Roadha Mihaaru
އޮލިމްޕިކްސްގައި ޒުވާން އަފާ އަށް ބޮޑު ކުރިއެރުމެއް

200 މީޓަރު ދުވުމުން ޒުވާން އަފާ ބޮޑު ކުރިއެރުމެއް ހޯދައިފި

15 އޯގަސްޓް 2016

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ދުވެ ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޒުވާން ދުވުންތެރިޔާ އަފާ އިސްމާއިލް މިރޭ އާކޮށްފި އެވެ.

މުހައްމަދު ހަމްދޫން މުހައްމަދު ހަމްދޫން

ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި މިހާރު ކުރިއަށްދާ އޮލިމްޕިކް ގޭމްސްގައި ދުވެ ރާއްޖޭގެ އަންހެނުންގެ 200 މީޓަރު ދުވުމުގެ ގައުމީ ރެކޯޑް ޒުވާން ދުވުންތެރިޔާ އަފާ އިސްމާއިލް މިރޭ އާކޮށްފި އެވެ.

މިދިޔަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި 25:43 ސިކުންތުން ދުވެ އަފާ ހެދި ރެކޯޑް އޭނާ މިއަދު މުގުރާލީ އޮލިމްޕިކްސްގެ 200 މީޓަރު ދުވުމުގެ ފުރަތަމަ ބުރުގައި 24:96 ސިކުންތުން ރޭސް ނިންމައިގެންނެވެ. ފުރަތަމަ ހީޓުގެ 8 ވަނައިގައި އޭނާ ރޭސް ނިންމިއިރު، ސެމީ ފައިނަލުން ފުރުސަތެއް ނުލިބެ އެވެ.

އެންމެ އަހަރެއްގެ ތެރޭގައި އަފާ މި ހޯދީ 0.47 ސިކުންތުގެ ކުރިއެރުމެކެވެ. މިއީ ސްޕްރިންޓް އިވެންޓަކާ ބަލާއިރު، ވަރަށް ބޮޑު ކުރިއެރުމެކެވެ. އަފާ އަކީ 200 މީޓަރުގެ އިތުރުން 100 މީޓަރު ދުވުމުގައި ވެސް ރާއްޖޭގައި އެންމެ ފާހަގަކޮށްލެވޭ ދުވުންތެރިޔާ އެވެ. އެގޮތުން އޭނާ ވަނީ 2012 ވަނަ އަހަރުގެ ލަންޑަން އޮލިމްޕިކްސްގައި 100 މީޓަރު އިވެންޓުގައި ދުވެފަ އެވެ.

މީގެ އިތުރުން އަފާ ވަނީ މި އަހަރުގެ ސައުތު އޭޝިއަން ގޭމްސްގައި ރާއްޖޭގެ ހަތަރެއް ގުނަ 100 މީޓަރު ރިލޭގެ ރެކޯޑް މުގުރާލި ޓީމުގައި ވެސް ހިމެނިފަ އެވެ. އުމުރުން 22 އަހަރުގެ މި ދުވުންތެރިޔާ، ޒުވާން އުމުރެއްގައި ބޮޑު ތަފާތަކާ އެކު، އާ ކުރި ގައުމީ ރެކޯޑާ އެކު އޭނާއާ މެދު ކުރެވޭ އުއްމީދުތައް ވަނީ މަތިވެފަ އެވެ.

މިއަދުގެ އިވެންޓާ އެކު މި ފަހަރުގެ އޮލިމްޕިކްސް ވަނީ ރާއްޖެ އަށް ނިމިފަ އެވެ. އެތުލެޓިކްސްގައި ދެން ވާދަކުރި ހަސަން ސާއިދު ވަނީ 100 މީޓަރު ދުވުމުގެ ޕްރިލިމިނަރީ ބުރުގެ އެއް ވަނަ ހޯދައި ފުރަތަމަ ބުރުން ޖާގަ ހޯދައިފަ އެވެ.

ސްވިމިން އަށް ބަލާއިރު އައިމިނަތު ސަޖަން ވަނީ 100 މީޓަރު ފްރީސްޓައިލް އިން ގައުމީ ރެކޯޑް ހަދައިފަ އެވެ. ސަޖަން ރެކޯޑް އާކުރީ 01:05.71 ސިކުންތުން އިވެންޓް ފުރިހަމަ ކޮށްގެންނެވެ. މި ރެކޯޑް ކުރިން ވެސް އޮތީ ސަަޖަން އަތުގަ އެވެ. އެއީ 2014 ވަނަ އަހަރު ސްކޮޓްލެންޑްގެ ގްލާސްގޯގައި ބޭއްވި 20 ވަނަ ކޮމަންވެލްތު ގޭމްސްގައި 100 މީޓަރު ފްރީސްޓައިލް އިވެންޓް 01:06.60 ސިކުންތުން ނިންމައިގެންނެވެ. ފިރިހެން ފެތުންތެރިޔާ ނިޝްވާން އިބްރާހިމް ވަނީ 50 މީޓަރު ފްރީސްޓައިލް ފެތުމުގެ އިވެންޓުގެ ތިިން ވަނަ ހީޓުގެ ތިން ވަނަ ހޯދައިފި އެވެ.