Roadha Mihaaru
ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

ރިޒޭގެ ހެޓްރިކާ އެކު އީގަލްސް އަށް ބޮޑު މޮޅެއް

08 ނޮވެމްބަރ 2018

އަހުމަދު ރިޒުވާން (ރިޒޭ) މި ސީޒަނުގައި ހެދި ހަތް ވަނަ ހެޓްރިކާ އެކު 5-0 އިން ށ. ފޯކައިދޫ ބަލިކޮށް އީގަލްސް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

އަހުމަދު ރިޒުވާން (ރިޒޭ) މި ސީޒަނުގައި ހެދި ހަތް ވަނަ ހެޓްރިކާ އެކު 5-0 އިން ށ. ފޯކައިދޫ ބަލިކޮށް އީގަލްސް ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ދެ ވަނަ އަށް ޖެހިލައިފި އެވެ.

މި މޮޅާ އެކު އީގަލްސް ލީގުގެ ދެ ވަނަ އަށް އެރީ ތިން ވަނައިގައި އޮތް މާޒިޔާ އަށް ވުރެން އެއް މެޗު އިތުރަށް ކުޅެގެންނެވެ. އީގަލްސް އަށް 13 މެޗުން 30 ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި މާޒިޔާ އޮތީ 12 މެޗުން 28 ޕޮއިންޓާ އެކު އެވެ. މިރޭ މާޒިޔާ ކުޅޭ މެޗުން ވިކްޓަރީ އަތުން މޮޅުވެއްޖެނަމަ އަލުން އެ ޓީމަށް ދެ ވަނަ އަށް އެރޭނެ އެވެ.

މި މެޗުގައި ރިޒޭ ހެޓްރިކް ހެދިއިރު އޭނާ ވަނީ އެންމެ ފަހުން ކުޅުނު އަށް މެޗުން 23 ލަނޑު ޖަހައިފަ އެވެ. ސީޒަނުގައި ޖުމްލަ އެކު އޭނާ ވަނީ 30 ގޯލު ހަމަކޮށްފަ އެވެ. ރިޒޭ ވަނީ މި ފަހަރުގެ ލީގުގައި ޖެހިޖެހިގެން ފަސް މެޗުގައި ހެޓްރިކް ހަދައި ދުނިޔޭގެ ރެކޯޑަކާ ވެސް ހަމަކޮށްފަ އެވެ. ރިޒޭގެ ހެޓްރިކްގެ ސިލްސިލާ އަށް ނިމުމެއް އައީ މާޒިޔާ އަތުން އީގަލްސް ބަލިވި މެޗުގަ އެވެ.

މި މެޗަށް ނުކުތްއިރު ފޯކައިދޫ އަށް އޮތް އެންމެ ބޮޑު މައްސަލަ އަކީ އެންމެ ފަހުން ކުޅުނު މެޗުގައި އެ ޓީމުގެ ޕާކިސްތާން ކީޕަރު ހަނީފް ސާގިބް އަށް ރަތް ކާޑު ދެއްކުމުން މި މެޗަށް ސަސްޕެންޑްވުމެވެ. އޭނާގެ ބަދަލުގައި ގޯލަށް ކުޅުނީ ބަދަލު ކީޕަރު މުހައްމަދު ޝިފާން އެވެ. އޭނާ އަކީ ދެ ވަނަ ޑިވިޝަނުގައި ސިފައިންގެ ކްލަބަށް ކުޅުނު ކީޕަރެކެވެ.

މެޗުގެ ފުރަތަމަ ހަމަލާ ފޮނުވާލީ ދެ ވަނަ މިނިޓްގައި އީގަލްސްގެ ފޯވާޑް ރިޒޭ އެވެ. އޭރިއާ ބޭރުން ރިޒޭ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ. މެޗުގެ 10 ވަނަ މިނިޓްގައި ރިޒޭ ޖެހި ބޯޅަ ވެސް ދިޔައީ ދަނޑިކައިރިން ބޭރުންނެވެ. އެކަމަކު އޭގެ ދެ މިނިޓް ފަހުން ހަސަން ރާއިފް (ހަންނަ) ނަގައިދިން ހުރަހަކުން ބޮލުން ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައި ރިޒޭ ވަނީ އީގަލްސް އަށް ލީޑުނަގައިދީފަ އެވެ.

އީގަލްސް އަށް ލީޑުފުޅާކޮށްދޭން މެޗުގެ 18 ވަނަ މިނިޓްގައި މުހައްމަދު ނާއިމް އަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. އީގަލްސްގެ ދެ ވަނަ ލަނޑު ޖެހީ ވެސް ރިޒޭ އެވެ. އޭރިއާ ތެރެއަށް ހުރަސްވި ބޯޅަ އޭނާ ވަނީ ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ.

ފޯކައިދޫ އަށް ލަނޑު ޖަހައިދޭން މެޗުގެ 21 ވަނަ މިނިޓްގައި އަހުމަދު އުސާމަށް ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ އީގަލްސްގެ ގޯލްކީޕަރު ސްރީލަންކާގެ ސުޖަން ޕެރޭރާ ވަނީ މަތަކޮށްފަ އެވެ.

ފުރަތަަމަ ހާފު ނިމުމުގެ ކުރިން އީގަލްސްގެ ރިޒޭ އަށް ހެޓްރިކް ހަދަން ލިބުނު ފުރުސަތުން އޭނާ ޖެހި ބޯޅަ ދިޔައީ އަރިމަތިން ބޭރުންނެވެ. ދެ ވަނަ ހާފްގެ ކުޅުން ފަށައިގެން ހަ މިނިޓް ތެރޭ އީގަލްސްގެ ތިން ވަނަ ލަނޑު ޖެހީ ނާއިމް އެވެ. މެޗުގެ 65 ވަނަަ މިނިޓްގައި އީގަލްސްގެ ހަތަރު ވަނަ ލަނޑު ޖަހައި، ރިޒޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަަމަކޮށްފަ އެވެ. އޭނާ މި ލަނޑު ވެސް ބޮލުން ޖެހިއިރު، އެ ބޯޅަ ހުރަސްކޮށްދިނީ ހަންނަ އެވެ.

ފޯކައިދޫ އިން މެޗުގެ ފަހު ވަގުތުގައި ކުރިއަށް ޖެހިގެން ލަނޑު ޖަހަން މަސައްކަތްކުރި ނަމަވެސް ކާމިޔާބުވާގޮތެއްނުވި އެވެ. އެ ޓީމުގެ މިސްރު ޑިފެންޑަރު މަހުމޫދު ސައީދު ޖެހި ބޯޅަ އީގަލްސް ކީޕަރު ސުޖަން ވަނީ މަތަކޮށްފަ އެވެ.

އީގަލްސްގެ ފަސް ވަނަ ލަނޑު ޖެހީ ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުތް އަލީ ޝަމާލް ނަގައިދިން ބޯޅަ ފަސޭހައިން ގޯލު ތެރެއަށް ފޮނުވާލައިގެން ނާއިމް އެވެ. މިއީ ނާއިމް މެޗުގައި ޖެހި ދެ ވަނަ ގޯލެވެ.

ފޯކައިދޫގެ ކޯޗު އަލީ ނިސްތާރު މުހައްމަދު ބުނީ ހަތް ވަނައިގައި ނިންމުމެކޭ އަށް ވަނައިގައި ނިންމުމެކޭ މިހާރު މާ ބޮޑު ފަރަގެއްނެތް ކަމަށާއި އެހެން ކަމުން ޓީމުގައި ތިބި ކުޅުންތެރިންނަށް ފުރުސަތު ދިނުމުގެ ވިސްނުން މި ވަގުތު އިސްކުރާ ކަމަށެވެ. އަދި އެދުމަކީ އަންނަ އަހަރު މި ޓީމުގެ ކޯޗުކަމުގައި އޭނާ ނެތަސް މި ކުޅުންތެރިންނާ އެކު ކުރިއަށް ދިއުން ކަމަށެވެ.

މެޗާ ބެހޭގޮތުން އީގަލްސްގެ ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ބުނީ މިއީ ހުރިހާ ކުޅުންތެރިން އެކުވެގެން ކުރި މަސައްކަތް ކަމަށާއި ޓީމުން ދެއްކި ކުޅުމާއި ހުރިހާ ކަމަކާ މެދު އެއްވެސް ޝަކުވާއެއް ނެތް ކަމަށެވެ.