Roadha Mihaaru
ސިޓީ މެޗަކީ ޗެލްސީ އަށް އިމްތިހާނެއް: ސާރީ

ސިޓީ މެޗަކީ ޗެލްސީ އަށް އިމްތިހާނެއް: ސާރީ

08 ޑިސެމްބަރ 2018

ލަންޑަން (ޑިސެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ލީގުގައި ކުރިއަށްދާން ބަލާއިރު ޗެލްސީ އަށް އިމްތިހާނެއް ކަމަށާއި ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ލަންޑަން (ޑިސެމްބަރު 8) - އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަކީ ލީގުގައި ކުރިއަށްދާން ބަލާއިރު ޗެލްސީ އަށް އިމްތިހާނެއް ކަމަށާއި ނަތީޖާ ކޮންމެ ގޮތަކަށް ނުކުތް ނަމަވެސް ގިނަ ކަންތައްތަކެއް ދަސްވާނެ ކަމަށް އެ ޓީމުގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފި އެވެ.

ޗެލްސީ ލީގުގެ ފުރަތަމަ 12 މެޗު ނިންމާލީ ބަލިނުވެ އެވެ. އެކަމަކު އޭގެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ވަނީ ބަލިވެފަ އެވެ. އެންމެ ފަހުން އެ ޓީމު ބަލިވީ ބުދަ ދުވަހުގެރޭ ވުލްވަހެމްޓަން (ވުލްވްސް) އަތުންނެވެ.

މި ސީޒަނުގައި ޗެލްސީއާ ހަވާލުވި ސާރީ ބުނީ ފުރަތަމަ މެޗުތަކުގައި ރަނގަޅަށް ހުރިހާ ކަމެއް ދިޔައިރު ވެސް އޭނާ ހުރީ ހާލަތު ގޯސްވާނެ ވަގުތެއް އަންނާނެ ކަމަށް ބަލައިގެން ކަމަށެވެ.

"އަހަންނަށް ކުރިން ވެސް ވިސްނުނު ކޮންމެވެސް ހިސާބަކުން އުނދަގޫ ކަންތައްތަކެއް އަންނާނެކަން. ކޮންމެ ގޮތެއް ވިޔަސް ޓީމެއް ކުޅޭގޮތް ބަދަލުކޮށްލުމަކީ އެހާ ފަސޭހަކަމެއް ނޫން. ކުޅުންތެރިން މެންޓަލީ ވެސް މި ކުޅެން އުޅޭ ފުޓްބޯޅަ އަށް ތައްޔާރުވާން ޖެހޭ،" މިދިޔަ ސީޒަނުގައި ނަޕޯލީ އަށް ކޯޗުކޮށްދިން ސާރީ ބުންޏެވެ.

ސިޓީ ލީގުގެ އެއް ވަނައިގައި އޮތްއިރު އެ ޓީމާ ހަތަރު ވަނައިގައި އޮތް ޗެލްސީއާ ދެމެދު 10 ޕޮއިންޓުގެ ފަރަގެއް އެބައޮތެވެ. ލީގުގައި ސިޓީ އެންމެ ފަހުން ބަލިވީ މި އަހަރުގެ އޭޕްރީލް މަހުގަ އެވެ. ސާރީ ބުނީ މި މެޗުން ބަލިވެ، ސިޓީއާ ދެމެދު ފަރަގު ބޮޑުވުމަކީ ޗެލްސީ އަށް އިތުރަށް އުނދަގޫވާނެ ހާލަތެއް މެޗުވެރިވާނެ ކަމެއް ކަމަށެވެ.

"އަހަންނަށް އެނގޭ ޗެލްސީއާ އެކު ކުރިއަށްދާއިރު ޗެލެންޖް ހުންނާނެކަން. އެކަންކަމަށް ތައްޔާރުވެގެން މި ހުންނަނީ. ޔަގީނުންވެސް މި މެޗުގެ ނަތީޖާ ކޮންމެ ގޮތަކަށް ނުކުތަސް މިއީ އަހަރެމެންގެ ސީޒަނަށް ވަރަށް ގިނަ ފިލާވަޅުތަކެއް ލިބޭނެ މެޗެއް،" ސާރީ ބުންޏެވެ.

ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ ސާރީއާ ދެކޮޅަށް ނުކުތް ހުރިހާ މެޗަކުން މޮޅުވެފަ އެވެ. މި ފަހަރު ސީޒަނުގެ ޗެރިޓީ ޝީލްޑް މެޗުގައި ސިޓީން ވަނީ ޗެލްސީ ބަލިކޮށްފަ އެވެ. ފުރަތަމަ ފަހަރަށް ގާޑިއޯލާގެ މައްޗަށް ކުރިހޯދޭނެތޯ ސާރީ ގާތުގައި ނޫސްވެރިއަކު ސުވާލުކުރުމުން އޭނާ ބުނީ އެކަމަށް ދޭނެ ޖަވާބެއް ނެތް ކަމަށެވެ.

"އަހަންނަށް ނޭނގެ. ގާޑިއޯލާ އާއި ދެކޮޅަށް އަހަރެން ހުރިހާ މެޗަކުން ބަލިވީ. ގާޑިއޯލާ ބަލިކުރުމާ މެދު އެއްޗެއް ބުނަން އެނގޭނީ އެކަން ކުރި ކޯޗަކަށް. އަހަރެންނަށް އާ ކަމެއް އަދި ތިއީ،" ސާރީ ބުންޏެވެ.

ގާޑިއޯލާ މިރޭގެ މެޗަށް ނުކުންނައިރު އޭނާ އަށް މިހާތަނަށް ޗެލްސީގެ ސްޓެމްފޯޑް ބްރިޖުގައި ހޯދުނީ އެންމެ މޮޅެކެވެ. އެއީ މިދިޔަ ސީޒަނުގަ އެވެ. މި މެޗުގައި ވެސް ސިޓީގެ ފޯވާޑް ސާޖިއޯ އަގުއޭރޯ އަށް އަނިޔާގެ ސަބަބުން ނުކުޅެވޭނެ އެވެ.

ސިޓީ އާއި ޗެލްސީ ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 22:30 ގަ އެވެ.