Roadha Mihaaru
އިއްޔެ އަކީ އެއާޕޯޓްގެ ރެެކޯޑް ދުވަހެއް

އިއްޔެ އަކީ އެއާޕޯޓްގެ ރެެކޯޑް ދުވަހެއް

24 ޑިސެމްބަރ 2018

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 729 އަށް އަރައި، އިއްޔެ އަކީ ރެކޯޑް އަދަދަކަށް ވައިގެ ހަރަކާތްތައް ހިނގި ދުވަހެއް ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 729 އަށް އަރައި، އިއްޔެ އަކީ ރެކޯޑް އަދަދަކަށް ވައިގެ ހަރަކާތްތައް ހިނގި ދުވަހެއް ކަމަށް، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީން މިއަދު ބުނެފި އެވެ.

އެމްއޭސީއެލުން ބުނީ އެންމެ ގިނަ އެއާ ޓްރެޕިކް މޫވްމެންޓް (އޭޓީއެމް) އިއްޔެ ހިނގިއިރު އޭގެ ތެރޭގައި ބައިނަލްއަގުވާމީ 110 ދަތުރު ހިމެނޭ ކަމަށެވެ. އެތެރޭގެ އުދުހުންތަކުގެ 102 ދަތުރު އަދި ސީ ޕްލޭންގެ 517 ދަތުރު އިއްޔެ ވަނީ ވީއައިއޭގައި ފުރިހަމަކޮށްފަ އެވެ.

އިއްޔެ ޖުމްލަ 729 އޭޓީއެމް ރެކޯޑްކުރެވުނު އިރު މީގެ ކުރިން ވީއައިއޭގެ ރެކޯޑް އަދަދެއްގެ ދަތުރުގެ މުއާމަލާތް ހިންގާފައި ވަނީ 644 އޭޓީއެމްއާ އެކު މި އަހަރުގެ ޖެނުއަރީ މަހު އެވެ. މި އަދަދުން ބަލާ ނަމަ އިއްޔެ ރާއްޖޭގެ އެންމެ ބޮޑު އެއާޕޯޓަށް ޖެއްސި އަދި ފުރި ފްލައިޓްތަކުގެ އަދަދު 85 އެ ވަނީ އިތުރުވެފަ އެވެ.

ކޮންމެ އަހަރެއްގެ ޑިސެމްބަރާއި ޖެނުއަރީ އަކީ ވީއައިއޭގެ އެންމެ ބިޒީ ދުވަސްވަރެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި 21،992 ފަސެންޖަރުންނަށް އިއްޔެ ހިދުމަތް ފޯރުކޮށްދިނެވެ. އޭގެ ތެރޭގައި 17،723 ބައިނަލްއަގުވާމީ ދަތުރުވެރިންނާއި 4،269 އެތެރޭގެ ދަތުރުވެރިން ހިމެނެ އެވެ. އަދި ސީ ޕްލޭންތަކުން 5،500 މީހުން ދަތުރުކުރި އެވެ.

ކްރިސްމަސް އާއި އާ އަހަރު ފާހަގަކުރަން އަންނަ ޓޫރިސްޓުންގެ އަދަދު އާންމުކޮށް އިތުރުވެ އެވެ. އެހެންކަމުން އިއްޔެ އަކީ ތާރީހުގައި ވެސް ވީއައިއޭއަށް އެންމެ ބާރު ބޮޑުވި ދުވަހެވެ.

ވީއައިއޭ ބޭނުންކުރާ ފްލައިޓްތަކުގެ އަދަދަށް ބަލާއިރު އެއާޕޯޓް ބޮޑުކޮށް ތަރައްގީކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ ބިލިއަނެއްހާ ޑޮލަރުގެ އިންވެސްޓްމަންޓެއް ފަށައިފަ އެވެ. އޭގެ ތެރޭގައި އާ ރަންވޭއެއް ހެދުމާއި އާ ޓާމިނަލް އިމާރާތްކުރުން ވެސް ހިމެނެ އެވެ.