Roadha Mihaaru
ކިންގްސް ބަލިކޮށް ޓީރެކްސް ގައުމީ ލީގު ކާމިޔާބުކޮށްފި

ކިންގްސް ބަލިކޮށް ޓީރެކްސް ގައުމީ ލީގު ކާމިޔާބުކޮށްފި

13 ޑިސެމްބަރ 2018

ކިންގްސް ބާސްކެޓްބޯލް ކްލަބް 74-69 އިން ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން 13 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގު ކާމިޔާބުކޮށްފި އެވެ.

ކިންގްސް ބާސްކެޓްބޯލް ކްލަބް 74-69 އިން ބަލިކޮށް ޓީރެކްސް ބާސްކެޓްބޯލް ކްލަބުން 13 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގު ކާމިޔާބުކޮށްފި އެވެ.

މި ދެ ޓީމު ފުރަތަމަ ބުރު ކުޅުނު މެޗުގައި ޓީރެކްސް އަތުން ކިންގްސް ވަނީ މޮޅުވެފަ އެވެ. އެކަމަކު ރޭގެ މެޗުގައި ކިންގްސްގެ މައްޗަށް ކުރި ހޯދައި ޓީރެކްސް އިން ވަނީ ފުރަތަމަ ބުރުން ބަލިވުމުގެ ބަދަލު ހިފައިފަ އެވެ.

ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓީރެކްސް އަށް ކުޅޭ ބޮސްނިއާގެ ކުޅުންތެރިއާ އޭއަމިން ޖޭޒްވިން އެވެ. އޭނާ ވަނީ ރޭގެ މެޗުގައި ޓީރެކްސް މޮޅުކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ. ކިންގްސްގެ އެޓޭކްތައް ހުއްޓުވުމުގައި ޓީރެކްސް އިން ކުރިހޯދިއިރު، ކިންގްސް އަށް އެންމެ އުނދަގޫވީ ޖޭޒްވިން ހުއްޓުވާށެވެ.

ރޭގެ މެޗުގައި ވެސް ޓީރެކްސްގެ އަހުމަދު ޒަބީރު (ޒަބީ) އާއި ޒަކަރިއްޔާ އަބްދުއްލަތީފް ވަނީ އެ ކުޅުންތެރިންގެ ތަޖުރިބާގެ ބޭނުންކޮށް ޓީމަށް ކުރި ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.

ކިންގްސް އާއި ޓީރެކްސް ރޭ ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކިންގްސް އާއި ޓީރެކްސް ރޭ ކުޅުނު މެޗުގެ ތެރެއިން. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުބާރާުތުގެ އެންމެ މޮޅު ފަސް ކުޅުންތެރިއަކަށް ހޮވުނީ ސްޓިންގާސް ބާސްކެޓްބޯލް ކްލަބްގެ ސްލޮވާކިއާ ކުޅުންތެރިއާ ރިލްވާން ބަކާރޭ އާއި ކިންގްސްގެ އެމެރިކާ ކުޅުންތެރިއާ މައިކް ފޭ އާއި ރެޕްޓާސްގެ ސާބިއާ ކުޅުންތެރިއާ މިލޯރޮޑް އާއި ކިންގްސްގެ މުހައްމަދު ޒިލާލް އަދި ރެޕްޓާސްގެ މަފާޒް މުހައްމަދު އެވެ.

މިދިޔަ އަހަރުގެ ގައުމީ ލީގު ކާމިޔާބުކުރީ ކިންގްސް އިންނެވެ. އެކަމަކު އޭގެ ބަދަލު ހިފައި ޓީރެކްސް އިން ވަނީ ގައުމީ މުބާރާތުގެ ތަށި އުފުލާލައިފަ އެވެ. މި ފަހަރު ގައުމީ ލީގުގެ ޗެމްޕިއަންކަން ޓީރެކްސް އިން ހޯދުމުން ކިންގްސް އިން މިހާރު އަމާޒުހިފާފައިވަނީ ގައުމީ މުބާރާތް ކާމިޔާބު ކުރުމަށެވެ.

ޓީރެކްސްގެ ކޯޗަކީ އިލްޔާސް އިބްރާހިމް (އިއްލެ) އެވެ. ފާއިތުވި އަހަރުތަކުގައި އޭނާ ވަނީ އެ ޓީމަށް ގިނަ މުބާރާތްތަކެއް ކާމިޔާބު ކޮށްދީފަ އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޓީރެކްސް އަށް ގިނަ ކާމިޔާބީ ހޯދައިދިނުމަށް ފަހު އޭގެ ފަހުން ކޯޗިންގައި ވެސް އޭނާ ކުރިއަށްދަނީ އެ ޓީމުގަ އެވެ.

ގައުމީ ލީގަކީ މި ފަހަރު ޓީރެކްސް އިން ހޯދި ދެ ވަނަ ތަށްޓެވެ. މި އަހަރުގެ އެމްބީއޭ ޗެމްޕިއަންޝިޕް ކާމިޔާބު ކުރީ ވެސް އެ ޓީމުންނެވެ. މި ދެ ކާމިޔާބީއާ އެކު އަހަރުގެ ބޮޑު މުބާރާތް ކަމަށްވާ ގައުމީ މުބާރާތަށް ޓީރެކްސް އިން ނުކުންނާނީ ތިން ތަށި ހަމަކޮށް ފުރިހަމަ ކާމިޔާބީއަކާ އެކު ސީޒަން ނިންމާލުމުގެ އަމާޒުގަ އެވެ.