Roadha Mihaaru
ދެ އަހަރުގެ ދަރިފުޅަށް ލޭ ހޯދަން އަތްފުނާއަޅަނީ

ދެ އަހަރުގެ ކުއްޖަކަށް ލޭ ހޯދަން މުޅި ދުނިޔޭގައި އަތްފުނާއަޅަނީ

07 ޑިސެމްބަރ 2018

ލޭގެ ނާދިރު ބާވަތެއް ހުންނަ ދެ އަހަރުގެ ކުއްޖަކު ކެންސަރާ ހަނގުރާމަކުރަމުންދާ އިރު އޭނާގެ ފުރާނަ ސަލާމަތްކުރަން ބޭނުންވާ ފަރުވާ ހޯދުމަށްޓަކައި ލޭ ދޭނެ މީހުން ހޯދަން މުޅި ދުނިޔޭގައި އަތްފުނާއަޅަން ފަށައިފި އެވެ.

އާސިޔަތު މުހައްމަދު ސައީދު އާސިޔަތު މުހައްމަދު ސައީދު

ލޭގެ ނާދިރު ބާވަތެއް ހުންނަ ދެ އަހަރުގެ ކުއްޖަކު ކެންސަރާ ހަނގުރާމަކުރަމުންދާ އިރު އޭނާގެ ފުރާނަ ސަލާމަތްކުރަން ބޭނުންވާ ފަރުވާ ހޯދުމަށްޓަކައި ލޭ ދޭނެ މީހުން ހޯދަން މުޅި ދުނިޔޭގައި އަތްފުނާއަޅަން ފަށައިފި އެވެ.

އެމެރިކާގެ މަޔާމީގައި ދިރިއުޅޭ ޒައިނަބު މޫގަލް އަށް ނިއުރޯބްލާސްޓޯމާ ޖެހިފައިވާކަން އެނގުނީ މީގެ ދެ މަސް ދުވަސް ކުރިންނެވެ. އެކަމަކު އޭނާގެ ބަނޑުގައި ހުރި ޓިއުމަރު އުފެދެން ފެށިތާ މަދުވެގެން 10 މަސް ދުވަސް ވެދާނެ ކަމަށް ޒައިނަބުގެ އާއިލާ އިން ލަފާކުރެ އެވެ.

ޒައިނަބަށް ބޭނުންވާ ވައްތަރުގެ ލޭ ހޯދަން އޭނާގެ އާއިލާ އަށް އެހީތެރިވެދެމުން އަންނަ ޖަމްއިއްޔާ، ވަންބްލަޑް އިން ޝާއިއުކޮށްފައިވާ ވީޑިއޯއެއްގައި އޭނާގެ ބައްޕަ ރަހީލް މޫގަލް ކިޔައިދިން ގޮތުގައި ދަރިފުޅަށް ކެންސަރު ޖެހިފައިވާކަން އެނގުމަކީ މީހަކަށް ލިބޭނެ ކަމަށް ހީކުރެވޭނެ އެންމެ ހިތާމަވެރި ޚަބަރު ކަމަށް ވިޔަސް އަދި އެހެން މައްސަލައެއް ވެސް އުޅޭ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ.

ވަންބްލަޑްގެ އޮފިޝަލެއް ކަމަށްވާ ސޫޒަން ފޯބްސް ބުނިގޮތުގައި ޒައިނަބުގެ ލޭގެ ރަތް ސެލްތަކުގައި އިންޑިއަން-ބީ ކިޔާ މާއްދާއެއް ނުހުރެ އެވެ. އަދި އެއީ ލޭގައި ހުރުން ވަރަށް އާއްމު ބާވަތެއް ކަމަށް ވާތީ، އެ މާއްދާ ނުހުންނަ މީހުން ހޯދުމަކީ ވަރަށް އުނދަގޫ ކަމެއް ކަން އޭނާ ފާހަގަކުރި އެވެ. އެކަން އުނދަގޫވާ އަނެއް ސަބަބަކީ ލޭ ނަގަން ޖެހެނީ "އޯ" ނުވަތަ "އޭ" ގްރޫޕުގެ ލޭ ހުންނަ މީހެއްގެ ގައިން ކަމަށް ވެފައި އެ މީހަކީ 100 ޕަސެންޓް އިންޑިއާ، އިރާން ނުވަތަ ޕާކިސްތާނު ދަރިކޮޅަށް ނިސްބަތްވާ މީހަކަށް ވާން ޖެހޭ ކަމެވެ.

ފޯބްސް ބުނިގޮތުގައި ޒައިނަބާ އެއްވައްތަރެއްގެ ލޭ ހުންނަނީ ދުނިޔޭގެ އާބާދީގެ އެންމެ ހަތަރު ޕަސެންޓަށް ވުރެ ވެސް މަދު މީހުންގެ ގައިގަ އެވެ. އޭނާ އަށް ބޭނުންވާ ފަރުވާދޭ އިރު އަވަސް އަވަހަށް ލޭއަޅަން ޖެހޭނެ އެވެ. އެކަމަކު އާއިލާގެ މީހެއްގެ ލޭ ޒައިނަބުގެ ލެއާ ދިމާ ނުވާ ކަމަށް އޭނާގެ ބައްޕަ ބުންޏެވެ.

ވަން ބްލަޑް އަށް މިހާތަނަށް ހޯދިފައި ވަނީ ޒައިނަބަށް ލޭ ދެވޭނެ ތިން ޑޯނަރުންނެވެ. އޭގެ ތެރެއިން އެކަކު ފެނުނީ އިނގިރޭސިވިލާތުންނެވެ. އެ ތިން މީހުންގެ ގައިން ވެސް ލޭ ނަގައި މަޔާމީ އަށް މިހާރު ވަނީ ފޮނުވައިފަ އެވެ.

އެކަމަކު ޒައިނަބަށް އަދިވެސް އިތުރު ހަތް މީހުންގެ ލޭ ބޭނުންވެ އެވެ. އެހެންވެ، 1000 އަށް ވުރެ ގިނަ މީހުން މިހާރު ވަނީ ޓެސްޓުކުރުމަށް ލޭ ހަދިޔާކޮށްފަ އެވެ. އެ އެންމެން ވެސް ނިސްބަތް ވަނީ އިންޑިއާ، ޕާކިސްތާން އަދި އިރާން ދަރިކޮޅަށެވެ.

ޒައިނަބުގެ ގަޔަށް ލޭ އަޅަން ޖެހެނީ ބޯން މެރޯ ޓްރާންސްޕްލާންޓް ހެދުމުގެ ދެ އޮޕަރޭޝަނެއް ކުރަން ޖެހޭތީ އެވެ. އެއީ އޭނާގެ ހަށިގަނޑުގައި އިތުރަށް ވަރު ޖައްސައިދީ ކީމޯތެރަޕީގެ ޑޯޒް މަތިކުރަން ޑޮކްޓަރުންނަށް މަގުފަހިކޮށްދޭނެ ކަމެކެވެ.

ޒައިނަބަށް މިހާރު ވެސް އަންނަނީ ގަވާއިދުން ކީމޯތެރަޕީ ދެމުންނެވެ. އޭގެ ސަބަބުން ޓިއުމަރު ކުޑަވެފައި ހުއްޓަސް ފުރާނަ ސަލާމަތްވާން ޒައިނަބު ކުރަން ޖެހޭ ދަތުރު އަދިވެސް ދިގުކަން ފޯބްސް ފާހަގަކުރި އެވެ.--އޭބީސީނިއުސް