Roadha Mihaaru
މާފަރު އެއާޕޯޓު ނުނިމިގެން މުއްދަތު އިތުރުކުރަން އެދެފި

މާފަރު އެއާޕޯޓު ނުނިމިގެން މުއްދަތު އިތުރުކުރަން އެދެފި

21 މާޗް 2019

ނ. މާފަރުގައި އަޅަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނުނިމި، ދިގުލައިގެން ގޮސް އެންމެ ފަހުން މުއްދަތު އިތުރުކޮށްދިނުމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު، ސަރުކާރުގައި އެދިއްޖެ އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ނ. މާފަރުގައި އަޅަމުން އަންނަ އެއާޕޯޓުގެ މަސައްކަތް ނުނިމި، ދިގުލައިގެން ގޮސް އެންމެ ފަހުން މުއްދަތު އިތުރުކޮށްދިނުމަށް މަޝްރޫއުގެ ކޮންޓްރެކްޓަރު، ސަރުކާރުގައި އެދިއްޖެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް ހެދުމަށް ސިންގަޕޫރުގެ ޓަފް ކުންފުންޏާ ހަވާލު ކުރީ ޑިސެމްބަރު 24، 2017 ގަ އެވެ. މިދިޔަ އަހަރުގެ އޮގަސްޓްގައި އެއާޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމަން އެއްބަސްވިޔަސް، އެތަނުގެ އޮޕަރޭޝަންސްތައް އަދިވެސް ފެށޭވަރެއް ނުވެ އެވެ. އެގޮތުން އެއާޕޯޓަށް ބޭނުންވާ މުހިންމު އިމާރާތްތައް ވެސް ނިމުމަކާ ގާތަށް ވެސް ނުދެ އެވެ.

ޓަފް ކުންފުނިން ބިޑް ކާމިޔާބު ކުރުމުގައި އޮޅުވާލުމާއި ސަބް ކޮންޓްރެކްޓަރުން ލައްވައި މަސައްކަތް ކުރުވާފައި، އެ މީހުންނަށް ދޭން ޖެހޭ އެތައް ފައިސާއެއް ނުދީ އޮތުމާއި އޮޅުވާލައިގެން އެތައް މިލިއަން ޑޮލަރުގެ ފައިދާއެއް ނަގާފައިވާކަން ލިބިފައިވާ ލިޔެކިޔުންތަކުން އެނގެ އެވެ. ޓަފް ކުންފުންޏާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ދަނީ ތަހުގީގު ކުރަމުންނެވެ.

މާފަރު އެއާޕޯޓު ނިންމުމަށް ސަރުކާރުން ދެ ވަނަ ފަހަރަށް ދިން މުއްދަތު މިދިޔަ މަހުގެ 28 ވަނަ ދުވަހު ވަނީ ހަމަވެފަ އެވެ. އަދި ޓަފް ކުންފުނިން ވަނީ ތަފާތު އެކި ސަބަބުތައް ދެއްކުމަށް ފަހު، މެއި 31 ގެ ނިޔަލަށް މަޝްރޫއު ނިންމައި ދޭނެ ކަމަށް ބުނެ، މުއްދަތު އިތުރުކޮށް ދޭން އެދިފަ އެވެ.

ނަމަވެސް މިކަމާ ގުޅިގެން ޓްރާންސްޕޯޓް މިނިސްޓްރީގެ ބަހެއް ނުލިބެ އެވެ.

އެނގިފައިވާ ގޮތުގައި މާފަރު އެއާޕޯޓު ނިންމުމުގެ މުއްދަތު ހަމަވި ފަހުން، މަސައްކަތް ނުނިމި ހޭދަވާ ކޮންމެ ދުވަހަކަށް ޖޫރިމަނާގެ ގޮތުގައި 49،000 ޑޮލަރު (ހަތް ލައްކަ ރުފިޔާ) ދެއްކުމަށް ޓަފުން އެއްބަހެއް ނުވެ އެވެ. ޓަފުން ބޭނުންވަނީ ޖޫރިމަނާގެ ގޮތުގައި ދުވާލަކަށް 10،000 ޑޮލަރު (އެއް ލައްކަ ރުފިޔާ) ދެއްކުމަށެވެ. އެއްބަސްވުމެއް ނުހެދިގެން އުޅެނީ ޖޫރިމަނާގެ ގޮތުގައި ދައްކާނެ ފައިސާ ކެނޑިނޭޅި އޮތުމުން ކަމަށްވެ އެވެ.

މާފަރު އެއާޕޯޓުގެ މަސައްކަތް ނުނިމި މިއަދަށް ތިން ހަފްތާ ވަނީ ވެފަ އެވެ.

މާފަރުގައި އިންޓަނޭޝަނަލް އެއާޕޯޓެއް އެޅުމަށް ބޭނުންވާ ހުރިހާ ހަރަދެއް އޭޑީއެފްޑީން ކުރާއިރު، ލިޔެކިޔުންތަކުން އެނގޭ ގޮތުގައި މާފަރުގައި އެއާޕޯޓު އެޅުމަށް ޓަފް ކުންފުނިން ވަނީ މިހާތަނަށް 40 މިލިއަނަށްވުރެ ގިނަ ޑޮލަރު (616 މިލިއަން ރުފިޔާ) ހޯދައިފަ އެވެ.

އެކަމަކު، މާފަރުގައި 2.2 ކިލޯމީޓަރުގެ ދިގު ރަންވޭއެއް އެޅުމާއި އޭޕްރެން ހެދުން ފިޔަވައި އިތުރު އެއްވެސް މަސައްކަތެއް މިހާތަނަށް އައިއިރު، ނުނިމެ އެވެ. އެއާޕޯޓުގެ އޮޕަރޭޝަންތައް ފެށުމަށް ބޭނުންވާ ޓަވަރާއި ޓާމިނަލް ފަދަ ތަންތަނުގެ މަސައްކަތް ނިމުމަކާ ހަމައަށް ވެސް ނާދެ އެވެ.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޒައިން.

މާފަރު އިންޓަނޭޝަނަލް އެއާޕޯޓުގެ ޑިޒައިން.

މާފަރުގައި ސަރުކާރުން އެންމެ ފުރަތަމަ ނިންމީ ސިޓީ ހޮޓަލަކާއި ވީއައިޕީ ޓާމިނަލެއް ހެދުމަށެވެ. އެކަމަކު، ޓަފްއާ މަޝްރޫއު ހަވާލު ކުރި ފަހުން، އިތުރަށް 18 މިލިއަން ޑޮލަރު (277 މިލިއަން ރުފިޔާ) ދިނުމަށް އޭޑީއެފްޑީގައި ޓަފުން އެދުމުން، އެ އަދަދު ދޭން އޭޑީއެފްޑީން ދެކޮޅު ހެދި އެވެ. އެއާއެކު، އެއާޕޯޓުން މަޝްރޫއުން ސިޓީ ހޮޓަލާއި ވީއައިޕީ ޓާމިނަލް ވަނީ އުނިކޮށްފަ އެވެ.

ދާއިރާގެ ބައެއް ތަޖުރިބާކާރުން ބުނި ގޮތުން ނަމަ، ސިޓީ ހޮޓަލަކާއި ވީވީއައިޕީ ޓާމިނަލެއް ނާޅާނަމަ، ޓަފް ކުންފުނިން އިންޓަނޭޝަނަލް އެއާޕޯޓު އެޅުމަށް ކުރަނީ މާ ބޮޑު ހޭދަ އެކެވެ.

އެއާޕޯޓުގެ ރަންވޭ ހަދަމުން އަންނަ ސަބް ކޮންޓްރެކްޓަރު ޖީކޭޑީ އަށް ޓަފް ކުންފުނިން ދޭން ޖެހޭ ފައިސާތަކެއް ނުދީގެންނާއި ޖީކޭޑީ އާއި މަޝްރޫއުގެ އެހެން ސަބް ކޮންޓްރެކްޓަރު، މާރިސް ކުންފުނީގެ ގުދަނުގައި ހުރި މުދާތަކެއް ޓަފް ކުންފުނިން ގެންދިޔަ ކަމަށް ބުނެ، އެ މައްސަލަ އޮތީ ޕޮލިހުގަ އެވެ. އަދި ޖީކޭޑީގެ ފައިސާތައް ނުދީގެން އެ މައްސަލަ ވަނީ ސިވިލް ކޯޓަށް ވެސް ހުށަހަޅައިފަ އެވެ.

ނ. މަނަދޫގައި ދާދި ފަހުން އެމްޑީޕީން ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވީ ދުނިޔޭގެ އެންމެ ބޮޑެތި މަތިންދާ ބޯޓު، އޭ380 ޖެއްސޭ ފެންވަރަށް މާފަރު އެއާޕޯޓު ތަރައްގީ ކުރައްވާނެ ކަމަށެވެ. އެތަން ތަރައްގީ ވާނީ ފުރިހަމަ ވަސީލަތްތަކާއެކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.