Roadha Mihaaru
ޕީޕީއެމްގެ މައްސަލަ ބަލާ ބެންޗު ބަދަލުކޮށްދޭން އެދެފި

ޕީޕީއެމްގެ މައްސަލަ ބަލާ ބެންޗު ބަދަލުކޮށްދޭން އީސީން އެދެފި

19 ނޮވެމްބަރ 2018

އިލެކްޝަންސް ކޮމިޝަން (އީސީ) އިން، ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ބަލައިނުގަތް މައްސަލައިގައި، އެ ޕާޓީން އެ ކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާ އިންސާފުވެރިކަމާ މެދު ނިމިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެ ބެންޗު ބަދަލުކޮށްދޭން އެ ކޮމިޝަނުން ހައި ކޯޓުގައި އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އިލެކްޝަންސް ކޮމިޝަން (އީސީ) އިން، ޕީޕީއެމްގެ ޚާއްސަ ކޮންގްރެސް ބަލައިނުގަތް މައްސަލައިގައި، އެ ޕާޓީން އެ ކޮމިޝަނާ ދެކޮޅަށް ކުރާ ދައުވާ އިންސާފުވެރިކަމާ މެދު ނިމިދާނެ ކަމަށް ގަބޫލު ނުކުރެވޭ ކަމަށް ބުނެ ބެންޗު ބަދަލުކޮށްދޭން އެ ކޮމިޝަނުން ހައި ކޯޓުގައި އެދިއްޖެ އެވެ.

އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީގެ އިތުރުން ފަނޑިޔާރު ހުސައިން ޝަހީދެވެ. ރިޔާސަތު ބަލަހައްޓަވަނީ ފަނޑިޔާރު ފައިސަލް އެވެ.

ރައީސް އަބްދުﷲ ޔާމީން، ޕީޕީއެމްގެ ރައީސަކަށް އައްޔަން ކުރި ކޮންގްރެސްއާ ގުޅޭ މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުގައި ހިމެނިވަޑައިގަންނަވާ ފައިސަލާއި ހަސަން އަލީ އަކީ، ފަނޑިޔާރުގެ މަގާމަށް އައްޔަން ކުރުމުގެ ކުރިން، ރައީސް އައްޔަން ކުރެއްވި ސިޔާސީ މަގާމުތަކެއް ފުރުއްވި ބޭފުުޅުންނެވެ.

ހައި ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، ފައިސަލް ހުންނެވީ، ރައީސް ޔާމީންގެ މެމްބަރެއްގެ ގޮތުން ޖުޑިޝަލް ސާވިސް ކޮމިޝަންގަ އެވެ. ހަސަން އަލީ، ފަނޑިޔާރަކަށް އައްޔަން ކުރެއްވުމުގެ ކުރިން، ރައީސް ޔާމީންގެ ސިޔާސީ މަގާމްތަކުގައި މަސައްކަތް ކުރައްވާފައިވުން މަސްލަހަތު ފުށުއަރާ ކަމެއްގެ ގޮތުގައި އީސީން ހައި ކޯޓަށް ހުށަހަޅާފައިވެ އެވެ.

އަދުލު އިންސާފު ގާއިމްކުރުމާއި ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް އަދާކުރުމުގައި ފަނޑިޔާރުންނަކީ އެހެން އެއްވެސް މީހެއްގެ ނުވަތަ މުއައްސަސާއެއްގެ ބާރެއް، ނުވަތަ ނުފޫޒެއް ފޯރުވޭނެ ބައެއް ނޫން ކަމަށް ވާންޖެހެ އެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ރައީސް ޔާމީން: އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށް ބުނެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އީސީން ވަނީ ނިންމާފައި. -- ފޮޓޯ: ޕީޕީއެމް ޓްވިޓާ

ޕީޕީއެމްގެ ކޮންގްރެސްގައި ރައީސް ޔާމީން: އިޖުރާއަތުތައް ފުރިހަމަނުވާ ކަމަށް ބުނެ ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަތުމަށް އީސީން ވަނީ ނިންމާފައި. -- ފޮޓޯ: ޕީޕީއެމް ޓްވިޓާ

ރައީސް ޔާމީންގެ މަސްލަހަތު ހިމެނޭ އެ މައްސަލައިގެ، ފަނޑިޔާރުންގެ ބެންޗުގައި ފައިސަލް އާއި ހަސަން އަލީ ހިމެނިވަޑައިގަތުމަކީ އަދުލުވެރިކަމާ އެކު މައްސަލަ ނިންމަން އޮތް ހުރަހެއްގެ ގޮތުގައި އީސީން ދެކެ އެވެ. އަދި މިއީ، މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ބުނެ އީސީން ހައި ކޯޓުގައި އެދުނީ، އެނގިފައިވާ ގޮތުގައި، ބެންޗު ބަދަލު ކޮށްދޭށެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް ޔާމީނަށް ކުރިމަތިވެވަޑައިގެންނެވި ނާކާމިޔާބީއާ އެކު ޕީޕީއެމުން ބޭއްވި ޚާއްސަ ކޮންގްރެސްގައި ޕާޓީގެ އިސް މަގާމްތަކަށް ވަނީ ބޭފުޅުން އިންތިޚާބުކޮށްފަ އެވެ. އެ ކޮންގްރެސް ބަލައިނުގަތުމަށް އީސީން ނިންމީ، ޕީޕީއެމްގެ އަސާސީ ގަވާއިދާ އެއްގޮތަށް އިޖުރާއަތުތައް ފުރިހަމަ ނުވާތީ އެވެ.

އެ ކޮންގްރެސްގައި، ޕީޕީއެމްގެ ދަފްތަރުގައި ނުހިމެނޭ ބޭފުޅުން ވެސް އިސް މަގާމްތަކަށް އައްޔަން ކޮށްފައިވާއިރު، އެއީ އަސާސީ ގަވާއިދާ ފުށުއަރާ ކަމެއް ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެ އެވެ.

އީސީއާ ދެކޮޅަށް ހުށަހެޅި ހައި ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުންތައް ވަނީ ނިންމާލައިފަ އެވެ. އިތުރު ކަމެއް ސާފުކުރަން ނުޖެހޭނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަން ފަނޑިޔާރުންގެ ބެންޗުން ވަނީ އިއުލާންކޮށްފަ އެވެ.