Roadha Mihaaru
89 ސްޓޭޓް/ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަނީ

39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަނީ

27 ނޮވެމްބަރ 2018

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ނިންމައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރަށް 39 ސްޓޭޓް މިނިސްޓަރުންނާއި 50 ޑެޕިއުޓީ މިނިސްޓަރުން ހަމަޖައްސަން ނިންމައިފި އެވެ.

ރަސްމީކޮށް މި އަދަދުތައް ރައީސް އޮފީހުން އަދި ހާމަ ނުކުރިއަސް، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުންނަށް އައްޔަން ކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް ހުށަހެޅުމަށް ޕާޓީތަކަށް، ރައީސް މިހާރު ވަނީ ފުރުސަތު ދެއްވައިފަ އެވެ. އަދި ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ ބައެއް ޕާޓީތަކުން މިހާރު ވަނީ، އެ މަގާމްތަކަށް އައްޔަން ކުރަން ބޭނުންވާ ބޭފުޅުންގެ ނަންތައް ރައީސަށް ފޮނުވައިފަ އެވެ.

ސްޓޭޓް މިނިސްޓަރުންނާއި ޑެޕިއުޓީ މިނިސްޓަރުން ވެސް އައްޔަން ކުރާ ގޮތަށް އޮތީ، ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުންނެވެ. އެއީ، އެމްޑީޕީ އަށް 40 ޕަސެންޓް، ޖުމްހޫރީ ޕާޓީ އަށް 25 ޕަސެންޓް، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް 20 ޕަސެންޓް އަދި އަދާލަތު ޕާޓީ އަށް 15 ޕަސެންޓެވެ.

ސްޓޭޓް/ޑެޕިއުޓީ މިނިސްޓަރުން ޕާޓީތަކަށް ބަހާލިގޮތް:

- އެމްޑީޕީ: 15 ސްޓޭޓް މިނިސްޓަރުންނާއި 20 ޑެޕިއުޓީ މިނިސްޓަރުން.

- ޖުމްހޫރީ ޕާޓީ: 10 ސްޓޭޓް މިނިސްޓަރުންނާއި 12 ޑެޕިއުޓީ މިނިސްޓަރުން.

- ރައީސް މައުމޫން: 8 ސްޓޭޓް މިނިސްޓަރުންނާއި 10 ޑެޕިއުޓީ މިނިސްޓަރުން.

- އަދާލަތު ޕާޓީ: 6 ސްޓޭޓް މިނިސްޓަރުންނާއި 8 ޑެޕިއުޓީ މިނިސްޓަރުން.

ރައީސްގެ ކެބިނެޓްގައި އެޓާނީ ޖެނެރަލްއާ އެކު 19 ވަޒީރުން ތިއްބަނީ ވެސް ކޯލިޝަން ސަރުކާރުގައި ޕާޓީތައް ހިއްސާވާ ނިސްބަތުންނެވެ.

ވެރިކަމުގެ ހުވާކުރެއްވުމުގެ ކުރިން އިންތިގާލީ މަރުހަލާގައި، އިންތިޚާބީ ރައީސްގެ ތަރުޖަމާން، މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވާ ގޮތުގައި، މި ސަރުކާރުގެ އަމާޒަކަށް ވާނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރަށް ވުރެ ސިޔާސީ މަގާމްތައް މަދުކުރުމެވެ. ފެންނަން ހުރި އަދަދުތަކަށް ބަލާއިރު، ނިމިގެން ދިޔަ ސަރުކާރުގައި ސިޔާސީ މަގާމްތަކުގެ އަދަދު 700 އަށް ވުރެ ގިނަވާނެ ކަމަށް ބެލެވޭ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.

އެ އަދަދު މަދުކޮށް، ސިޔާސީ މަގާމްތަކަށް ކުރާ ހޭދަ ވެސް 16 ޕަސެންޓަށް ދަށް ކުރަން ރައީސް ނިންމާފައިވާ ކަމަށް މާރިޔާ ވަނީ ވިދާޅުވެފަ އެވެ.