Roadha Mihaaru
ބައްޕަ ދިން ސަޕޯޓް، ތޯއިފްގެ އެންމެބޮޑު ހިތްވަރު

ބައްޕަ ދިން ސަޕޯޓް، ތޯއިފްގެ އެންމެ ބޮޑު ހިތްވަރު

15 ނޮވެމްބަރ 2021

ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ފައިނަލް މެޗުގެ ފުރަތަމަ ސެޓް އަހްމަދު ތޯއިފް މުހައްމަދަށް ގެއްލި ދެވަނަ ސެޓް އަތުން ދޫވުމުގެ ބިރު ކުރިމަތިވެފައިވާ ވަގުތެވެ. މެޗު ކާމިޔާބު ކުރަން ޒުވާން ކުޅުންތެރިޔާ ނިބާލް އަހްމަދަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އެ ވަގުތު ވެސް ސަޕޯޓަރުންގެ ސަރަހައްދުގައި ތިބި ތޯއިފްގެ އާއިލާގެ މެންބަރުންގެ އަޑު މަޑެއް ނޫނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ގައުމީ ބެޑްމިންޓަން މުބާރާތުގެ ސިންގަލްސް ފައިނަލް މެޗުގެ ފުރަތަމަ ސެޓް އަހްމަދު ތޯއިފް މުހައްމަދަށް ގެއްލި ދެވަނަ ސެޓް އަތުން ދޫވުމުގެ ބިރު ކުރިމަތިވެފައިވާ ވަގުތެވެ. މެޗު ކާމިޔާބު ކުރަން ޒުވާން ކުޅުންތެރިޔާ ނިބާލް އަހްމަދަށް ބޭނުންވެފައި އޮތީ އެންމެ ޕޮއިންޓެކެވެ. އެ ވަގުތު ވެސް ސަޕޯޓަރުންގެ ސަރަހައްދުގައި ތިބި ތޯއިފްގެ އާއިލާގެ މެންބަރުންގެ އަޑު މަޑެއް ނޫނެވެ.

ތޯއިފަށް ސަޕޯޓް ދެމުން ގެންދިޔަ ކްރައުޑްގައި ހުރި އޭނާގެ ބައްޕަ، މުހައްމަދު ހަމީދުގެ ސަޕޯޓް މާ ގަދަ އެވެ. "ދަރިފުޅަށް ވާނެޔޭ ހިތްވަރު ކުރާށޭ" ގޮވަމުން އޭނާ ދިޔަ އެވެ. އެ ސެޓް ތޯއިފް އަނބުރާލައި މެޗުގެ ތެރެއަށް އޭނާ އެނބުރި އައެވެ. ޖެހިގެން އައި ސެޓް ތޯއިފް ކާމިޔާބުކޮށް ގައުމީ ޗެމްޕިއަންކަން ފުރަތަމަ ފަހަރަށް ހޯދުމުން އެކަމާ އެންމެ ބޮޑަށް އުފާކުރި އެކަކީ ހަމީދެވެ. ކޯޓުން ފައިބައިގެން ތޯއިފް އައުމުން އެންމެ ފުރަތަމަ އޭނާ އަށް މަރުހަބާކީ ހަމީދެވެ. އޭނާގެ ގަޔާލައި ތޯއިފް ފިއްތާލި އެވެ.

"އެއީ ވަރަށް ވަރަށް އިމޯޝަނަލް ވަގުތު ކޮޅެއް،" ކާމިޔާބަށް ފަހު ތޯއިފްގެ ބައްޕަ އައިސް އޭނާގެ ގައިގައި ބައްދާލި ވަގުތު ސިފަ ކޮށްދެމުން ތޯއިފް ބުންޏެވެ.

"އަޅުގަނޑުގެ ކޮންމެ ކާމިޔާބެއްގައި އެންމެ ބޮޑު ސަޕޯޓަކީ މަންމަ އާއި ބައްޕަ. އަބަދުވެސް މެޗުތައް ކުޅޭއިރު މަންމަ އާއި ބައްޕަ މެޗު ބަލަން އަންނާނެ. އެކަމަކު ރޭ މަންމަ ބަލިވެ އުޅޭތީ ކުޅޭތަނަށް ނުދެވުނީ. މަންމަ ދިޔައީ ޓީވީން ބަލަމުން. މެޗު ނިމުނުތަނުން އެންމެ ފުރަތަމަ ގުޅީ މަންމަ."

ގައުމީ ފައިނަލުގައި 2015 ގައި ނާކާމިޔާބުވި ތޯއިފް ބުނީ، މި ފަހަރުގެ ގައުމީ މުބާރާތަށް ހާއްސަކޮށް އޭނާ ވަރަށް ބުރަކޮށް މަސައްކަތް ކުރި ކަމަށެވެ.

"މިއީ ވަރަށް ބުރަ މަސައްކަތް. އައީލާގެ ސަޕޯޓް ނެތިި މި ކާމިޔާބެއް ހާސިލު ނުކުރެވޭނެ،" އޭނާ ބުންޏެވެ.

ތޯއިފް އުފާފާޅު ކުރަނީ: މިއީ އޭނާ ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު. --- ފޮޓޯ: ނިޝާން އަލީ | މިހާރު

ތޯއިފް އުފާފާޅު ކުރަނީ: މިއީ އޭނާ ގައުމީ ސިންގަލްސް ޗެމްޕިއަންކަން ހޯދި ފުރަތަމަ ފަހަރު. --- ފޮޓޯ: ނިޝާން އަލީ | މިހާރު

ފުރަތަމަ ސެޓް ތޯއިފްގެ އަތުން ދޫވީ މެޗުގެ ތެރެއަށް ވަނުން ލަސް ވުމުން ކަމަށް އޭނާ ބުންޏެވެ. ދެވަނަ ސެޓް ގެއްލުނަ ނުދޭން އޭނާގެ ވިސްނުން ބަދަލުކުރި އެވެ.

"ހީކުރި ގޮތަކަށް ނޫން މެޗު ދިޔައީ. ދެވަނަ ސެޓް ލިބުނީ ވަރަށް މަސައްކަތް ކޮށްގެން، އަލްހަމްދުﷲ. އޭރު ވެސް ކޯޗް ބުނި މިކަން ބޮލުގައި ބަހައްޓައްޗޭ ސެޓް ނިމޭނީ 21 ޕޮއިންޓުންނޭ. އަނެއް ކުޅުންތެރިޔާ އެހާ ހިސާބަށް ރީޗް ނުވަންޏާ ނަތީޖާ ބަދަލު ކުރެވޭނެޔޭ. އެގޮތަށް ވިސްނުން ބަހައްޓައިގެން ކުޅުނީ. އެހެންވެ މެޗުގެ ތެރެއަށް އެނބުރި އާދެވުނީ."

އަނިޔާގައި ހުރެގެން ނިބާލް ކުޅުނު ނަމަވެސް އޭނާ ވަނީ ދޫދިނުމެއް ނެތި ވަރުގަދަ އަށް ކުޅެފަ އެވެ. ތޯއިފް ވަނީ ނިބާލްގެ ހިތްވަރަށް ތައުރީފްކޮށްފަ އެވެ.

"ނިބާލް ކުރި ފައިޓަކީ ވަރަށް ރިލައިބަލް ފައިޓެއް. އިންޖަރީގައި ހުރެފައި ވެސް އޭނާ ގިވްއަޕް ނުކޮށް އެހާ ރަނގަޅަށް ކުޅެމުން ދިޔައީމަ ކޮންމެވެސް ވަރަކަށް ނާވަސްވި. އެކަމަކު ބެލީ އެކަމަށް ނުވިސްނާ މެޗު ފުރިހަމަ ކުރަން. އެކަމަކު އެއިން އެއްވެސް ކަމަކަށް ސަމާލުކަން ނުދެވޭތޯ ބެލީ."