Roadha Mihaaru
އަދީބުގެ ޕާޓީ ރަޖިސްޓަރީކޮށްދީފި

އަދީބުގެ ޕާޓީ ރަޖިސްޓަރީކޮށްދީފި

27 ޑިސެމްބަރ 2018

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިލެކްޝަންސް ކޮމިޝަނުން މިއަދު ރަޖިސްޓްރީ ކޮށްދީފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މޯލްޑިވްސް ތާޑްވޭ ޑިމޮކްރެޓްސް (އެމްޓީޑީ) އިލެކްޝަންސް ކޮމިޝަނުން މިއަދު ރަޖިސްޓްރީ ކޮށްދީފި އެވެ.

އެމްޓީޑީގެ ރަޖިސްޓްރީއާ ހަވާލުވުމަށް ފަހު، އެ ޕާޓީގެ ކައުންސިލް މެންބަރު އަދި ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ޕާޓީން ހިންގާނެ ހަރަކާތްތައް ވަރަށް އަވަހަށް އާންމު ކުރާނެ ކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ފުރަތަމަ ހަރުފަތް ކަމަށް މި ބަލަނީ. އިތުރު ހަރަކާތްތަކާއި ސިޔާސަތުތައް ހާމަ ކުރާނަން ކުރިއަށް އޮތް ތަނުގައި. އެންމެ ފުރަތަމަ އޮންނާނީ ޕާޓީގެ ކައުންސިލްގެ ބައްދަލުވުމެއް،" އާސިފް ވިދާޅުވި އެވެ.

އެމްޓީޑީގެ ރަޖިސްޓްރީ ހަވާލު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިލެކްޝަންސް ކޮމިޝަންގެ މެންބަރު އިސްމާއިލް ހަބީބު ވަނީ ގައުމީ މަސްލަހަތު އިސްކޮށްގެން ސިޔާސީ ހަރަކާތްތައް ހިންގުމަށް ގޮވާލައްވައިފަ އެވެ.

"ސިޔާސީ ޕާޓީތަކުން ސިޔާސީ ހަރަކާތްތައް ހިންގާއިރު އެންމެ އިސްކަން ދޭންވާނީ ގައުމީ މަސްލަހަތަށް. އަދި ކޮމިޝަނުން ޔަގީން ކުރަނީ ސިޔާސީ ޕާޓީތަކުގެ ގާނޫނާ އެއްގޮތްވާ ގޮތުގެ މަތިން ސުލޫކީ މިންގަނޑުގެ ތެރެއިން ކަމަށް،" ހަބީބް ވިދާޅުވި އެވެ.

އެމްޓީޑީ ރަޖިސްޓްރީވުމާއެކު އެ ޕާޓީ ވެފައި ވަނީ ރާއްޖޭގެ ހަތް ވަނަ ސިޔާސީ ޕާޓީއަށެވެ. އެ ޕާޓީ އުފެއްދުމަށް ބޭއްވި ޖަލްސާ މިދިޔަ ހޯމަ ދުވަހު ބާއްވާފައި ވަނީ ދަރުބާރުގޭގަ އެވެ.

ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު ޔާމީނަކީ އެމްޓީޑީގެ މެންބަރެކެވެ. އަދި ޕާޓީއަށް މިވަގުތު ސޮއި ނުކުރެއްވި ނަމަވެސް ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު ވަނީ ޕާޓީ އުފެއްދި ޖަލްސާގައި ވާހަކަ ދައްކަވައިފަ އެވެ.

އެމްޓީޑީއަށް އެންމެ ފުރަތަމަ ސޮއި ކުރައްވާފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމުގެ ކުށާއި ހިޔާނާތުގެ ކުށް ސާބިތުވެ 33 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ އަހުމަދު އަދީބެވެ.

އަދީބު އެ ޕާޓީއަށް ސޮއި ކުރައްވާފައި ވަނީ ބަލި ހާލަތު ހުންނެވި ގޮތުން ގޭ ބަންދަށް ބަދަލު ކުރެއްވި ފަހުންނެވެ.