Roadha Mihaaru
ގްރީންސްޓްރީޓްސް މޮޅަކާ އެކު ލީގު ނިންމާލައިފި

ގްރީންސްޓްރީޓްސް މޮޅަކާ އެކު ލީގު ނިންމާލައިފި

30 ނޮވެމްބަރ 2018

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީންސްޓްރީޓްސް ކުޅުނު ފަހު މެޗުން މިރޭ ވިކްޓްރީ އަތުން 4-2 އިން މޮޅެއް ހޯދައިފި އެވެ.

ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ކްލަބް ގްރީންސްޓްރީޓްސް ކުޅުނު ފަހު މެޗުން މިރޭ ވިކްޓްރީ އަތުން 4-2 އިން މޮޅެއް ހޯދައިފި އެވެ.

އެންމެ ފަހުން ކުޅުނު މެޗުން ށ. ފޯކައިދޫ އަތުން ބަލިވި ގްރީންސްޓްރީޓްސް އިން ލީގު މި ނިންމާލީ 26 ޕޮއިންޓާ އެކު ފަސް ވަނައިގައި އޮވެ އެވެ. ވިކްޓްރީ 10 ޕޮއިންޓާ އެކު ދިޔައީ އަށް ވަނަ އަށެވެ. މިރޭ މޮޅުވި ނަމަ އެ ޓީމަށް ހަ ވަނައިގައި ލީގު ނިންމާލެވުހީނެވެ.

އެކަމަކު ވިކްޓްރީ އޮތީ އެފަދަ ކަމަކާ ވިސްނޭ ވަރަށް ވުރެ ހާލަތު ދަށްކޮށެވެ. ކުޅުންތެރިންނަށް މުސާރަ ނުދެވި އަދި ގަވާއިދުން ޕްރެކްޓިސް ނުކުރެ އެވެ. ލީގުގައި އެ ޓީމުން ދެ މެޗަކަށް ހާޒިރުނުވެ ދިޔަ އެވެ. ފަހު ދެ މެޗަށް ވެސް ޓީމު ހަމަކުރެވުނީ އުނދަގުލުންނެވެ.

މިރޭގެ މެޗުގެ ދެ ވަނަ މިނެޓުގައި މިރާހު މުހައްމަދުގެ ގޯލުން ވިކްޓްރީން ކުރި ހޯދި އެވެ. އެކަމަކު އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ވަނީ 10 ވަނަ މިނެޓުގައި ގްރީންސްޓްރީޓްސް އަށް އެއްވަރުކޮށްދީފަ އެވެ. ހާފު ނިމުމުގެ ކުރިން ގްރީންސްޓްރީޓްސް ލީޑު ނަގައިދިނީ ނެދަލެންޑްސް ފޯވާޑް ރޮލޭންޑް ރަސެލް އެވެ.

ދެ ވަނަ ހާފުގެ ކުރީކޮޅު ރަސެލް ވަނީ ޕެނަލްޓީ އަކުން ލަނޑު ޖަހައި ގްރީންސްޓްރީޓްސްގެ ލީޑު ފުޅާކޮށްދީފަ އެވެ. އެ ޓީމުގެ ފަހު ދެ ލަނޑު ޖެހީ ސަމްދޫހު މުހައްމަދާއި އަހުމަދު ރަޝީދެވެ.

ލީގުގެ ފަހު ދެ މެޗު މާދަމާ އޮންނާ އެވެ. އެގޮތުން މާދަމާ ހަވީރު ބައްދަލުކުރާނީ 37 ޕޮއިންޓާ އެކު ދެ ވަނައިގައި އޮތް މާޒިޔާ އާއި 27 ޕޮއިންޓާ އެކު ހަތަރު ވަނައިގައި އޮތް ނިއު ރޭޑިއަންޓެވެ. މި މެޗުން މާޒިޔާ މޮޅުނުވެއްޖެ ނަމަ، ލީގު ޗެމްޕިއަންކަން ޓީސީ ސްޕޯޓްސް ކްލަބަށް ލިބޭނެ އެވެ.

މާޒިޔާ މޮޅުވެއްޖެ ނަމަ ލީގު ޗެމްޕިއަންކަން ކަނޑައެޅޭނީ 39 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތް ޓީސީ އާއި 35 ޕޮއިންޓާ އެކު ތިން ވަނައިގައި އޮތް އީގަލްސް މާދަމާރޭ ކުޅޭ މެޗުންނެވެ. އެ މެޗުން ޓީސީ އެއްވަރުކޮށްލައިގެން ވެސް ލީގު ލިބެން އޮތްއިރު އެ ޓީމު ބަލިވެއްޖަ ނަމަ ތަށި ލިބޭނީ މާޒިޔާ އަށެވެ.