Roadha Mihaaru
ޑަބްލިއު ކުންފުނީގެ ވެރިންނަށް ދައުވާ ކުރަންޖެހޭ:ސުއޫދު

ކުޑަކުއްޖާ ނިޔާވި މައްސަލާގައި ކުންފުނީގެ ވެރިންނަށް ޖިނާއީ ދައުވާ ކުރަންޖެހޭ: ސުއޫދު

17 ޑިސެމްބަރ 2018

އިމާރާތް ކުރަމުން ދިޔަ ގެއަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލާގައި އެ މަސައްކަތް ކުރަމުން ދިޔަ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

އިމާރާތް ކުރަމުން ދިޔަ ގެއަކުން ސިމެންތި ބަސްތާއެއް ވެއްޓި ކުޑަކުއްޖަކު މަރުވި މައްސަލާގައި އެ މަސައްކަތް ކުރަމުން ދިޔަ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިންނަށް ޖިނާއީ ދައުވާ ކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ މާލޭގައި އިމާރާތް ކުރަމުންދިޔަ ގެއަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި އަނިޔާވި ބަންގްލަދޭޝްގެ ކުޑަކުއްޖަކާ މިއަދު ވަނީ މަރުވެފަ އެވެ. އޭރު އެތަނުގައި މަސައްކަތް ކުރަމުން ދިޔައީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނިންނެވެ.

އެކަމާ ގުޅިގެން ސުއޫދު ކުރެއްވި ޓްވީޓެއްގައި ވަނީ ޑަބްލިއު ކޮންސްޓްރަކްޝަން ކުންފުނީގެ ވެރިން ހައްޔަރުކޮށް، ޖިނާއީ ދައުވާ ކުރަންޖެހޭނެ ކަމަށެވެ.

ސުއޫދުގެ ޓްވީޓް

އެ ހާދިސާ އަށް ފަހު ސިޓީ ކައުންސިލުން ބުނެފައި ވަނީ މ. ނަލަހިޔާ މަންޒިލްގައި ޑަބްލިއު ކޮންސްޓްރަކްޝަނުން މަސައްކަތް ކުރަމުން ދިޔައީ ގަވާއިދާ ޚިލާފަށް ކަމަށެވެ. އެ މަސައްކަތް ކުރަމުން ދިޔައިރު އެތަނުގައި ނުރައްކާ ކަން އަންގައިދޭ ބޯޑެއް ބަހައްޓާފައި ހުއްޓަސް އެ ބޯޑަކީ ގަވާއިދާ ޚިލާފަށް ބެހެއްޓި ބޯޑެއް ކަމަށް ސިޓީ ކައުންސިލުން ބުންޏެވެ. އަދި އެ ސަރަހައްދަށް ނުވަދެވޭ ގޮތަށް ޓޭޕް ދަމައިގެން ބަންދު ކޮށްފައި ނެތް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ސިޓީ ކައުންސިލުން މިހާރު ވަނީ އިމާރާތް ކުރުމުގެ މަސައްކަތަށް އެ ކައުންސިލުން ދޭ ހުރިހާ ހުއްދަތައް ދޫކުރުން މަޑުޖައްސާލައި، ކޮންސްޓްރަކްޝަން ސައިޓްތައް ބެލުމުގެ މަސައްކަތް ފަށައިފަ އެވެ.

ކުޑަކުއްޖާއަށް އަނިޔާވި ހާދިސާ އަށް ފަހު، އިމާރާތް ކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެސް ވަނީ އަންގަވައިފަ އެވެ. އެ މައްސަލަ ފުލުހުން ވެސް މިހާރު ދަނީ ބަލަމުންނެވެ.