Roadha Mihaaru
އެމްޑީޕީގެ މެމްބަރުންގެ އަދަދު ބައިލައްކައަށް އަރައިފި

10،000 މެމްބަރުން ހަމަވަނީ ދެ ޕާޓީއެއްގައި، އެމްޑީޕީގެ މެމްބަޝިޕް ބައި ލައްކަ އަށް

21 މެއި 2019

އިލެކްޝަންސް ކޮމިޝަން (އީސީީ) އަށް ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނުއިރު މެމްބަރުން އެންމެ ގިނަ ޕާޓީގެ ރެކޯޑާ އެކު، އެމްޑީޕީގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އިލެކްޝަންސް ކޮމިޝަން (އީސީީ) އަށް ހުށަހެޅި ފޯމުތައް ޗެކްކޮށް ނިމުނުއިރު މެމްބަރުން އެންމެ ގިނަ ޕާޓީގެ ރެކޯޑާ އެކު، އެމްޑީޕީގައި ތިބި މީހުންގެ އަދަދު ބައިލައްކަ އަށް އަރައިފި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނާއި އާއްމު އިންތިޚާބުގެ ގާނޫނަށް ހިޔާލު ހުށަހެޅުމަށް ކަމާ ގުޅުން ހުރި ފަރާތްތަކާ އެކު މިރޭ ބޭއްވި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ، 10،000 މެމްބަރުން ކުރިން ތިބީ އެމްޑީޕީ އާއި ޕީޕީއެމްގެ އިތުރުން ޖުމްހޫރީ ޕާޓީ (ޖޭޕީ) އަދި އެމްޑީއޭގައި ކަމަށެވެ. ނަމަވެސް މިހާރު އެ އަދަދު ދޭކަށް ދަށްވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އެއީ އެމްޑީޕީ އާއި އިދިކޮޅު ޕާޓީ ޕީޕީއެމެވެ.

ސިޔާސީ ޕާޓީގެ ގާނޫނުގައިވާ ގޮތުން ދައުލަތުން ދޭ ފައިސާ ލިބޭނީ މެމްބަރުންގެ އަދަދު 10،000 އަށް އެރުމުންނެވެ.

ސިޔާސީ ޕާޓީތަކުގައި މިހާރު ތިބި މެމްބަރުންގެ އަދަދު:

- އެމްޑީޕީ: 54،302

- ޕީޕީއެމް: 38،020

- ޖޭޕީ: 9،335

- އެމްޑީއޭ: 8،712

- އަދާލަތު ޕާޓީ: 6،253

- އެމްޓީޑީ: 3،575

- ޕީއެންސީ: 3،084

- ޑީއާރުޕީ: 2،870

- ލޭބާ ޕާޓީ: 2،766

އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާ ގޮތުން ޖުލައި، 31، 2018 އާ ހަމައަށް މެމްބަރުން އެންމެ ގިނައީ ޕީޕީއެމްގަ އެވެ. އެއީ އެ ޕާޓީ ވެރިކަމުގައި އޮތް ދުވަސްވަރު ކަމަށް ވާއިރު އޭރު ޕީޕީއެމްގެ މެމްބަރުންގެ އަދަދަކީ 48،129 އެވެ. އޭރުގެ އެންމެ ބޮޑު އިދިކޮޅު ޕާޓީގެ މަގާމުގައި އޮތް އެމްޑީޕީގައި ސައްހަ މެމްބަރުންގެ ގޮތުގައި ރަޖިސްޓަރީ ކޮށްފައި ވަނީ 29،008 މީހުންނެވެ. ނަމަވެސް މިހާރު ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީ އަކަށް ވުމުގެ ޝަރަފާ އެކު، އެންމެ މެމްބަރުން ގިނަ ޕާޓީ އަކީ އެމްޑީޕީ އެވެ.

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޝަރީފް (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އިލެކްޝަންސް ކޮމިޝަނުން މިރޭ ބޭއްވި ބައްދަލުވުމުގައި އެ ކޮމިޝަންގެ ރައީސް ޝަރީފް (މ) ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެމްޑީޕީގައި މިހާރު 54،302 މެމްބަރުން ތިބިއިރު ދެ ވަނަ އަށް އެންމެ މީހުން ގިނައީ ޕީޕީއެމްގަ އެވެ. އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މިހާރު ހަރަކާތްތެރިވާ ޕީޕީއެމްގައި ތިބީ 38،020 މެމްބަރުންނެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެމްބަރުންގެ އަދަދަކީ 9،335 އެވެ. ޖުމްހޫރީ ޕާޓީ އަށް ފަހު ދެން އެންމެ މެމްބަރުން ގިނައީ އެމްޑީއޭގަ އެވެ. އެ ޕާޓީގައި 8،712 މެމްބަރުން އެބަތިއްބެވެ. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީގައި ތިބީ 6،253 މެމްބަރުންނެވެ. އެމްޓީޑީގައި 3،575 މެމްބަރުން، ޕީއެންސީގައި 3،084 މެމްބަރުން، ޑީއާރުޕީގައި 2،870 މެމްބަރުން އަދި ލޭބަ ޕާޓީގައި 2،766 މީހުން ރަޖިސްޓަރީ ކޮށްފައި ވެ އެވެ.

ޝަރީފް ވިދާޅުވި ގޮތުގައި ދައުލަތުގެ ބަޖެޓުން ޕާޓީތަކަށް ފައިސާ ދިނުމަށް ފިނޭންސް މިނިސްޓްރީގައި މިހާރު ވާނީ އެދިފަ އެވެ. އެ ފައިސާ ދޭނީ، ދައުލަތުގެ މި އަހަރުގެ ބަޖެޓު ފާސްކުރި ދުވަހުގެ ނިޔަލަށް 10،000 މެމްބަރުން ހަމަވާ ޕާޓީތަކަށެވެ.

ދައުލަތުގެ މި އަހަރުގެ ބަޖެޓު ފާސްކުރީ ނޮވެމްބަރު 28، 2018 ގަ އެވެ. އޭރު 10،000 މެމްބަރުން ހަމަވެފައިވަނީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އެމްޑީއޭގަ އެވެ. އެ ޕާޓީތަކަށް މި އަހަރުގެ ބަޖެޓުން 26.2 މިލިއަން ރުފިޔާ ކަނޑައަޅާފައި ވެ އެވެ.