Roadha Mihaaru
މުހިއްމު ފިޔަވަޅަކީ ކުޑަކުދިން ހައްގުގެ ގާނޫން ގެނައުން

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ އެންމެ މުހިއްމު ފިޔަވަޅަކީ އާ ގާނޫނެއް ގެނައުން: ޝިދާތާ

30 ޑިސެމްބަރ 2018

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމުގައި އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ އާ ގާނޫނެއް ވުޖޫދެއް ގެނައުން ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ނިޒާމު ހަރުދަނާކުރުމުގައި އަޅަންޖެހޭ އެންމެ މުހިއްމު ފިޔަވަޅަކީ އާ ގާނޫނެއް ވުޖޫދެއް ގެނައުން ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ބޭއްވި ފުރަތަމަ ނޫސްވެރިންގެ ބައްދަލުވުމުގައި ޝިދާތާ ވިދާޅުވީ މިހާރު އަމަލުކުރާ ގާނޫނަކީ ވަރަށް ކުރިންސުރެ އަމަލުކުރާ ގާނޫނެއް ކަމަށެވެ. އެއަށް އިސްލާހުތަކެއް ގެނައި ނަމަވެސް މައްސަލަތަކަށް އެންމެ އެކަށީގެންވާ ހައްލުތަކެއް ގާނޫނުގެ ތެރެއިން ހޯދިފައި ނުވާ ކަމަށް ވިދާޅުވި އެވެ.

ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ ބެހޭ ބިލެއް މަޖިލީހަށް ހުށަހަޅާފައި އޮންނަތާ ގިނަ ދުވަސްތަކެއް ވެއްޖެ އެވެ. ކޮމެޓީ މަރުހަލާގައި އޮތް އެ ބިލުގެ މަސައްކަތްތައް ނުނިމި މަޖިލިސް ވަނީ ޗުއްޓީ އަށް ގޮސްފަ އެވެ.

"އެ ބިލް ގާނޫނަކަށްވެ ވުޖޫދަށް އައީމަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާ މި ނިޒާމަށް ގެންނަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމުގައި ވަރަށް މުހިއްމު ހައްލުތަކެއް ލިބިގެންދާނެކަން ފާހަގަކުރަން،" މޫކައި ހޮޓެލްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި ޝިދާތާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިދިޔަ އަހަރު 2،800 އަށްވުރެ ގިނަ މައްސަލަ އެ މިނިސްޓްރީއަށް ވަނީ ހުށަހަޅައިފަ އެވެ. މި އަހަރުގެ މިހާތަނަށް 2،345 މައްސަލަ ހުށަހަޅާފައިވާއިރު އޭގެ ތެރެއިން 50 ޕަސެންޓަށް ވުރެ ގިނަ މައްސަލައަކީ ކުޑަކުދިންނާ ގުޅުންހުރި މައްސަލަތަކެވެ.

އިޖުތިމާއީ ދާއިރާއަކީ ޒަމާނުއްސުރެ ވެސް ދައުލަތުން ކުޑަ ހޭދައެއް ކުރަމުންދާ ދާއިރާއެއް ކަމަށާއި ނަމަވެސް އެ މަސައްކަތްތަކަށް ހާއްސަ އިސްކަމެއް ދީގެން ވަކި މިނިސްޓްރީއެއް އުފައްދާފައިވާއިރު މައްސަލަތަކަށް ހައްލެއް ގެނެސްދެވޭނެ ކަމަށް ވިދާޅުވި އެވެ. އޭގެ ތެރޭގައި ދައުލަތުން ކުދިން ބަލަހައްޓާ ތަންތަނުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ދިމާވާ މައްސަލަތައް ހައްލުކުރުން ހިމެނެ އެވެ.

ޝިދާތާ ވިދާޅުވީ މިހާރުން މިހާރަށް ހަރުދަނާކުރަން ޖެހޭ ކަންކަން އެ ހިޔާތަކުގައި އެބަހުރި ކަމަށެވެ. މުވައްޒަފުންނާއި އެ ތަންތަނުގެ މެނޭޖްމަންޓް ރިިވިއު ހެދުން އޭގެ ތެރޭގައި ހިމެނެ އެވެ. އެހެންވެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި އެތަންތަން ހަރުދަނާކުރަން މުހިއްމު ހިސާބަކަށް ގެންދެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ހަވާލުވެހުރީ ބޮޑެތި ޒިންމާތަކާ ކަމަށާއި ނަމަވެސް އެންމެ އިސްކަމެއް ދީގެން މަސައްކަތް ކުރާނީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންގެ ރައްކާތެރިކަން ކަށަވަކުރުމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތުގެ ތެރެއިން އެންމެ މުހިއްމު މަސައްކަތަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިންނަށް ރައްކާތެރިކަން ކަށަވަރުކުރުން. އެކަން ކަށަވަރުކުރުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭ ހުރިހާ ކަމެއް ކުރާނަން،" ޝިދާތާ ވިދާޅުވި އެވެ.