Roadha Mihaaru
ސިމެންތި ބަސްތާއިން ޖެހުނު ކުއްޖާ މަރުވެއްޖެ

ސިމެންތި ބަސްތާއިން ޖެހި ޒަހަމްވި ކުއްޖާ މަރުވެއްޖެ

17 ޑިސެމްބަރ 2018

ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އިއްޔެ ޒަހަމްވި ހަތް އަހަރުގެ އަންހެން ކުއްޖާ ދާދި ދެންމެއަކު މަރުވެއްޖެ އެވެ.

ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އިއްޔެ ޒަހަމްވި ހަތް އަހަރުގެ އަންހެން ކުއްޖާ ދާދި ދެންމެއަކު މަރުވެއްޖެ އެވެ.

ރާއްޖޭގައި މަސައްކަތްކުރަމުން އަންނަ ބަންގްލަދޭޝްގެ ދެ ޑޮކްޓަރެއްގެ ތިބި ދެ ކުދިންގެ ތެރެއިން ދޮށީ ކުއްޖާ، ރައުޝަން ޖިއާން، މި މަރުވީ މ. ނަލަހިޔާ މަންޒިލްގެ ފަސް ވަނަ ބުރިން ވެއްޓުނު ސިމެންތި ބަސްތާ އިން ޖެހި ލިބުނު ޒަހަމްތަކަށް، އައިޖީއެމްއެޗުގެ އައިސީޔޫގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށެވެ.

އިއްޔެ ހެނދުނު ހިނގި ހާދިސާއާ ގުޅިގެން ޖިއާާންގެ އޮޕަރޭޝަންތަކެއް ވަގުތުން ކުރި އެވެ. އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި އޭނާގެ އެތެރެހަށީގެ މުހިންމު އެތައް ގުނަވަނަކަށް ލިބިފައި ހުރި ގެއްލުންތައް ބޮޑުކަމުން، އޮޕަރޭޝަނަށް ފަހު ވެސް ހާލު ވަރަށް ސީރިއަަސް އެވެ. ހޮސްޕިޓަލްގައި އޮއްވާ ވެސް ދެ ފަހަރަށް ހާޓް އެޓޭކް ޖެހުނު ކަމަށް، އެނގިފައިވެ އެވެ.

ޖިއާންގެ މައިންބަފައިން ބޭނުންވީ ވީހާވެސް އަވަހަކަށް ރާއްޖެ އިން ބޭރަށް ގެންދާށެވެ. އެކަމަކު މަތިން ގެންދެވޭ ވަރަށް ވުރެ ކުއްޖާގެ ހާލު ސީރިއަސް އެވެ.

ޖިއާންގެ ގަޔަށް ސިމެންތި ބަސްތާ ވެއްޓުނު ސަރަހައްދު

ޖިއާންގެ ގަޔަށް ސިމެންތި ބަސްތާ ވެއްޓުނު ސަރަހައްދު

ހާދިސާ ހިނގި ވީޑިއޯ އިން ފެންނަނީ މަޑުމަޑުން ޖިއާން ހިނގަމުން އަންނަ ތަނެވެ. އޭނާގެ ފަހަތުގައި މަންމަ ވެސް ހުއްޓެވެ. ދެން ކުއްލިއަކަށް މުޅި ތަނަށް ފެތުރެނީ މަތިން ވެއްޓުނު ސިމެންތި ބަސްތާގެ ސިމެންތިތަކެވެ. ބެލެވޭ ގޮތުގައި ސިމެންތި ބަސްތާ ވެއްޓުނު އިރު ކޮންމެވެސް ތަނެއްގައި ޖެހި، ފަޅައިގެން ވެސް ދިޔަ އެވެ.

މުޅި ތަން ސާފުވި އިރު ކުއްޖާ އޮތީ ހަރަކާތެއް ނެތިފަ އެވެ.

ފ. ނިލަންދޫ ހޮސްޕިޓަލްގައި މަސައްކަތްކުރަމުން އަންނަ ދެ ޑޮކްޓަރުން އެ މީހުންގެ ދެ ކުދިންނާ އެކު މާލެ އައީ ފަސް ދުވަހުގެ ޗުއްޓީއެއްގައި، ވިޔަފާރިކޮށްލާށެވެ. ސިމެންތި ބަސްތާ ވެއްޓުމުގެ ހިތާމަވެރި މި ހާދިސާ ހިނގީ، ހެނދުނު ސައި ބޮއިގެން ޖިއާން އާއި އޭނާގެ މަންމަ ގެއަށް ދިއުމުގެ މަގުމަތީގައި ކަމަށްވެ އެވެ.

ވީޑިއޯ އާންމުވުމާ އެކު އެތައް ބަޔަކަށް ލިބުނީ ޝޮކެކެވެ. އަދި އިމާރާތްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާލެއް ފަރުވާކުޑަކަމުގެ ޝަކުވާތައް އޮއްސާލި އެވެ. ސޯޝަލް މީޑިއާ ފުރުނީ ހަމްދަރުދީގެ މެސެޖްތަކުންނާއި ރުޅިވެރިކަމުގެ ބަސްތަކުންނެވެ.

މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ހިންގާލެއް ފަރުވާކުޑަކަމާއި ނުރައްކާތެރިކަމާ މެދު، މި ހާދިސާއާ ގުޅިގެން އެތައް ބަޔަކު ގެންދަނީ ޝަކުވާކުރަމުންނެވެ. އަދި ސިޓީ ކައުންސިލުން މިހާރު ވަނީ ނަލަހިޔާ މަންޒިލް ހަދަމުން ގެންދާ ޑަބްލިޔު ކޮންސްޓްރަކްޝަނަށް ދިން ހުއްދަތައް ވަގުތީ ގޮތުން ހިފަހައްޓައިފަ އެވެ. އަދި އިމާރާތްކުރުމުގެ ހުއްދަދިނުން ވަގުތީ ގޮތުން ވަނީ މެދު ވެސް ކަނޑާލައިފަ އެވެ.

ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު ބޭރަށް ކުރެއްވި ރަަސްމީ ފުރަތަމަ ދަތުރުފުޅުގައި މި ވަގުތު އިންޑިއާގައި ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމުރުކުރައްވާފައި ވަނީ މާލޭގައި އިމާރާތްކުރުމުގެ މަސައްކަތް ހިންގާ ހުރިހާ ސައިޓެއްގެ ރައްކާތެރިކަން ބެލުމަށެވެ.

ރައީސް ފޯނުން ގުޅުއްވި

ރައީސް ވަނީ ދާދި ދެންމެއަކު ޖިއާންގެ އާއިލާއާ ފޯނުން ގުޅުއްވައިފަ އެވެ.

މާލޭގައި ވަޒީފާ އަދާކުރަމުން އަންނަ ކުއްޖާގެ ބޮޑުބޭބެ ބުނީ ޖިއާންގެ ހަށިގަނޑު ބަންގްލަދޭޝް އަށް ގެންދެވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ނިލަންދޫ ކައުންސިލްގެ މެމްބަރަކު ވިދާޅުވި ގޮތުގައި އެ ރަށުގައި ހުންނަ އަތޮޅު ހޮސްޕިޓަލްގައި ޖިއާންގެ މައިންބަފައިން މަސައްކަތް ކުރަމުން އަންނަތާ ދެ އަހަރު ވެއްޖެ ވެ. އަދި ޖިއާން އަކީ އެ ރަށު ސްކޫލުގެ ގްރޭޑް ތިނެއްގައި ކިޔަވަމުން އައި ދަރިވަރެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.