Roadha Mihaaru
ޓެނިހުގެ އާ ތަރި: "މިހިރީ ހަމަބިމުގައި"

ޓެނިހުގެ އާ ތަރި: "މިހިރީ ހަމަބިމުގައި"

19 ނޮވެމްބަރ 2018

ލަންޑަން (ނޮވެމްބަރު 19) - އޭޓީޕީ ފައިނަލްސްގައި އިއްޔެ ދުނިޔޭގެ އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް އަތުން ހޯދި ބޮޑު މޮޅާ އެކު މުބާރާތުގެ ތަށި އުފުލާލެވުނަސް އޭނާ ހުރީ ހަމަބިމުގައި ކަމަށް ޒުވާން ޓެނިސް ކުޅުންތެރިޔާ އަލެކްސަންޑަ ޒްވީރެވް ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ނޮވެމްބަރު 19) - އޭޓީޕީ ފައިނަލްސްގައި އިއްޔެ ދުނިޔޭގެ އެއް ވަނައިގައި އޮތް ނޮވަކް ޖޮކޮވިޗް އަތުން ހޯދި ބޮޑު މޮޅާ އެކު މުބާރާތުގެ ތަށި އުފުލާލެވުނަސް އޭނާ ހުރީ ހަމަބިމުގައި ކަމަށް ޒުވާން ޓެނިސް ކުޅުންތެރިޔާ އަލެކްސަންޑަ ޒްވީރެވް ބުނެފި އެވެ.

މި އަހަރު ރަނގަޅު ކުރިއެރުމެއް ހޯދަމުން އަންނަ ޒްވީރެވަށް ގިނަ ބަޔެއްގެ ސަމާލުކަން ލިބެން ފެށީ ފްރެންޗް އޯޕަން އަށް ފަހު އެވެ. އޭގެ ފަހުން ޝަންހާއީ މާސްޓާސްގެ ފަހުންނެވެ. އޭޓީޕީ ފައިނަލްސްގެ ކާމިޔާބީއާ އެކު ޒްވީރެވް ވެފައިވަނީ 2008 ވަނަ އަހަރު ޖޮކޮވިޗަށް ފަހު މި މުބާރާތް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ޒްވީރެވް އަކީ އޭޓީޕީ މުބާރާތެއްގައި މަތިން ސީޑް ކޮށްފައިވާ ދެ ކުޅުންތެރިންގެ މައްޗަށް ކުރިހޯދި ފުރަތަމަ ކުޅުންތެރިޔާ އެވެ. ފައިނަލުގައި ޖޮކޮވިޗް އަތުން 6-4, 6-3 އިން މޮޅުވިއިރު، ސެމީގައި ވަނީ ރޮޖާ ފެޑެރާ އަތުން މޮޅުވެފަ އެވެ.

"ފުރަތަމަ ކަމަކަށް އަހަރެން ބުނާނީ އަހަަރެން މިހުރީ ހަމަބިމުގައޭ. އަދިވެސް ޓެނިހުގައި ވަރަށް ގިނަ ކަންތައްތައް ދަސްކުރަން ޖެހޭ. ފެޑެރާ އާއި ޖޮކޮވިޗް ބަލިކޮށް މުބާރާތެއް ކާމިޔާބުކުރުމަކީ ހުވަފެނީ ކާމިޔާބެއް. އަދި މީގެ އިން ލިބުނު ފިލާވަޅުތަކުގެ އަލީގައި ގިނަ ކަންތައްތައް ރަނގަޅު ކުރަން ބޭނުން،" ދުނިޔޭގެ ރޭންކިންގެ ފަސް ވަނައިގައި އޮތް ޖަރުމަނުގެ ޒްވީރެވް ބުންޏެވެ.

އިއްޔެގެ ފައިނަލަށް ފަހު ޒްވީރެވް ތައްޓައް ބޮސްދެނީ. -- ފޮޓޯ: އޭއެފްޕީ

އިއްޔެގެ ފައިނަލަށް ފަހު ޒްވީރެވް ތައްޓައް ބޮސްދެނީ. -- ފޮޓޯ: އޭއެފްޕީ

ޒްވީރެވަކީ މިދިޔަ 23 އަހަރު ތެރޭ އޭޓީޕީ ފައިނަލްސް ކާމިޔާބުކުރި ޖަރުމަނަށް ނިސްބަތްވާ ދެ ވަނަ ކުޅުންތެރިޔާ އެވެ. އެންމެ ފަހުން ޖަރުމަނަށް އުފަން ކުޅުންތެރިއަކު އޭޓީޕީ ފައިނަލްސް ކާމިޔާބުކުރީ 1995 ވަނަ އަހަރު އެވެ. އެ ފަހަރު މުބާރާތުގެ ތަށި އުފުލާލީ ބޮރިސް ބެކާ އެެވެ.

މި މުބާރާތުގެ ފުރަތަމަ ރައުންޑުގައި ކުޅުނު މެޗުން ޖޮކޮވިޗް ވަނީ ޒްވީރެވް ބަލިކޮށްފަ އެވެ. އެކަމަކު ފައިނަލުގައި ފެނުނީ ތަފާތު މަންޒަރެކެވެ. ޖޮކޮވިޗް ވަނީ ފައިނަލުގައި ޒްވީރެވް ދެއްކި ކުޅުމަށް ތައުރީފްކޮށްފަ އެވެ.

"އަހަރެން ބޭނުން ޒްވީރެވަށް މަރުހަބާ ކިޔަން. ފަހަރުގައި ގިނަ ބަޔަކަށް ހީވެދާނެ ފުރަތަމަ މެޗުން އަހަރެން މޮޅުވެފައި އޮތީމަ އަހަރެން މި މެޗު ފަސޭހަކޮށްލީއޭ. ހަގީގަތަކީ އެއީ އެއް ނޫން. މި މެޗުގައި ޒްވީރެވް ހުރިހާ ގޮތަކުން ތަފާތު ދެއްކި،" ފައިނަލަށް ފަހު ޖޮކޮވިޗް ބުންޏެވެ.

ޒްވީރެވަށް މިހާތަނަށް ޓެނިހުގައި ހޯދުނު ހަމައެކަނި ކާމިޔާބީތައް އައިސްފައިވަނީ މާސްޓާސް މުބާރާތްތަކުގަ އެވެ. ޓެނިހުގެ ގްރޭންޑްސްލޭމް މުބާރާތްތަކުގައި އަދި ވެސް ޒްވީރެވްގެ ވިދުން ކުޑަ އެވެ. އެކަމަކު އޭނާ ހުރީ ޖެނުއަރީ މަހު އޮސްޓްރޭލިއާގައި އޮންނަ އޮސްޓްރޭލިއަން އޯޕަންގައި ރަނގަޅު ހިސާބަކަށްދާން އަމާޒުހިފައިފަ އެވެ.