Roadha Mihaaru
މަޖިލިސް އިންތިޚާބަށް 89 މިލިއަން ރުފިޔާ ބޭނުން

މަޖިލިސް އިންތިޚާބު ބާއްވަން 89 މިލިއަން ރުފިޔާ ބޭނުން: އީސީ

20 ނޮވެމްބަރ 2018

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކައި އަންނަ އަހަރު އާންމު އިންތިޚާބު ބޭއްވުމަށް 89 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީ އަށް އަންގައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިންތިޚާބު ކުރުމަށްޓަކައި އަންނަ އަހަރު އާންމު އިންތިޚާބު ބޭއްވުމަށް 89 މިލިއަން ރުފިޔާ ބޭނުންވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ރައްޔިތުންގެ މަޖިލީހުގެ ބަޖެޓު ދިރާސާ ކޮމިޓީ އަށް އަންގައިފި އެވެ.

ފިނޭންސް މިނިސްޓްރީން މަޖިލީހަށް ހުށަހެޅި 29.6 ބިލިއަން ރުފިޔާގެ ބަޖެޓްގައި މަޖިލީހުގެ އިންތިޚާބަށް ކަނޑައަޅާފައި އޮތީ 80 މިލިއަން ރުފިޔާ އެވެ. ބަޖެޓް ހުށަހެޅުމާ އެކު، އީސީގެ މެމްބަރު އަހުމަދު އަކްރަމް ވިދާޅުވީ އިންތިޚާބު ބާއްވަން 123 މިލިއަން ރުފިޔާ ހަރަދުވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ކޮމިޓީގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު މިއަދު ކޮމިޓީގައި ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ނަމަވެސް، މާލިއްޔަތު ކޮމިޓީ އާއި އިގްތިސާދީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ބަޖެޓު ކޮމިޓީ އަށް އީސީން ހުށަހެޅި މައުލޫމާތު ކަރުދާހުގައިވާ ގޮތުން 89 މިލިއަން ރުފިޔާ ލިބިގެން ނޫނީ އާންމު އިންތިޚާބު ނުބޭއްވޭނެ އެވެ. އެހެންވެ، އިތުރު ނުވަ މިލިއަން ރުފިޔާ ދިނުމަށް ވެސް އެ ކޮމިޝަނުން ވަނީ އެދިފަ އެވެ.

ބަޖެޓު ދިރާސާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ޕީޕީއެމްގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ވިލުފުށީ ދާއިރާގެ މެމްބަރު ރިޔާޒް ރަޝީދު ވިދާޅުވީ މަޖިލިސް އިންތިޚާބު އަންނަ މާޗު މަހުގެ ފަހުކޮޅު ބާއްވަން ތައްޔާރުވާ އިރު، އިންތިޚާބު ބާއްވަން ހުރި ދަތިތައް އޮޅުންފިލުވުމަކީ މުހިންމު ކަމެއް ކަމަށެވެ. އެހެންވެ، އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ހާޒިރު ކުރަން ރިޔާޒް ވަނީ ހުށަހަޅުއްވައިފަ އެވެ.

ކޮމިޓީގެ ނައިބު މުގައްރިރު ރިޔާޒް ވިދާޅުވީ ބަޖެޓުގައި "ޖާގަ ނެތް ނަމަ" މަޖިލީހުން ރިކޮމަންޑޭޝަނެއްގެ ގޮތުގައި ކޮންޓިންޖެންސީ ބަޖެޓުން ނުވަތަ ހާއްސަ ބަޖެޓުން މިނިވަން މުއައްސަސާތަކަށް އެހީތެރިވިޔަސް، މައްސަލައެއް ނެތް ކަމަށް މަޖިލީހުން ނިންމުމަކީ މީގެ ކުރިން ވެސް އަމަލު ކުރާ ގޮތެއް ކަމަށެވެ.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އީވާ އަބްދުﷲ މިއަދު ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކެޔޮދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު މޫސާ ނިޒާރު ވިދާޅުވީ ބަޖެޓުގައި އިލެކްޝަންސް ކޮމިޝަނަށް ދިމާވެފައި ހުރީ ކޮން ކަހަލަ މައްސަލަތަކެއްތޯ ބަލަން ޖެހޭ ކަމަށެވެ. އަދި އެ ކޮމިޝަންގެ މަސައްކަތަށް ދަތި ނުވާ ގޮތަށް ކޮމިޓީން ގޮތެއް ނިންމައިދިނުމަކީ މުހިންމު ކަމެއް ކަމަށް މޫސާ ނިޒާރު ވިދާޅުވި އެވެ.

ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ ވިދާޅުވީ އާންމު އިންތިޚާބު ބާއްވަން 89 މިލިއަން ރުފިޔާ ބޭނުންވާނަމަ، އެ ފައިސާ އީސީ އަށް ދޭން ޖެހޭ ކަމަށެވެ. އެކަމަކު ބަޖެޓު އޮތް ގޮތުން 123 މިލިއަން ރުފިޔާ ކޮމިޝަނަށް ދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް އީވާ ވިދާޅުވި އެވެ.

"އަޅުގަނޑަށް ފެނޭ ކުރިއަށް އޮތް އިންތިޚާބު ބޭއްވޭ ވަރަށް ކޮމިޝަނަށް ފައިސާ ދޭން،" އީވާ ވިދާޅުވި އެވެ.

މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ވިދާޅުވީ މިނިވަން މުއައްސަސާތަކުގެ ބަޖެޓު ބޮޑު ކުރަން އެދިފައިވާ އިރު، އިލެކްޝަންސް ކޮމިޝަނަށް ނުވަ މިލިއަން ރުފިޔާ އިތުރުކޮށް ދީފައި، އެހެން މުއައްސަސާތަކަށް ބަޖެޓު އިތުރުކޮށްނުދިނުމަކީ ހަމަޖެހޭ އުސޫލަކަށް ނުވާނެ ކަމަށެވެ.

މަޖިލިސް އިންތިޚާބު ބޭއްވުމަކީ އިލެކްޝަންސް ކޮމިޝަނުން އަދާކުރަން ޖެހޭ ގާނޫނީ ޒިންމާއެއް ކަމަށެވެ. އެކަމަކު، މިނިވަން މުއައްސަސާތަކުގެ އަޑު، މެމްބަރުން އަހަން ޖެހޭކަން އަމީތު ފާހަގަ ކުރެއްވި އެވެ.

"އަޅުގަނޑުމެން ސިކުނޑި އަށް އަންނަ އަދަދެއް ކޮމިޝަންތަކަށް ދީގެން، އުނިކޮށްގެން މިކަމެއް ނުކުރެވޭނެ. އަޅުގަނޑަށް ފެންނަނީ ޝަކުވާތަކުގެ އަޑުތައް އަހައިގެން ކޮންމެވެސް ކަހަލަ އިންސާފެއްގެ ތެރެއިން މިކަން ކުރަން. ...އިންސާފުގެ ތެރެއިން ފައިސާތައް ދިނުމަށް އެދެން،" އަމީތު ވިދާޅުވި އެވެ.

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވާހަކަ ދައްކަވަނީ. --- ފޮޓޯ: ނިޝާން އަލީ/ މިހާރު

އަކްރަމް ކުރިން ވިދާޅުވީ މަޖިލިސް އިންތިޚާބަށް 80 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައި މަޖިލީހުން ބަޖެޓު ފާސްކޮށްފި ނަމަ، އިންތިޚާބުގެ ކަންކަން ތަރުތީބުކޮށްފައިވާ ގޮތަށް ކުރިއަށް ގެންދަން ވަރަށް ބޮޑަށް އުނދަގޫވާނެ ކަމަށެވެ. އީސީން ބޭނުންވާ ބަޖެޓު ނުލިބިއްޖެ ނަމަ، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިންތިޚާބާ ގުޅޭ ގޮތުން ހޭލުންތެރިކަން އިތުރު ކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ވެސް އުނދަގޫވާނެ ކަމަށް ވިދާޅުވި އެވެ.

މަޖިލީހުގައި މިހާރު ތިއްބެވި 85 މެމްބަރުންގެ ބަދަލުގައި، މާލޭގެ އާބާދީ އިތުރުވި ނިސްބަތަށް ބަލައި، މައްޗަންގޮޅީ މެދު ދާއިރާގެ ނަމުގަ އާއި ހެންވޭރު ހުޅަނގު ދާއިރާގެ ނަމުގައި އިންތިހާބީ ދެ ދާއިރާ އުފެއްދުމަށް ނިންމުމާ ގުޅިގެން އަންނަ އިންތިޚާބުގައި 87 މެމްބަރުން އިންތިޚާބު ކުރާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން އެގޮތަށް ނިންމާފައި ވަނިކޮށް، މަޖިލީހުގައި މެންބަރުން މިހާރު ތިބި އަދަދަށް ވުރެ އިތުރު ނުކުރުމަށްޓަކައި ގާނޫނުއަސާސީ އަށް އިސްލާހު ގެންނަން މަޖިލީހަށް ވަނީ ހުށަހަޅައިފަ އެވެ.

މަޖިލިސް އިންތިޚާބަށް ޕާޓީތަކުގެ މެމްބަރުންނާއި އާންމުން ކެމްޕޭން ފަށާފައިވާ އިރު، އެ އިންތިޚާބު ވެގެންދާނީ ވަރަށް ވާދަވެރި އިންތިޚާބަކަށެވެ.

ބަޖެޓު ދިރާސާ ކުރާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އިލެކްޝަންސް ކޮމިޝަންގެ އިތުރުން އިސްލާމިކް ޔުނިވާސިޓީ، ގައުމީ ޔުނިވާސިޓީ، ސިވިލް ސާވިސް ކޮމިޝަން އަދި މަޖިލީހުގެ އިދާރާގެ ބޭފުޅުން ހާޒިރު ކުރަން ނިންމައިފަ އެވެ. އަދި ކޮމިޓީގެ ބައްދަލުވުމެއް މިރޭ 8:30 ގައި ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.

މީގެ އިތުރުން، އެމްއެމްއޭގެ ގަވަރުނަރު އަލީ ނަސީރާއި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ކޮމިޓީ އަށް ހާޒިރު ކުރަން ނިންމައިފަ އެވެ. އަދި އެ ބައްދަލުވުން މާދަމާ ބޭއްވުމަށް ވަނީ ނިންމައިފަ އެވެ.