Roadha Mihaaru
އުރަމަތީގެ ކެންސަރު ދެނެގަންނަން އޭއައި

އުރަމަތީގެ ކެންސަރު ދެނެގަންނަން އާޓިފިޝަލް އިންޓެލިޖެންސް

04 ޖެނުއަރީ 2020

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ގޫގުލް އިން ތަރައްގީ ކޮށްފައިވާ ސިސްޓަމެއްގެ އެހީގައި، އުރަމަތީގެ ކެންސަރު ހުރިކަން މިހާރު މާ ބޮޑަށް ދެނެގަނެވޭ ކަމަށް ބުނެފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ގޫގުލް އިން ތަރައްގީ ކޮށްފައިވާ ސިސްޓަމެއްގެ އެހީގައި، އުރަމަތީގެ ކެންސަރު ހުރިކަން މިހާރު މާ ބޮޑަށް ދެނެގަނެވޭ ކަމަށް ބުނެފި އެވެ.

ނޭޗާ ޖާނަލްގައި ޝާއިއު ކޮށްފައިވާ ރިޕޯޓެއްގައި ބުނީ، އުރަމަތީގެ ކެންސަރު ހުރިތޯ ބަލަން ހަދާ މެމޮގްރާފަށް ވުރެ، އޭއައިގެ އެހީގައި ހަދާ ޓެސްޓްތައް މާ ރަނގަޅު ކަމަށެވެ. އެގޮތުން، އެއީ ކެންސަރު ބަލި ހުރިތޯ ނުވަތަ ނެތްތޯ ދެގެނެތުމަށް އާންމުކޮށް ހަދާ މެމޮގްރާމަށް ވުރެ ރައްކާތެރި އަދި ކަށަވަރު ގޮތެއް ކަމަށް ނޭޗާ ޖާނަލްގައި ވާ ރިޕޯޓުގައި ވެ އެވެ.

އެމެރިކަން ކެންސަ ސޮސައިޓީގެ ރެކޯޑްތައް ދައްކާ ގޮތުން އުރަމަތީގެ ކެންސަރަށް ރޭޑިއޮލިޖިސްޓުން ހަދާ މެމޮގްރާފްގެ 20 ޕަސަންޓަކީ ނަތީޖާއާ ދޭތެރޭ ޝައްކުތައް އުފެދޭ އެއްޗެކެވެ. އޭގެ މާނަ އަކީ ފާއިތުވި 10 އަހަރު މެމޮގްރާފް ހެދި މީހުންގެ ދެބައިކުޅަ އެއްބައިގެ މީހުންގެ ނަތީޖާ ގޯސްވުމެވެ.

އެހެންވެ، ކުރިއަށް އޮތް ތަނުގައި އޭއައި އަކީ ސިއްހީ ދާއިރާ އަށް ބޮޑެތި ކުރިއެރުންތަކެއް ގެނެސްދޭނެ ކަމެއް ކަމަށް ބުނެ އެވެ.

އޭއައިގެ އެހީގައި، އުރަމަތީގެ ކެންސަރު ދެނެގަތުމުގެ ދިރާސާ ކުރިއަށް ގެންގޮސްފައި ވަނީ އިންޕީރިއަލް ކޮލެޖް ލަންޑަނާއި އެމެރިކާގެ ނޯތުވެސްޓަން މެޑިސިންގެ އިތުރުން ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) ގުޅިގެންނެވެ.

ގޫގްލްގެ ބެލެނިވެރި ކުންފުނި އަލްފަބެޓްގެ ދަށުން އޭއައި އަށް ހާއްސަ ކޮށްގެން ޑީޕްމައިންޑްގެ ނަމުގައި ހިންގާ ޔުނިޓް ގުޅިގެން ހެދި ދިރާސާ އިން އޭއައިގެ އެހީގައި އުރަމަތީގެ ކެންސަރު މާ ރަނގަޅަށް ދެނެގަނެވޭކަން ދެއްކުމަކީ ބަލީގެ ކުރީކޮޅު މިކަން ދެގެނަގެވި ރައްކާތެރިކަމުގެ ފިޔަވަޅު ދުރާލައި އަޅަން ލިބޭ ފުރުސަތެއް ކަމަށް ބުންޏެވެ.

ދިރާސާ ހަދާފައި ވަނީ ގޫގްލްގެ އޭއައި ސިސްޓަމާއި އެމެރިކާ އާއި އިނގިރޭސި ވިލާތުގެ ރައްޔިތުންތަކެއް ހަދާފައިވާ މެމޮގްރާފްތަކެއް އަޅައި ކިޔައިގެންނެވެ. އެގޮތުން، އޭއައި ސިސްޓަމްގެ އެހީގައި ފާހަގަ ކުރެވެނީ ރޭޑިއޮލޮޖިސްޓުން ހަދާ މެމޮގްރާފަށް ވުރެ ރަނގަޅަށް އެ ސިސްޓަމް މަސައްކަތް ކުރާ ކަމެވެ. މާނަ އަކީ ނަތީޖާ ނުބައިކޮށް، ދެއްކުމުގެ ފުރުސަތު އޭއައި ސިސްޓަމްގެ އެހީގައި ހަދާ ޓެސްޓްތަކުން ދަށްކޮށް ދިނުމުގެ ފުރުސަރު ކުޑަވުމެވެ.

އުރަމަތީގެ ކެންސަރު ޓެސްޓް ކުރަން މިހާތަނަށް ވެސް ކޮމްޕިއުޓަ-އެއިޑެޑް ޑިޓެކްޝަން (ސީއޭޑީ) ސިސްޓަމް ބޭނުންކުރި ނަމަވެސް، މީގެ ތެރެއަށް އޭއައި އިތުރުވުމަކީ ބަލި ދެނެގެތުމަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް ދިރާސާ ޓީމުން އެއްބަސްވެ އެވެ. އެހެންވެ، މި ސިސްޓަމް އިތުރަށް ތަރައްގީކޮށް، ވަރުގަދަ ކުރުމަކީ އުރަމަތީގެ ކެންސަރާ ދެކޮޅަށް ކުރާ މަސައްކަތަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަ ކޮށްފައިވެ އެވެ.

"އިންސާނުންގެ ފޯރުންތެރިކަމަށް ވުރެ ފުޅާކޮށް ވިސްނާ ނަމަ އޭއައި އަކީ ސިއްހީ ދާއިރާ ބޮޑު ބަދަލެއް ގެނުވާނެ ކަމެއް،" ހާވާޑްސް މެސެޝޫސެސް ޖެނެރެލް ހޮސްޕިޓަލްގެ ބްރެސްޓް އިމޭޖިން ޑިޕާޓްމަންޓްގެ ޗީފް ޑރ. ކޮނީ ލޭމަން ވިދާޅުވި އެވެ.

ދިރާސާތަކުން ދައްކާ ގޮތުގައި ކޮންމެ އަށް އަންހެނުންގެ ތެރެއިން އެކަކު ވަނީ އުރަމަތީގެ ކެންސަރުގެ ޝިކާރަ އަކަށް ވެފަ އެވެ.