Roadha Mihaaru
ހައްޖުގެ އަޅުކަމަށް ދިވެހިން ފުރަން ފަށައިފި

ހައްޖުގެ އަޅުކަމަށް ދިވެހިން ފުރަން ފަށައިފި

15 އޯގަސްޓް 2016

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދާ ދިވެހިން ފުރަން މިރޭ ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ދާ ދިވެހިން ފުރަން މިރޭ ފަށައިފި އެވެ.

ހައްޖުގެ އަޅުކަން އަދާކުރުމަށް މިރޭ ފުރީ ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދާ 222 މީހަކާއި ޒައީމާ ހައްޖު ގްރޫޕްގެ އެޑްވާންސް ޓީމުގައި ހިމެނޭ ހަތަރު މީހަކާ އެކު ޖުމްލަ 226 މީހެކެވެ. އަދި މި ހަފުތާ އާއި އަންނަ ހަފުތާގެ އެކި ދުވަސް ދުވަހު ހައްޖާޖީން ފުރުމަށް ވަނީ ހަމަޖެހިފަ އެވެ.

ހައްޖާޖީން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓަށް ދިއުމުގެ ހުރިހާ ހިދުމަތެއް ސަރުކާރުގެ ހަރަދުގައި ވަނީ ހަމަޖައްސާފަ އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ ހައްޖާޖީން މާލޭން ފުރުމުގެ އިންތިޒާމުތައް ޖުމްހޫރީ މައިދާނުގައި ހަމަޖައްސާފައިވާ ކަމަށާއި ކޮންމެ ހައްޖާޖީއަކަށް އާއިލާގެ ތިން މީހަކާ އެކު އެއާޕޯޓަށް ދިއުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

މި އަހަރު ހައްޖަށް ދާ ދިވެހިންގެ ކަންކަން އިސްކޮށް ބެލެހެއްޓެވުމަށް، އަމީރުލް ހައްޖުގެ ގޮތުގައި ވަޑައިގަންނަވާނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހު ކަމަށް ރައީސް އަބްދުﷲ ޔާމީން ވަނީ މިއަދު ނިންމަވާފަ އެވެ.

ހައްޖު ކޯޓާގެ ގޮތުގައި ސައުދީ ސަރުކާރުން ހަމަޖެއްސި 2000 ކޯޓާ ވަނީ ހައްޖު ކޯޕަރޭޝަނަށާއި އަމިއްލަ ފަސް ކުންފުންޏަކަށް ބަހައިފަ އެވެ. އޭގެ ތެރެއިން ސަރުކާރުގެ ކޯޕަރޭޝަންގެ ހަވާލުގައި މި އަހަރު 1000 މީހުން ހައްޖަށް ދާނެ އެވެ. މީގެ އިތުރުން އަމިއްލަ ޖަމާއަތްތައް ކަމަށްވާ ޒައީމާ، އެކްރޯ، އަލް ހަރްމައިން އަދި މިނާ ގްރޫޕުގެ ހަވާލުގައި 200 މީހުންނާއި ސިސިލްފަރު ހައްޖު ގްރޫޕުގެ ހަވާލުގައި 193 މީހުން ދިއުމަށް ވަނީ ހަމަޖެހިފަ އެވެ.