Roadha Mihaaru
ބަޖެޓު ފާސްކުރަނީ ބަދަލު ދީ ހުސްކުރަން: އިދިކޮޅު

ބަޖެޓު ފާސްކުރަނީ ކުންފުނިތަކަށް ބަދަލުދީ ހުސް ކުރަން: އިދިކޮޅު

27 އޯގަސްޓް 2019

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ފާސްކުރަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން ހުރި ކުންފުނިތަކަށް ބަދަލުދީ ހުސްކުރަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ސަޕްލިމެންޓްރީ ބަޖެޓުގެ ގޮތުގައި 1.7 ބިލިއަން ރުފިޔާ ފާސްކުރަނީ ސަރުކާރުގެ އިސް ބޭފުޅުންނާ ގުޅުން ހުރި ކުންފުނިތަކަށް ބަދަލުދީ ހުސްކުރަން ކަމަށް ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމާއި ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ސައީދު ރައްޔިތުންގެ މަޖިލިހުގައި މިއަދު ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ ބަޖެޓަށް ފައިސާ އިތުރު ކުރަން ފިނޭންސް މިނިސްޓްރީން ރައްޔިތުންގެ މަޖިލިހަށް ހުށަހެޅުއްވި މައްސަލަ އަށް ބަހުސް ކުރައްވަމުން ނައިފަރު ދާއިރާގެ ޕީޕީއެމް މެމްބަރު ޝިޔާމް ވިދާޅުވީ މި އަހަރަށް ފާސްކުރި 30.2 ބިލިއަން ރުފިޔާގެ ބަޖެޓު ހުސްވެފައިވާ ކަމަށެވެ. އެއީ ވެސް ބަދަލުގެ ގޮތުގައި އެކި ފަރާތްތަކަށް ފައިސާ ދީގެން ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ފިނޭންސް މިނިސްޓްރީން ކުރިން ބުނެފައި ވަނީ ސަޕްލިމެންޓަރީ ބަޖެޓެއް ހުށައެޅީ ބަޖެޓް ހުސްވެގެން ނޫން ކަމަށެވެ.

ޝިޔާމް ވިދާޅުވި ގޮތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ބަދަލުގެ ގޮތުގައި އަބަދުވެސް ބަޖެޓްގައި ކަނޑައަޅަނީ 50 މިލިއަން ރުފިޔާ އެވެ. އެކަމަކު މި ސަރުކާރުން ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް 570 މިލިއަން ރުފިޔާ ދީފައި އޮތް ކަމަށް އޭނާ ތުހުމަތުކުރެއްވި އެވެ. އަދި ރައްޔިތުންގެ ފައިސާ އިން އެފަދަ ކަންކަން ނުކުރުމަށް ސަރުކާރަށް ގޮވާލެއްވި އެވެ.

"އަނެއްކާވެސް ކޮންޓެންޖެންސީ ބަޖެޓުގައި ހުރި ފައިސާ ސަރުކާރުގެ ކޮންމެވެސް ބޭފުޅަކާ ގުޅުން ހުރި ކުންފުންޏަކަށް ބަދަލު ދީ ހުސްވަނީ. ބަދަލު ދެވިގެން ގޮސް ހޭދަކުރާ ފައިސާ އަރާނެ ކަމަށް ބެލެވެނީ އެއް ބިލިއަން ރުފިޔާ އަށް،" މަޖިލިހުގައި ހިމެނިވަޑައިގަންނަވާ މަދު އިދިކޮޅު މެމްބަރުންގެ ތެރެއިން ސަރުކާރަށް އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް މެމްބަރު ވިދާޅުވި އެވެ.

ކޮންޓެންޖެންސީ ބަޖެޓުގައި އޮތް 225 މިލިއަން ރުފިޔާއަކީ، ޝިޔާމް ތުހުމަތުކުރެއްވި ގޮތުގައި، ބަދަލުގެ ގޮތުގައި އެކި ކުންފުނިތަކަށް ފައިސާ ދޭން ކަނޑައަޅާފައި އޮތް އަދަދެވެ.

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަށް އިދިކޮޅު މެމްބަރުން ފާޑު ވިދާޅުވި. --- ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިހުގެ ޖަލްސާއެއް ކުރިއަށް ދަނީ. ސަރުކާރުން ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓަށް އިދިކޮޅު މެމްބަރުން ފާޑު ވިދާޅުވި. --- ފޮޓޯ: މަޖިލިސް

މާވަށު ދާއިރާގެ ޕީއެންސީ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ ސަޕްލިމެންޓްރީ ބަޖެޓުގައި މަސްވެރިކަމުގެ ސިނާއަތަށް އެއްވެސް ފައިސާއެއް ހިމަނާފައި ނުވާ ކަމަށެވެ. އަދި ކޮންޓެންޖެންސީ ބަޖެޓުގައި ހުރި ފައިސާއަކީ ބަދަލުގެ ގޮތުގައި ދޭ ފައިސާ ކަމަށް އޭނާ ވެސް ތުހުމަތުކުރެއްވި އެވެ.

އެހެންވެ، ކޮންޓެންޖެންސީ ބަޖެޓުގައި ހުރި ފައިސާގެ ތެރެއިން 100 މިލިއަން ރުފިޔާ މަސްވެރިންނަށް ކަނޑައަޅަން ސައީދު ވަނީ ހުށަހަޅުއްވައިފަ އެވެ. އަދި މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް އެއްވެސް ފައިސާއެއް ބަޖެޓުގައި ޖަހާފައި ނެތީމަ، ސައީދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

ސައީދު ވިދާޅުވީ ބަޖެޓަށް އާމްދަނީ އިތުރު ކުރުމަށް އެއްވެސް ގޮތެއް ހިމަނާފައި ނެތް ކަމަށެވެ. ހަމައެކަނި ބިލްގައި އޮތީ ޓީ ބިލާއި ހިލޭ އެހީ ހޯދައިގެން އާމްދަނީ އިތުރު ކުރަން ކަމަށް ވިދާޅުވި އެވެ. އާމްދަނީގެ ގޮތުގައި ބަޖެޓުގައި ފާހަގަކުރަނީ، އޭނާ ވިދާޅުވި ގޮތުގައި، ގަވައިދާ ހިލާފަށް ޕާކްކުރާ އުޅަނދުތަކުގައި ސްޓިކާ ޖަހައިގެން ލިބޭ 23 މިލިއަން ރުފިޔާ އެކަންޏެވެ.

ސައީދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި އިމްޕޯޓު ޑިއުޓީ އަށް ބަރޯސާ ވުން ކުޑަކޮށް، ރާއްޖެއަކީ ފްރީ ޕޯޓަކަށް ވުމުން އިގްތިސާދީ ގޮތުން އިތުރު ކުރިއެރުންތަކެއް ގެނުވާނެ ކަމެކެވެ. ހާއްސަކޮށް ވެލާނ އިންޓަނޭޝަނަލް އެއާޕޯޓަށް ގެންނަ ކުރިއެރުންތަކާއި ފްރީ ޕޯޓެއްގެ ގޮތުގައި ޕްރޮމޯޓްކޮށްފި ނަމަ، އިގްތިސާދަށް ވަރަށް ބޮޑު ކުރިއެރުންތަކެއް އަންނާނެ ކަމަށް ވިދާޅުވި އެވެ.

ޝިޔާމް ވިދާޅުވީ ޕީއެސްއައިޕީގެ ބަޖެޓު ބޭނުންކޮށްގެން މި ސަރުކާރުން ރައްޔިތުންނަށް ކޮށްދޭ ކަމެއް ނުފެންނަ ކަމަށެވެ. އަދި "ހއ. އަތޮޅުން ފެށިގެން އައްޑުއާ ހިސާބަށް ތަރައްގީގެ ނަމުގައި ހިއްލާލި އެއްވެސް ގާކޮޅެއް" ނުފެންނަ ކަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެނގެނީ އަދި ކިރިޔާ ދެ ބިލިއަން ރުފިޔާގައި ސޮއިކުރެވެނީ ޕްރޮޖެކްޓްތަކަށް. މިއީ ކަންބޮޑުވާ ކަންކަން. ދެއިރު ދެ ދަޅައަށް ސަޕްލިމެންޓްރީ ބަޖެޓުގެ ނަމުގަ އާއި ބަޖެޓަށް އިތުރު ކުރާ ފައިސާގެ ނަމުގައި ކަރުދާސްތައް ފޮނުވައިގެން ބަޖެޓަށް އިތުރު ކުރެވިދާނެ،" ޝިޔާމް ވިދާޅުވި އެވެ.

ކުރީ ސަރުކާރުގެ އަމަލްތައް ހުރި ގޮތުން ގެއްލުން ލިބުނު ފަރާތްތަކަށް ބަދަލު ދޭން ކަމަށް މި ސަރުކާރުން ވަނީ ބުނެފަ އެވެ. އެކަމަކު ފައިސާގެ ބޮޑެތި އަދަދުތަކުން ދީފައިވާ ބައެއް ބަދަލުތަކާ މެދު އާންމުންގެ މެދުގައި ވެސް ވަނީ ސުވާލު އުފެދިފަ އެވެ.