފަސްކޮށްފަ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ފްލޯއެއްގެ އެތެރެ.- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ދަރުމަވަންތަ ހޮސްޕިޓަލްގެ ފްލޯއެއްގެ އެތެރެ.- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ރައީސް އަބްދުﷲ ޔާމީންގެ ފަސް އަހަރުގެ ދައުރު އަންނަ ހޮނިހިރު ދުވަހު ހަމަވާނެ އެވެ. އެހެންވެ ދަރުމަވަންތަ ހޮސްޕިޓަލް ހުޅުވާނީ ހޮނިހިރު ދުވަހު ރައީސްކަމުގެ މަގާމަށް ވަޑައިގަންނަވާ އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ގެ ސަރުކާރުގަ އެވެ.

ނާޒިމް ވިދާޅުވީ އިމާރާތް ހުޅުވާއިރު މިނިސްޓަރު ކަމުގައި ނުހުންނެވިއަސް، ސިއްހީ ދާއިރާ އަށް ބޮޑު މަސައްކަތެއް ކޮށްދެއްވުމުން ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށެވެ. އަދި އާ ސަރުކާރުން ވެސް ޒިންމާދާރު ކަމާއެކު ސިއްހީ ދާއިރާ އަށް ހިދުމަތްކޮށްދޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"ހެލްތު ދާއިރާގެ މަސައްކަތްތައް، ރައްޔިތުންގެ ޚާދިމެއްގެ ގޮތުގައި މަސައްކަތް ކުރަންހުރި މީހެއްގެ ހައިސިއްޔަތުން، އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ ރައީސް އަބްދުﷲ ޔާމީން ރައްޔިތުންނަށް ހަދިޔާކުރައްވާ ވަރަށް ބޮޑު ތަރިކައެއް،" ނާޒިމް ވިދާޅުވ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވައިލެއްވުމަށްފަހު ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ދަރުމަވަންތަ ހޮސްޕިޓަލްގެ މަސައްކަތްތައް ބައްލަވައިލެއްވުމަށްފަހު ހެލްތު މިނިސްޓަރު ނާޒިމް ވާހަކަދައްކަވަނީ.-- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އޭނާ ވިދާޅުވީ ސިއްހީ ދާއިރާ އާ ހަރުފަތަކަށް ގެންގޮސްދިނުމުގައި ދަރުމަވަންތަ ހޮސްޕިޓަލަކީ މުހިއްމު އެއް ބިނާ ކަމަށެވެ. އެހެންވެ ވީހާ ވެސް އަވަސް މުއްދަތެއްގެ ތެރޭގައި އެތަނުގެ ހިދުމަތްތައް ރައްޔިތުންނަށް ލިބޭނެ ކަމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑު ގަބޫލުކުރަނީ ސިއްހީ ހިދުމަތް ދިނުމުގައި ކޮންމެ ސަރުކާރެއް އަޔަސް ޒިންމާދާރު ގޮތުގައި އެ މަސައްކަތް ކޮށްދެއްވާނޭ ކަމަށް. އަޅުގަނޑުމެން ފަށާފައި ހުރި މަސައްކަތް، މި ހޮސްޕިޓަލުގެ އެންމެ ރަނގަޅު ހިދުމަތް، އެ ބޭފުޅުން [އާ ސަރުކާރު] ގެ ސިޔާސަތުތަކާ އެއްގޮތަށް އެ މަސައްކަތް ފޯރުކޮށްދޭނެ ކަމަށް ޝައްކު ނުކުރަން،" ނާޒިމް ވިދާޅުވި އެވެ.

ދަރުމަވަންތަ ހޮސްޕިޓަލަށް ހަރަދުވާނެ ކަމަށް ސަރުކާރުން ކުރިން ބުނީ 143 މިލިއަން ޑޮލަރެވެ. ނަމަވެސް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު އިއްޔެ މަޖިލީހަށް ހުށަހެޅުއްވި އަންނަ އަހަރުގެ ބަޖެޓުގައިވާ ގޮތުން، ދަރުމަވަންތަ ހޮސްޕިޓަލަށް 200 މިލިއަން ޑޮލަރު ހޭދަވާނެ އެވެ.

ދަރުމަވަންތަ ހޮސްޕިޓަލްގެ ފްލޯއެއްގެ އެތެރެ.- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

ދަރުމަވަންތަ ހޮސްޕިޓަލްގެ ފްލޯއެއްގެ އެތެރެ.- ފޮޓޯ: އަހުމަދު ނިޝާތު/ މިހާރު

އައިޖީއެމްއެޗްގެ އާ އިމާރާތާ އެކު 500 އެނދުގެ ކެޕޭސިޓީ އެ ހޮސްޕިޓަލުގައި ގާއިމް ކުރެވޭނެ އެވެ. އެއީ އައިޖީއެމްއެޗް ތޮއްޖެހުމަށް ހައްލު ލިބި އަވަހަށް ބޮޑެތި ހިދުމަތްތަކެއް ދެވޭނެ ސަބަބެއް ކަމަށް ސަރުކާރުން ބުނެ އެވެ.

ހެލްތު މިނިސްޓަރު ނާޒިމް ވަނީ އެ ހޮސްޕިޓަލުގެ 25 ބުރިއަށް ވަޑައިގެން ވަކިވަކި ފްލޯތަކުގެ މަސައްކަތް ބައްލަވާލައްވައިފަ އެވެ.

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލް ގުޅާލާފައިވާއިރު، އޯޕީޑީ އާއި އެކްސްރޭ އާއި އެމްއާރުއައި، ފިޒިއޯތެރަޕީ، ސްޕޯޓްސް ތެރަޕީ، އީއެންޓީ އާއި ލޮލުގެ ބަލިތަކަށް ޚާއްސަ ޑިޕާޓްމެންޓާއި ޑެންޓަލް ޑިޕާޓްމެންޓެއް އެ ހޮސްޕިޓަލްގައި ގާއިމް ކުރާނެ އެވެ.