Roadha Mihaaru
އެނބުރި އައިސް ތޯއިފް އުއްމީދުތަކާ އެކު ކުރިއަށް!

އެނބުރި އައިސް ތޯއިފް އުއްމީދުތަކާ އެކު ކުރިއަށް!

16 ނޮވެމްބަރ 2018

ބެޑްމިންޓަން ކުޅުންތެރިޔާ އަހުމަދު ތޯއިފްގެ ވާހަކަ ފަށަން ޖެހެނީ އޭނާ އަށް ކުރެވުނު ތަފާތު ދެ ތަޖުރިބާއެއްގެ ވާހަކައާ ހަމައިންނެވެ. ރިޔޫނިއަންގައި 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނުން އޭނާ އަށް ފުރުސަތު ގެއްލުނީ ފަހު ވަގުތު އެވެ. އެކަމަކު އެ އަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އަޖުފާނު އަތުން ބަލިވިއިރު ދެއްކި މޮޅު ކުޅުމާ އެކު ލިބުނު ހިތްވަރެވެ. މި ދެ ތަޖުރިބާއާ އެކު ދެން އޭނާ ދިރިއުޅުމުގައި ކުރިއަށްދާން ޖެހުނީ ތަފާތު މަގަކުންނެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ބެޑްމިންޓަން ކުޅުންތެރިޔާ އަހުމަދު ތޯއިފްގެ ވާހަކަ ފަށަން ޖެހެނީ އޭނާ އަށް ކުރެވުނު ތަފާތު ދެ ތަޖުރިބާއެއްގެ ވާހަކައާ ހަމައިންނެވެ. ރިޔޫނިއަންގައި 2015 ވަނަ އަހަރު އޮތް އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އަށް ދިޔަ ގައުމީ ބެޑްމިންޓަން ޓީމުގެ ސިލެކްޝަނުން އޭނާ އަށް ފުރުސަތު ގެއްލުނީ ފަހު ވަގުތު އެވެ. އެކަމަކު އެ އަހަރުގެ ގައުމީ މުބާރާތުގެ ފިރިހެން ސިންގަލްސް ފައިނަލުގައި ތަޖުރިބާކާރު ކުޅުންތެރިޔާ މުހައްމަދު އަޖުފާނު އަތުން ބަލިވިއިރު ދެއްކި މޮޅު ކުޅުމާ އެކު ލިބުނު ހިތްވަރެވެ. މި ދެ ތަޖުރިބާއާ އެކު ދެން އޭނާ ދިރިއުޅުމުގައި ކުރިއަށްދާން ޖެހުނީ ތަފާތު މަގަކުންނެވެ.

"ސިލެކްޝަނަށް ފަހު ވަރަށް ދެރަވި. އެއީ ހުރިހާ މަސައްކަތާ އެއްޗެހި ދިޔައީމަ. އެއީ އުމުރުން 17 އަހަރުގައި. ދެން ކޮންމެ ގޮތެއްވިޔަސް އަރާހިތުން ހުރީ. އުއްމީދުކަނޑައެއް ނުލަން. އެއީ 2019 ވަނަ އަހަރުގެ ޓީމަށް އަރާނެ ކަމުގެ އުއްމީދު އޮތީމަ،" އެންމެ މާޔޫސްވި އެއް ދުވަހާ ބެހޭގޮތުން ތޯއިފް އޭނާގެ އިހުސާސްތައް ކިޔައިދިނެވެ.

އިންޑިއާގެ ގުވަހާޓީގައި 2016 ވަނަ އަހަރު އޮތް ސައުތު އޭޝިއަން ގޭމްސް އަށް ފަހު ތޯއިފް ޖެހުނީ ދިރިއުޅުމުގެ ކަންތައްތައް ހަމަމަގަށް އެޅުވުމުގެ ގޮތުން ބެޑްމިންޓަނާ ދުރަށް ޖެހިލާށެވެ. އޭނާ ޕޮލިހުގައި އަދާކުރަމުން އައި ވަޒީފާ އާއި ޓްރެއިނިން އަށް ދާން ޖެހުމާ އެކު މޮޅު ބެޑްމިންޓަން ކުޅުންތެރިޔަކަށް ވުމުގެ ހުވަފެން ކުޑަކޮށް މަޑުޖައްސާލީ ވަރުގަދަ އެނބުރި އައުމަކަށް ވެސް އުއްމީދު ކޮށްގެންނެވެ.

"ޓްރެއިނިން އަށް ފަހު ފިޓްނަސް އެހާ ރަނގަޅުކޮށް ހުރީމަ އޮތް އުއްމީދު އެނބުރި އާދެވޭނެ ކަމުގެ. މަދު އިންސްޓްރަކްޓަރުންނަށް ވެސް އެނގިފައި އޮތީ ގައުމީ ލެވެލްގައި ކުޅެފައި ހުރި މީހެއްކަން. ޓްރެއިނިންގައި ހުރިއިރު ވެސް ހުވަފެން ދިޔައީ ކުރިއަށް،" އުމުރުން 22 އަހަރުގެ ތޯއިފް ބުންޏެވެ.

ޓްރެއިނިން އަށް ފަހު ތޯއިފް އެނބުރި އައިސް ހުރީ ފުރުސަތެއްގެ އިންތިޒާރުގަ އެވެ. އެހެން ހުއްޓައި މިދިޔަ އަހަރުގެ ޕޮލިސް ކްލަބުން ބެޑްމިންޓަނުގައި ވާދަކުރަން ނިންމުމުން އެނބުރި ބެޑްމިންޓަން ކޯޓަށް އައުމުގެ ފުރުސަތު ފަހިވި އެވެ. އަދި އެ ފަހަރު އޭގެ ބޭނުން ހިފައި އޭނާ އަލުން ގައުމީ ޓީމަށް އެނބުރި އަންނަން މަގުކޮށި އެވެ.

މިކްސް ޑަބަލްސް ޓީމް ފައިނަލަށް ފަހު ތޯއިފް (ކ) އިދިކޮޅު ޓީމުގެ ޒަޔާންއާ ސަލާމްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މިކްސް ޑަބަލްސް ޓީމް ފައިނަލަށް ފަހު ތޯއިފް (ކ) އިދިކޮޅު ޓީމުގެ ޒަޔާންއާ ސަލާމްކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

"އެނބުރި އައިއިރު އަސްލު ހުރީ ކެތްމަދުވެފައި ކުޅެން. ވަރަށް ބުރަކޮށް އުޅޭތީ ޕްރޮބޭޝަން ދުވަސްކޮޅުގައި ނުލިބޭ ކުޅެން. ދެން ފުރުސަތެއް ނުލިބިފައި ހުއްޓައި މިދިޔަ އަހަރު ޕޮލިސް ކްލަބަށް ކުޅެލަން ލިބުނީ. އެ ފުރުސަތުގެ ބޭނުން ހެޔޮހިތުން ހިފިން. އެސޯސިއޭޝަނުން އޮތީ ޕޮލިހަށް އެދިފައި ރިލީސްދޭން. ވަރަށް މަސައްކަތުން އަލުން ގައުމީ ޓީމަށް ކުޅެން އެރީ،" ތޯއިފް ބުންޏެވެ.

އޭނާ ބުނީ މިހާރު އެންމެ އުފާވަނީ މި ހިސާބަށް އަންނަން އޭނާ ސާބިތުކަމާ އެކު ހުރެ ކުރި މަސައްކަތް ހިތައް އަރާފައި ކަމަށެވެ.

"ފެށުނީ ބައްޕަގެ ރެކެޓުން. މިހާރު ގައުމީ އަޒުމެއްގައި"

ޒުވާން އުމުރުގައި ތޯއިފް އަކީ ފުޓްބޯޅައިގެ ގޯލްކީޕަރެކެވެ. އެކަމަކު އެންމެ ގަޔާވެގެން ކުޅޭ ކުޅިވަރަށް ނުވާތީ ފުޓްބޯޅަ އަށް އޭނާގެ ހިތެއް ނުޖެހެ އެވެ. އެހެން ކަންތައްތައް ވަމުން ދަނިކޮށް ގޭތެރޭގައި ބައްޕަ ބެޑްމިންޓަން ކުޅެންދާ ރެކެޓް އޮންނާތީ އޭގެން ފެށީ ބެޑްމިންޓަން ކުޅޭށެވެ.

"ބައްޕަ ކުޅެންދާނެ ސޯޝަލް މެމްބަރުންނާ އެކު. ދެން ބައްޕަގެ ރެކެޓްތައް ހިފައިގެން ކޮއްކޮއާ އެކު ކުޅެން ފެށި ގޮތަށް ފެށުނީ އަސްލު މީގެއިން ކުރިއަށްދާން ހިތްވަރު ލިބުނީ. ބައްޕަ ވެސް މި ކުޅިވަރަށް ލޯބި ހުރީމަ. ބައްޕަ އާއި މަންމަގެ ސަޕޯޓް ވަރަށް ލިބޭ،" ތޯއިފް ކުޑައިރުގެ ހަނދާންތައް އާކޮށްލި އެވެ.

ތޯއިފްގެ ބެޑްމިންޓަން ދަތުރު ފެށުނީ 2007 ވަނަ އަހަރު ޔޫތު ޑިވެލޮޕްމަންޓް ޕްރޮގްރާމްއާ ގުޅުނު ހިސާބުންނެވެ. އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް ކޯޗުންނަށް އެންމެ ކަމުދިޔައީ ތޯއިފްގެ ދަސްކުރުމުގެ ހުނަރެވެ. ކަމަށް ހުންނަ ޝައުގުވެރިކަމާ ކުރާ މަސައްކަތެވެ.

ޒުވާން އުމުރުގައި ބެޑްމިންޓަން ކުޅުނުއިރު އާ ކަންތައްތައް ތަޖުރިބާ ވެސް ކުރެވުނެވެ. ތަފާތު ކަންތައްތަކާ ކުރިމަތިލާން ވެސް ޖެހުނެވެ. އެކަމަކު އޭނާ އެންމެ ހަނދާން ބަހައްޓަނީ ގާތް މީހަކު ދިއްކޮށްލި އެހީތެރިކަމުގެ އަތެވެ.

"ޖޫނިއާ ޓީމުގައި އުޅުނުއިރު ވަރަށް ރެކެޓް ބިންދައިގެންދާނެ އަތުން. މާ މޮޅަށް އުޅޭތީވެ. ދެން އެހެންއުޅޭއިރު. ބައްޕަ އަކަށް ވެސް އަބަދު ރެކެޓެއް ނުގަނެދެވޭނެތާ. ދެން ބެޑްމިންޓަނުގައި އުޅޭނެ ޒުހުރީބެ. އޭނަ ސްޕޮންސައެއް ދިނީ. ރެކެޓާއި ބޫޓާ ހުރިހާ އެއްޗެއް ދިން. އެއީ ވަރަށް ހިތްވަރު ލިބުނު ވަގުތެއް. އެއީ ވަރަށް ބޮޑު އެހީތެރިކަމެއް އަސްލު އަރަމުން އަންނަ ކުޅުންތެރިއަކަށް،" ކެރިއަރުގައި އަބަދުވެސް ހަނދާން ހުންނާނެ ވަގުތުކޮޅެއްގެ ވާހަކަ ތޯއިފް ކިޔައިދިނެވެ.

ގައުމީ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތަށް ފަހު ތޯއިފް (މ) އާއި ރިޝްވާން (ވ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ މުބާރާތުގެ އިނާމް ދިނުމުގެ ރަސްމިއްޔާތަށް ފަހު ތޯއިފް (މ) އާއި ރިޝްވާން (ވ). -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖޫނިއާ ލެވެލްގައި ތޯއިފް އަށް އެންމެ ގިނަ ކަންތައްތަކެއް ދަސްވީ އޭނާގެ އެކުވެރިޔާ އަދި ޖޫނިއާ ޗެމްޕިއަން ރިޝްވާން ޝިޔާމްގެ ކިބައިންނެވެ. ތޯއިފް އަށް ބެޑްމިންޓަނުގައި ލިބުނު އެންމެ ފުރަތަމަ ތަށި ލިބުނީ ރިޝްވާންއާ އެކު ޑަބަލްސްގައި އެއް ޕެއާއަކަށް ކުޅުނުއިރު އެވެ. އޭގެ ފަހުން ރިޝްވާން ބަލިކޮށް ތޯއިފް ވަނީ ޖޫނިއާ ތަށި ވެސް ކާމިޔާބުކޮށްފަ އެވެ.

"އަބަދުވެސް މީހުން ބުނޭ ވަރަށް ރަނގަޅަށް ކުޅޭ ވާހަކަ. ދެން ހެދޭ ގޯސްތައް ރަނގަޅު ކުރަން ވެސް ބުނެދޭ. ދެން އެނބުރި އައީމަ އެންމެންވެސް ހިތްވަރުދޭ،" ތޯއިފް ބުންޏެވެ.

އެ ހުރިހާ ތަޖުރިބާތަކާ އެކު ތޯއިފް މި އަހަރު ފެބްރުއަރީގައި އަމާޒުހިފީ މީގެ ތިން އަހަަރު ކުރިން އޭނާ ހުއްޓާލި ހިސާބުން އަލުން ގައުމީ ޓީމުގައި ކާމިޔާބު ހޯދުމަށެވެ. ފަސް ބެލުމެއް ނެތި ކުރި މަސައްކަތުން އޭނާ އަނެއްކާ ވެސް މީހުންގެ ސަމާލުކަން ހޯދައިފި އެވެ.

އެނބުރި އައިސް ތޯއިފް ވަނީ މި އަހަރު އޮތް މޮރިޝަސް އިންޓަނޭޝަނަލް ސީރިސްގެ ފިރިހެން ޑަބަލްސް އާއި މިކްސް ޑަބަލްސް ބައިން ލޯ މެޑަލް ހާސިލްކޮށްފަ އެވެ. އަދި ގައުމީ ބެޑްމިންޓަން މުބާރާތުގެ މިކްސް ޑަބަލްސް ރަން މެޑަލް ހާސިލްކުރި އެވެ.

"ވަރަށް އެއްބާރުލުން އެންމެންގެ ފަރާތުން ލިބުނު ޓީމުގެ ކުޅުންތެރިންނާއި އެސޯސިއޭޝަނުން ވެސް. އަލަށް އަޖުފާނާ އެކު އިންޓަނޭޝަނަލްގައި ޑަބަލްސް ކުޅެގެން މެޑަލް ލިބިއްޖެ. ހަޔާތުގައި ވެސް އަލަށް ނަބީހާއާ އެކު މިކްސް ޑަބަލްސް މުބާރާތެއްގައި ކުޅެގެން މެޑަލް މި ލިބުނީ،" މޮރިޝަސް މުބާރާތާ ބެހޭގޮތުން ތޯއިފް ބުންޏެވެ.

ރާއްޖޭގެ ބެޑްމިންޓަނުން މިހާރު އެންމެ ބޮޑަށް އަމާޒުހިފާފައިވަނީ ރަން މެޑެއްޔެއް ގެނައުމަށެވެ. އަންނަ އަހަރުގެ އައިއޯއައިޖީ އަކީ އެ ކަމަށް އެންމެ ބޮޑަށް މަސައްކަތްކުރާނެ މުބާރާތެވެ. ތޯއިފް ބުނީ މިހާރު ޓީމު އޮތީ ނިސްބަތުން ބޮޑުކޮށް ކަމަށާއި ހުރިހާ ކުޅުންތެރިން އެކުވެގެން މި ބޭނުންވާ ޓާގެޓް ހާސިލްކުރެވޭނެ ކަމަށެވެ.

"އެންމެން ވެސް ތިބީ ވަރަށް މޯޓިވޭޓްވެފައި. އެގޮތުން 2011 ގައި ހެދުނު މިސްޓޭކްސް 2015 ގައި ރަނގަޅުވެއްޖެ. ދެން އޮތީ އެ ހުރިހާ ކަމެއް ރަނގަޅުކޮށް 2019 ގައި ކާމިޔާބު ހޯދުން. ތިން ވަނަ ފަހަރަށް ޓީމު އޮތީ ވަރަށް ސެޓުވެފައި ރަން މެޑެއްޔަކަށް،" އުއްމީދުގައި ހުރެ އޭނާ ބުންޏެވެ.

ޓާގެޓްތައް ކަނޑައަޅައިގެން ކުޅުންތެރިން މުބާރާތަށް ފޮނުވުމާއި އެހެނިހެން ގޮތްގޮތުން ވެސް ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސް (ބީއޭއެމް) އިން ކުޅުންތެރިންނަށް ކޮށްދޭ ކަންތައްތައް ކުޅުންތެރިން އަގުވަޒަންކުރެ އެވެ. ހާއްސަކޮށް ބައިނަލްއަގްވާމީ ލެވެލްގައި ކުޅުންތެރިން ކުރިއަރުވަން ކުރާ މަސައްކަތެވެ.

އެންމެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިއަދާ ހަމައަށް ވެސް އަދި ކުރިއަށް އޮތްތަނުގައި ވެސް ތޯއިފްގެ އެންމެ ބޮޑު ހިތްހަމަ ޖެހުމަކީ ކުރާ މަސައްކަތަށް އެހެންމީހުންގެ ފަރާތުން ލިބޭ އުއްމީދީ ބަސްތަކެވެ. އާއިލާ އާއި ރައްޓެހިންގެ އިތުރުން އެކުގައި ކުޅޭ ކުޅުންތެރިންނާއި ހެޔޮއެދޭ މީހުންނެވެ.

"އެންމެ އުފާވަނީ ކުރާ މަސައްކަތްތައް މީހުން ފާހަގަކުރާތީ. ކުރާ މަސައްކަތް ބަލައިގަންނާތީ. ވަރަށް ބޮޑަށް ޝުކުރު އަދާކުރަން. މަންމަ އާއި ބައްޕަ އަދި އަންހެނުންނަށް ވެސް. މިއީ އަސްލު އެންމެން ކުރާ އިތުބާރުން ލިބޭ ހިތްވަރު. ދެން ޑިސިޕްލިން ހިފަހައްޓައިގެން ކުރާ މަސައްކަތް،" ތޯއިފް ބުންޏެވެ.