Roadha Mihaaru
ހެކިންނާ ސުވާލު ކުރަން ފުރުސަތު ނުދޭތީ ސަލާމަތްވެއްޖެ

ހެކިންނާ ސުވާލު ކުރަން ފުރުސަތު ނުދީ އޮތުމުން މީހަކު ޖަލު ހުކުމަކުން ސަލާމަތްވެއްޖެ

16 އޯގަސްޓް 2016

ހެކިވެރިންނާ ސުވާލު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ދިނުމެއް ނެތި ހެކިބަސް ނަގައި، ދައުވާ ލިބޭ މީހާ ޖަލަށްލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން ބާތިލްކޮށް، އޭނާ މިނިވަންކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހެކިވެރިންނާ ސުވާލު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ދިނުމެއް ނެތި ހެކިބަސް ނަގައި، ދައުވާ ލިބޭ މީހާ ޖަލަށްލާން ކޮށްފައިވާ ހުކުމެއް ހައި ކޯޓުން ބާތިލްކޮށް، އޭނާ މިނިވަންކޮށްފި އެވެ.

މާރާމާރީ ހިންގި ކަމަށް ބުނެ ވ. ފެލިދޫ ޕިންކްފްލާވާ އަލީ އަބްދުﷲ ހަތަރު މަހަށް ޖަލަށްލާން މިދިޔަ މެއި މަހު ހުކުމްކުރީ އެ ރަށު ކޯޓުންނެވެ. އެ ހުކުމް ބާތިލްކޮށް، މިދިޔަ އާދިއްތަ ދުވަހު ހައި ކޯޓުން އޭނާ މިނިވަންކުރީ އެ މައްސަލަ އޭނާގެ ފަރާތުން އިސްތިއުނާފް ކުރުމުންނެވެ.

އެ މައްސަލައިގެ ޝަރީއަތުގައި އަބްދުﷲ އަށް ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ދަށު ކޯޓުން ދީފައެއް ނުވެ އެވެ. އަދި ހެކިން ވެސް ހެކިބަސް ދީފައިވަނީ އެ މީހުން ތަހުގީގަށް ބަޔާނެއް ދީފައިވާނެ ކަމަށް ބުނެ އެގޮތަށެވެ.

ހައި ކޯޓުގެ ހުކުމުގައި ވަނީ ހެކިންނާ ސުވާލު ކުރުމުގެ ފުރުސަތު ދައުވާ ލިބޭ ފަރާތަށް ވެސް ދޭންޖެހޭނެ ކަމަށް އެ ކޯޓުން ކުރިން ކަނޑައަޅާފައިވާ ކަމަށެވެ. އަދި ތަހުގީގަށް ބަޔާނާ ހަވާލާދީ ހެކިބަސް ދިނުމަކީ ގާނޫނުއަސާސީގައި ބުނާ އުސޫލުން ދެވޭ ހެކިބަހަކަށް ނުވާނެ ކަމަށާއި އެގޮތަށް ކުރިން ހައި ކޯޓުން އުސޫލު ކަނޑައަޅާފައިވާ ކަމަށެވެ. ސަބަބަކީ ތަހުގީގު ބަޔާނާ ހަވާލާދީ ހެކިބަސް ދިނުމަކީ އެކަމެއް ހިނގި ގޮތާއި އެކަން ކުރި ބަޔަކު ސާފުކޮށް ބަޔާންކޮށްދެވޭނެ އުސޫލަކުން ހެކިބަސް ދިނުން ކަމަށް ނުބެލެވޭނެތީ ކަމަށް އެ ހުކުމުގައިވެ އެވެ.

އަބްދުﷲ ގެ މައްސަލާގައި ފެލިދޫ ކޯޓުން އަމަލުކުރީ ހައި ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ޚިލާފަށް ކަމަށާއި އެހެންވެ އޭނާއާ ދެކޮޅަށް ލިބިފައިވާ ހެކިބަސްތަކަކީ ސައްހަ ހެކިބަސްތަކެއް ކަމަށް ނުބެލެވޭނެ ކަމަށް، ހައި ކޯޓުގެ ފަނޑިޔާރު އަލީ ސަމީރާއި ފަނޑިޔާރު އަބްދުﷲ ހަމީދާއި އިސް ފަނޑިޔާރު އަބްދުﷲ ދީދީގެ އިއްތިފާގުން ކުރި ހުކުމުގައިވެ އެވެ.

އަބްދުﷲ އަށް އިއްވި ހަތަރު މަހުގެ ޖަލު ހުކުމް ބާތިލް ކުރިއިރު، އެ ހުކުމުގެ މުއްދަތު އަންނަ މަހު ހަމަވާނެ އެވެ. އެކަމަކު ހުކުމް ބާތިލް ކުރުމާ އެކު ވަގުތުން އޭނާ މިނިވަންވާނެ އެވެ.

މީގެ ކުރިން ވެސް އެފަދަ ގޮތަކަށް މެޖިސްޓްރޭޓް ކޯޓަކުން ކޮށްފައިވާ ހުކުމެއް މިދިޔަ މަހު ހައި ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. އެ މައްސަލާގައި ދަށު ކޯޓުން އިއްވާފައިވަނީ ކުޑަކުއްޖަކާ ބެހުނު ކަމަށް ބުނެ މީހެއްގެ މައްޗަށް 10 އަހަރުގެ ޖަލު ހުކުމެކެވެ.

ގާނޫނުއަސާސީ ބުނާގޮތުން ސުޕްރީމް ކޯޓާއި ހައި ކޯޓުން ނިންމާ ނިންމުންތަކަށް ދަށު ކޯޓުތަކުން ތަބާވުމަކީ ލާޒިމް ކަމެކެވެ. އެކަމަކު މަތީ ކޯޓުތަކުން ކަނޑައަޅާފައިވާ އުސޫލްތަކާ ޚިލާފަށް މެޖިސްޓްރޭޓް ކޯޓުތަކުން މަދުން ނަމަވެސް މައްސަލަ ނިންމުމުން އެ ހުކުމްތައް މަތީ ކޯޓުތަކުން ބާތިލްކޮށްފައިވެ އެވެ.