26 ނޮވެމްބަރ 2018
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫން ފަހަތުން އަރައި 4-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.
ދިރާގު ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކުޅުނު މެޗުން ށ. ފޯކައިދޫން ފަހަތުން އަރައި 4-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.
މި މޮޅާ އެކު ފޯކައިދޫ ވަނީ ލީގުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ. އެ ޓީމަށް 15 މެޗުން 12 ޕޮއިންޓް ވަނީ ލިބިފަ އެވެ. އެކަމަކު ލީގުގައި މިރޭ ފ. ނިލަންދޫ އަތުން ވިކްޓަރީ މޮޅުވެއްޖެ ނަމަ އެ ޓީމަށް އަލުން ހަ ވަނަ ލިބޭނެ އެވެ. ވިކްޓަރީ މި ވަގުތު އޮތީ 14 މެޗުން 10 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ.
އެންމެ ފަހުން ކުޅުނު މެޗުން ނިއު ރޭޑިއަންޓް އަތުން ހޯދި ބޮޑު މޮޅާ އެކު ގްރީން ސްޓްރީޓްސް މި މެޗަށް ރަނގަޅު ފޯމެއްގައި ނުކުތް ނަމަވެސް އެ ޓީމަށް ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ޓީމުގެ ކެޕްޓަން އަސްހަދު އަލީ (އަޑުބަރޭ) ކާޑު ހަމަވުމުގެ ސަބަބުން ސަސްޕެންޑްވުމެވެ. ބަދަލުތަކަކާ އެކު ގްރީން ސްޓްރީޓްސް ނުކުތްއިރު، ފޯކައިދޫ ވަނީ ހިތްވަރު ދައްކައި މެޗުގެ ތިން ޕޮއިންޓް ހޯދައިފަ އެވެ.
މި މެޗުން ގްރީން ސްޓްރީޓްސް ބަލިވިއިރު، އެ ޓީމު އޮތީ 15 މެޗުން 23 ޕޮއިންޓާ އެކު ލީގުގެ ފަސް ވަނައިގަ އެވެ. ބާކީ އެއް މެޗު އޮތްއިރު ގްރީން އަތުން ދެން އެ މަގާމެއް ނުގެއްލޭނެ އެވެ.
މެޗުގައި ލަނޑު ޖަހަން ފުރަތަމަ ފުރުސަތު ލިބުނީ ފޯކައިދު އަށެވެ. އޭރިއާ ތެރެއިން މެޗުގެ ނުވަ ވަނަ މިނިޓްގައި ފޯކައިދޫގެ ކުރިއަށް ކުޅޭ މުހައްމަދު މުސްލިހު (މުއްޓި) ޖެހި ބޯޅައިގައި ބާރެއް ނެތްއިރު ދިޔައީ އަރިމަތިން ބޭރުންނެވެ. ގްރީން ސްޓްރީޓްސްގެ ފުރަތަމަ ހަމަލާ މެޗުގެ 14 ވަނަ މިނިޓްގައި ފޮނުވާލީ އާދަމް އިމްރާން އެވެ. އޭނާ ޖެހި ބޯޅަ ފޯކައިދޫގެ ގޯލްކީޕަރު މުހައްމަދު ޝިފާން ވަނީ މަތަކޮށްފަ އެވެ.
ފޯކައިދުއަށް ލީޑުނަގަން މެޗުގެ 23 ވަނަ މިިނިޓްގައި ރަނުގެ ފުރުސަތެއް ލިބި ވަނީ ބޭކާރުވެފަ އެވެ. ލިބުނު ޕެނަލްޓީ އަކުން މުހައްމަދު ޖައިލަމް (އޮގީ) ޖެހި ބޯޅަ ދިޔައީ ހުރަސް ދަނޑިމަތިންނެވެ. މިއީ އޭރިއާ ތެރެއިން މުއްޓި އަށް ގްރީން ސްޓްރީޓްސްގެ މުހައްމަދު ފަރުހާން (ފަރުއްކޮ) ކުރި ފައުލަކަށް ރެފްރީން ދިން ޕެނަލްޓީ އެކެވެ.
ގްރީން ސްޓްރީޓްސް އިން ލީޑުނެގީ މެޗުގެ 29 ވަނަ މިނިޓްގައި ނަސޫހު ރަޝީދު (ޕިލާ) ޖެހި ގޯލުންނެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅަ ޕިލާ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަތީޖާ ހަމަހަމަ ކުރަން ފޯކައިދޫގެ ހަސަން ސުފްޔާން (ސޫފީ) އާއި ހަސަން ނަޒީމް ޖެހި ބޯޅަތައް ދިޔައީ ގޯލާ ސީދާނުވެ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ފަސް ވަނަ މިނިޓްގައި ފޯކައިދޫން ވަނީ އެއްވަރުކޮށްފަ އެވެ. އޭރިއާ ތެރެއިން ފޯކައިދޫގެ ކެޕްޓަން މިސްރުގެ މިޑްފީލްޑަރު ހަލީލް ޖަމާލް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.
ފޯކައިދު އަށް ލީޑުނަގައިދޭން މެޗުގެ 55 ވަނަ މިނިޓްގައި އޭރިއާތެރެއިން ނަޒީމް ޖެހި ބޯޅަ މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ މަތަކޮށްފަ އެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ނަޒީމް ވަނީ އޭރިއާ ތެރެއިން ގްރީން ސްޓްރީޓްސްގެ ތިން ކުޅުންތެރިން ކައިރިން ނައްޓާފައި ވަދެ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ.
ގްރީން ސްޓްރީޓްސް އަށް އެއްވަރުކޮށްދޭން މެޗުގެ 73 ވަނަ މިނިޓްގައި އިރުފާން އާދަމް ނަސީރު ޖެހި ބޯޅަ ފޯކައިދޫ ޑިފެންޑަރުން ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ދެ މިނިޓް ފަހުން ފޯކައިދޫން ވަނީ ކައުންޓަ އެޓޭކުގައި ލަނޑެއް ޖަހައި އެ ޓީމުގެ ލީޑު ފުޅާކޮށްފަ އެވެ. މި ލަނޑު ޖެހީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި އަހުމަދު ޝަމާލް އެވެ. އޭނާ ޖެހި ބޯޅަ ގޯލުގެ ދުރު ކަނަށް އަމާޒުވީ ގްރީން ސްޓްރީޓްސްގެ ކުޅުންތެރިއަކު ފައިގައި ޖެހިފައި ގޮހެވެ.
ފޯކައިދޫގެ ހަތަރު ވަނަ ލަނޑު ޖެހީ ހަލީލް އެވެ. މެޗުގެ 83 ވަނަ މިނިޓްގައި ހަލީލް މި ލަނޑު ޖެހީ އޭރިއާ ތެރެއިން ކީޕަރު ބަބޭ ކައިރިން ނައްޓާފައި ގޮހެވެ.
މިއީ މި ފަހަރު މިނިވަން ޗެމްޕިއަންޝިޕުން އައި ޓީމަކުން ފުރަތަމަ ޑިވިޝަނުގެ ޓީމެއް އަތުން ހޯދި ފުރަތަމަ މޮޅެވެ. މިިދިޔަ އަހަރު ވެސް މިނިވަން ޗެމްޕިއަންޝިޕްގައި ކުޅުނު އއ. މާޅޮހާ އެކު ނުކުމެ ފޯކައިދޫގެ މިހާރުގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ވަނީ ގްރީން ސްޓްރީޓްސް ބަލިކޮށްފަ އެވެ.
މިއަދުގެ މެޗަށް ފަހު އޭނާ ބުނީ އެއީ ތަފާތު ހާލަތެއް ކަމަށާއި މި މޮޅުގެ ކްރެޑިޓް ދޭނީ ކުޅުންތެރިންނަށް ކަމަށެވެ.
"ކުޑަކޮށް ޓީމު ރޮޓޭޓް ވެސް ކޮށްލައިގެން މި އުޅެނީ. ހުރިހާ ކުދިންނަށް ޗާންސް ވެސް ދޭށާ އެއްކޮށް. ފެށުނުއިރު ވެސް ކިޔަމުން ދިޔައީ ކުޅުންތެރިން ކައިރީގައި ކޮންމެވެސް ބޮޑު ޓީމަކަށް ޖެހޭނެޔޭ ލަނޑެއް ދޭން. ދެން އެންމެ ފަހު ފުރުސަތުގައި އެކަން މިވީ،" ދާދި ފަހުން ކޯޗިން އޭ ލައިސަންސް ހާސިލްކުރި ނިސްތާރު ބުންޏެވެ.
އޭނާ ބުނީ މި ފަހަރުގެ ސީޒަނާ މެދު އެންމެ ހިތްހަމަ ނުޖެހޭ ކަމަށާއި އުއްމީދުކުރީ ގަދަ ހަޔަކަށް ވުރެ މައްޗަށް ކަމަށާއި އެކަމަކު ސީޒަން ދިގުލައިގެން ގޮސް ދިމާވި ކަންތައްތަކާ ބަލާއިރު މިހާރު އޮތް މަގާމާ މެދު ވެސް ހިތްހަމަ ޖެހޭ ކަމަށެވެ.
ގްރީން ސްޓްރީޓްސްގެ ކޯޗު އަލީ ސުޒޭން ބުނީ ދިމާވި އެންމެ ބޮޑު މައްސަލަ އަކީ ބައެއް މުހިއްމު ކުޅުންތެރިން ނުލައި ކުޅެން ޖެހުން ކަމަށެވެ. އަދި ފޯކައިދޫން މިއަދު ކުރި މަސައްކަތް ފާހަގަކުރަން ޖެހޭ ކަމަށް ވެސް ބުންޏެވެ.
"ގްރީން ފެނުނީ އާދައި ގޮތަކަށް. މުހިއްމު ކުޅުންތެރިން ނެތުމަކީ އެ އާދައިގެ ސަބަބަކަށް ވެދާނެ. މެޗުގެ މުހިއްމުކަމަށް ބަލާއިރު މި ޕޮޒިޝަން ބަދަލުކޮށްލެވޭކަށެއް ނެތް ގްރީންއަކަށް ދެން. ފަސް ވަނާގައި މި ނިންމާލަން ޖެހުނީ މި ސީޒަން،" ސުޒޭން ބުންޏެވެ.
އޭނާ ބުނީ އެންމެ ފަހުން ނިއު އަތުން ތަފާތު ބޮޑުކޮށް މޮޅުވެފައިވާތީ މި މެޗު ފަސޭހަކޮށްލީ ކަމަށް ބެލެވޭނެ ޖާގައެއް ނެތް ކަމަށެވެ. އަދި ލީގު ދާ ގޮތުން މާ ބޮޑު ފޯރިއެއް ނެތުމުން އެ ކަހަލަ ކަމަކަށް ޖާގަ އޮތް ކަމަށް ގަބޫލުނުކުރާ ކަމަށް ވެސް ބުންޏެވެ.
ލީގުގައި މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ނިލަންދު އާއި ވިކްޓަރީ އެވެ. މެޗު ފަށާނީ 9 ޖަހާއިރު އެވެ.
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް
މާޒިޔާ އިން ފަހަތުން އަރައި ގްރީން ބަލިކޮށްފި
ބޮޑު މޮޅަކާ އެކު ޓީސީން ލީޑު ދަމަހައްޓައިފި
ވިކްޓަރީ ބަލިކޮށް ގްރީން ސްޓްރީޓްސް ހަމަޖެހިލައިފި
ފޯކައިދޫ ބަލިކޮށް މާޒިޔާ ތިން ވަނަ އަށް
ފަހު ވަގުތު ގްރީން އިން ފޯކައިދުއާ އެއްވަރުކޮށްފި
ލީގުން ވަކިވިކަން ގްރީންއިން ރަސްމީކޮށް އަންގައިފި
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ގްރީން ކޮޅަށް އަށް ލަނޑު، ރިޒޭގެ ހަތަރު ގޯލު
އިލާންއަށް ގޯލާއި އެސިސްޓްގެ ހަގު ކުޅުންތެރިޔާގެ ރެކޯޑް