Roadha Mihaaru
މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް އައިޝާ އަބޫދާބީ އަށް

މާފަރު އެއާޕޯޓުގެ މަޝްވަރާތަކަށް މިނިސްޓަރު އައިޝާ އަބޫދާބީ އަށް

25 ޑިސެމްބަރ 2018

ނ. މާފަރުގައި އަޅަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ މަޝްވަރާތަކަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މާދަމާ ފުރާވަޑައިގަތުމަށް ނިންމަވައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނ. މާފަރުގައި އަޅަމުން އަންނަ އިންޓަނޭޝަނަލް އެއާޕޯޓާ ގުޅޭ މަޝްވަރާތަކަށް ޓްރާންސްޕޯޓު މިނިސްޓަރު އައިޝަތު ނަހުލާ ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަށް މާދަމާ ފުރާވަޑައިގަތުމަށް ނިންމަވައިފި އެވެ.

މިއީ، މިނިސްޓަރުކަމާ އައިޝާ ހަވާލުވެވަޑައިގެންނެވި ފަހުން ރާއްޖޭން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރެވެ.

އައިޝާ "މިހާރު" އަށް މިރޭ ވިދާޅުވީ އަބޫދާބީ އަށް ކުރައްވާ ދަތުރަކީ މާފަރު އެއާޕޯޓު އެޅުމަށް އެހީވާ އަބޫދާބީ ފަންޑު ފޯ ޑިވެލޮޕްމަންޓް (އޭޑީއެފްޑީ) ގެ އިސްވެރިންގެ ދައުވަތަކަށް ކުރައްވާ ދަތުރެއް ކަމަށެވެ. މާފަރު އެއާޕޯޓު މަޝްރޫއުގެ ހުރިހާ ހަރަދެއް ކުރަނީ އޭޑީއެފްޑީގެ ހިލޭ އެހީގެ ދަށުންނެވެ.

"އޭޑީއެފްޑީގެ އިސް ބޭފުޅުން ވާހަކަ ދައްކަން ބޭނުންވާތީ، އެބޭފުޅުންގެ ދައުވަތަކަށް އަބޫދާބީ އަށް ދިއުމަށް ހަމަޖެހިފައި ވަނީ. މި ދަތުރުގައި ޓްރާންސްޕޯޓް މިނިސްޓްރީގައި ހުރި އެކި ކަންކަމާ ބެހޭ ގޮތުން ވެސް މަޝްވަރާތަކެއް ކުރުމަށް ވަނީ ހަމަޖެހިފައި،" މިނިސްޓަރު އައިޝާ ވިދާޅުވި އެވެ.

އައިޝާ ވިދާޅުވީ މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވި ފަހުން، މާފަރުގައި އަޅަމުން އަންނަ އެއާޕޯޓާ ގުޅޭ ކަންކަން ވަރަށް ގާތުން ބެއްލެވި ކަމަށެވެ. މީގެ ކުރިން، އެއާޕޯޓުގެ މަސައްކަތް ކުރިއަށް ދިއުމުގައި ލަސްތަކެއް އައި ނަމަވެސް، މިހާރު އެ މަސައްކަތް ކުރިއަށްދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ނ. މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ހަވާލުކުރީ ސިންގަޕޫރުގެ ޓަފް ކުންފުންޏާ އެވެ. ނަމަވެސް، ބިޑް ކާމިޔާބު ކުރުމުގައި އޮޅުވާލުމާއި ސަބް ކޮންޓްރެކްޓަރުން ލައްވައި މަސައްކަތް ކުރުވާފައި، އެމީހުންނަށް ދޭން ޖެހޭ އެތައް ފައިސާއެއް ނުދީ އޮތުމާއި އޮޅުވާލައިގެން އެތައް މިލިއަން ޑޮލަރުގެ ފައިދާއެއް ނެގި ކަން ވަނީ ފަޅާއަރައިފަ އެވެ.

އައިޝާ ވިދާޅުވީ މާފަރު އެއާޕޯޓުގެ މަޝްރޫއު ކުރިއަށްދާ ގޮތް އޮޅުންފިލުވުމުގެ ގޮތުން ޓަފް ކުންފުނީގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި ކަމަށެވެ. އެކަމަކު، އެ ބައްދަލުވުމުގެ ތަފްސީލެއް އޭނާ ނުދެއްވަ އެވެ. އައިޝާ ވިދާޅުވީ އަބޫދާބީ އަށް ކުރައްވާ ދަތުރަށްފަހު، އެކަމާ ގުޅޭ މައުލޫމާތުތައް ހިއްސާކުރައްވާނެ ކަމަށެވެ.

މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ހުރިހާ ހަރަދެއް އޭޑީއެފްޑީން ކުރާއިރު، އެނގިފައިވާ ގޮތުގައި، މާފަރުގައި އެއާޕޯޓު އެޅުމަށް ޓަފް ކުންފުނިން ވަނީ މިހާތަނަށް 40 މިލިއަނަށްވުރެ ގިނަ ޑޮލަރު (616 މިލިއަން ރުފިޔާ) ނަގައިފަ އެވެ. އެކަމަކު، މާފަރުގައި 2.2 ކިލޯމީޓަރުގެ ދިގު ރަންވޭ އެއް އެޅުން ފިޔަވައި، އިތުރު އެއްވެސް މަސައްކަތެއް މިހާތަނަށް އައިއިރު، ނުނިމެ އެވެ.

ކޮންޓްރެކްޓުގައިވާ ގޮތުން މާފަރު އެއާޕޯޓުގެ މަސައްކަތް ނިންމަން ޖެހޭނީ މި އަހަރުގެ އޮގަސްޓް މަހުގެ ނިޔަލަށެވެ. އެކަމަކު، އެ މަސައްކަތް އެ މުއްދަތުގައި ޓަފް ކުންފުންޏަށް ނުނިންމުމުގެ ސަބަބުން ކުރީގެ ސަރުކާރުން ވަނީ އަންނަ ފެބްރުއަރީ މަހުގެ ނިޔަލަށް މަސައްކަތް ނިންމަން މުއްދަތެއް ދީފަ އެވެ.

މާފަރުގައި ސަރުކާރުން އެންމެ ފުރަތަމަ ނިންމާފައި އޮތީ، ސިޓީ ހޮޓަލަކާއި ވީއައިޕީ ޓާމިނަލަކާ އެކު އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށެވެ. ޓަފްއާ މަޝްރޫއު ހަވާލު ކުރި ފަހުން، އިތުރަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދިނުމަށް އޭޑީއެފްޑީގައި ޓަފުން އެދުމުން، އެ އަދަދު ދޭން އޭޑީއެފްޑީން ދެކޮޅު ހެދި އެވެ. އެއާއެކު، މަޝްރޫއުން ސިޓީ ހޮޓަލާއި ވީއައިޕީ ޓާމިނަލް އުނިކުރަން އޭޑީއެފްޑީން އެންގުމާ ގުޅިގެން، މާފަރުގައި އެ ދެ މަޝްރޫއު އެއްވެސް ގޮތަކަށް ކުރިއަކަށް ނުދެ އެވެ.

އޭޑީއެފްޑީން އެންމެ ފުރަތަމަ ނިންމީ އެ މަޝްރޫއަށް 52 މިލިއަން ޑޮލަރު (801 މިލިއަން ރުފިޔާ) ދިނުމަށެވެ. އެކަމަކު، ސިޓީ ހޮޓަލާއި ވީއައިޕީ ޓާމިނަލް އުނިކޮށް، މަޝްރޫއުގެ ޖުމްލަ އަގުގެ ގޮތުގައި 48 މިލިއަން ޑޮލަރު (740 މިލިއަން ރުފިޔާ) ހަމަޖެއްސި އެވެ. ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނި ގޮތުން ނަމަ، ޓަފް ކުންފުނިން އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ކުރަނީ މާ ބޮޑު ހޭދަ އެކެވެ.

އެއާޕޯޓުގެ ރަންވޭ ހަދަމުން އަންނަ ސަބް ކޮންޓްރެކްޓަރު ޖީކޭޑީ އަށް ޓަފް ކުންފުނިން ދޭން ޖެހޭ ފައިސާތަކެއް ނުދީގެން އެ މައްސަލަ މިހާރު ވަނީ ސިވިލް ކޯޓަށް ހުށަހަޅައިފަ އެވެ. އަދި ޖީކޭޑީގެ ތަކެއްޗަށް ގެއްލުން ދިން މައްސަލައަކާއި މަޝްރޫއުގެ އެހެން ސަބް ކޮންޓްރެކްޓަރު، މާރިސް ކުންފުނީގެ ގުދަނުގައި ހުރި މުދާތަކެއް ޓަފް ކުންފުނިން ގެންދިޔަ ކަމަށް ބުނެ، އެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅައިފަ އެވެ.

އެއާޕޯޓާ ގުޅޭ ކޮރަޕްޝަން މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ބަލަމުންނެވެ.