Roadha Mihaaru
ކުއްޖާ ގެއްލުމުގައި ޖެންޑާއިން އިހުމާލުވެއްޖެ: ޕީއެންސީ

ކުއްޖާ ގެއްލުނު މައްސަލާގައި ޖެންޑާ މިނިސްޓްރީ ވަނީ އިހުމާލު ވެފައި: ޕީއެންސީ

24 ޖޫން 2019

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އުމުރުން 14 އަހަރުގެ ފިރިހެންކުއްޖާގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އެބައޮތް ކަމަށް އިދިކޮޅު ޕީއެންސީން މިރޭ ބުނެފި އެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި ހުއްޓައި މިދިޔަ އަންގާރަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުން އަންނަ އުމުރުން 14 އަހަރުގެ ފިރިހެންކުއްޖާގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީގެ އިހުމާލު އެބައޮތް ކަމަށް އިދިކޮޅު ޕީއެންސީން މިރޭ ބުނެފި އެވެ.

ޝައިމް އަބްދުﷲ (ދަފްތަރު 2997) ގެއްލިގެން ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ މިދިޔަ ހަފުތާގެ އަންގާރަ ދުވަހުގެ ހެނދުނު 9:29 ގައި ކަމަށް ފުލުހުން ބުނެފައި ވެ އެވެ. އަދި އޭގެ ފަހުން، ފުލުހުން އާންމުކޮށް އަމަލުކުރާ އުސޫލުގެ މަތިން، އެ ކުއްޖާ ހޯދަން އިއުލާން ކުރީ މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހުގެ ރޭގަ އެވެ.

އެކަމަކު، ޝައިމް އަކީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުއްޖެއް ކަން މީޑިއާ އިން މިރޭ އާންމުކުރުމާ ހަމައަށް ޖެންޑާ މިނިސްޓްރީން އޮތީ އެކަން ސިއްރު ކޮށްފަ އެވެ. އަދި ޝައިމް ގެއްލުނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ހުއްޓާ ކަމަށް އެ މިނިސްޓްރީން އެއްބަސްވީ މީޑިއާގެ ފިއްތުންތަކާ ހެދި އެވެ. ޖެންޑާ މިނިސްޓްރީން ބޮޑަށް މަސައްކަތް ކޮށްފައި ވަނީ އެއީ ކުޑަކުދިންގެ ހިޔާގެ ދަފްތަރުގައި ނެތް ކުއްޖެއް ކަން މީޑިއާ އަށް ހާމަކުރުމަށެވެ.

އެ މިނިސްޓްރީން ބުނީ، އެއީ ކުޑަކުދިންގެ ހިޔާގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ ކުއްޖެއް ނޫން ކަމަށެވެ. އަދި ޝައިމް ފެނުނީ ކުށުގެ ވެށިން ކަމަށް ވާތީ، ކުޑަކުދިންގެ ހިޔާ އަށް ގެންދިޔައީ އެސެސްމަންޓުތައް ހެދުމަށް ކަމަށް އެ މިނިސްޓްރީން ބުނެފައި ވެ އެވެ.

ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ހެނދުނު ގެއްލުނު ޝައިމް.

ކުޑަކުދިންގެ ހިޔާގެ ކޮމްޕައުންޑުގެ ތެރެއިން މިދިޔަ އަންގާރަ ދުވަހު ހެނދުނު ގެއްލުނު ޝައިމް.

"އެއްވެސް ހާލެއްގައި އެތަނުގައި މަރުކަޒު ކުރުމަކަށް ނޫން. އެގޮތަށް އޭނާ ހުރި ހުރުމުގައި ކުޑަކުދިންގެ ހިޔާގެ ކުދިންނާ އެއް ތަން ކުރެވިފައެއް ނުވޭ،" ޖެންޑާ މިނިސްޓްރީގެ މީޑިއާ ވައިބާ ގުރޫޕުގައި ބުންޏެވެ.

މި މައްސަލާގައި ޕީއެންސީން ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައި ބުނިގޮތުގައި، މިފަދަ ކަންކަން ހިނގަނީ ސަރުކާރުގެ އެއްވެސް ހަރުދަނާ ކަމެއް ނެތް، ދޯހަޅި ސިޔާސަތުތަކުގެ ސަބަބުންނެވެ.

"ކުޑަކުދިންގެ ހިޔާ އަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ ތަނަށް ވުމާއި، އެ ތަނަކީ އެ ކުދިންނަށް ސަލާމަތްތެރި، ރައްކާތެރި ތަނަކަށް ހެދުމާއި، އެ ކުދިންގެ ކަންކަން އެންމެ ފުރިހަމަ އަށް ބެލެހެއްޓުމާއި، މި ކަންކަން އެންމެ ރަނގަޅަށް މޮނީޓާކޮށް ބެލެހެއްޓުމުގެ ޒިންމާ ގާނޫނުން މަތިކޮށްފައި ވަނީ މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސްއާ ކަމަށް ވީ ހިނދު، މި ހާދިސާއާ ގުޅިގެން އެ މިނިސްޓްރީ އަށް ގާނޫނުން މަތިކޮށްފައިވާ ޒިންމާ އަށް ވަނީ އިހުމާލުވެފަ އެވެ،" ޕީއެންސީގެ ބަޔާނުގައި ވެ އެވެ.

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ (މ) ވާހަކަ ދައްކަވަނީ: އުމުރުން 14 އަހަރުގެ ޝައިމް ގެއްލުނީ ޖެންޑާ މިނިސްޓްރީގެ އިހުމާލުން ކަމަށް ޕީއެންސީން ތުހުމަތު ކުރޭ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

ޖެންޑާ މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ (މ) ވާހަކަ ދައްކަވަނީ: އުމުރުން 14 އަހަރުގެ ޝައިމް ގެއްލުނީ ޖެންޑާ މިނިސްޓްރީގެ އިހުމާލުން ކަމަށް ޕީއެންސީން ތުހުމަތު ކުރޭ.--- ފޮޓޯ: ހުސެއިން ވަހީދު/ މިހާރު

އެހެންވެ، އެ ޕާޓީން ވަނީ ޝައިމް ގެއްލުނު މައްސަލައިގެ ސައްހަ މައުލޫމާތު އޮޅުވައި ނުލައި ހާމަކުރުމަށް ގޮވާލައިފަ އެވެ.

ޕީއެންސީން ތުހުމަތު ކުރާ ގޮތުގައި ވ. ރަކީދޫގައި ވަރަށް އިހާނެތިކޮށް މަރާލާފައިވާ ކުޑަކުއްޖާ މުހައްމަދު އިބްތިހާލްގެ މައްސަލާގައި މިހާރުގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވަނީ އިހުމާލުވެފަ އެވެ. އޭރު އޭނާ ހުންނެވީ އެ މިނިސްޓްރީގެ އިސް މަގާމެއްގަ އެވެ.

"އަދި އެފަދަ ފަރާތަކަށް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސް ފަދަ މުހިންމު ވުޒާރާއެއް ޒިންމާދާރުކަމާ އެކު ހިންގި ދާނެ ކަމަށް މި ޕާޓީ އަކަށް ގަބޫލެއް ނުކުރެވެ އެވެ،" ޕީއެންސީން ބުންޏެވެ.

އެހެންވެ، ޝައިމް ގެއްލުނު މައްސަލައިގައި ވެސް ފުރިހަމަ ތަހުގީގެއް ހިންގައި، އިހުމާލު ވެފައިވާ މީހުންނާ މެދު ފިޔަވަޅު އެޅުމަށް ޕީއެންސީން ވަނީ ސަރުކާރަށް ގޮވާލައިފަ އެވެ.

އިދިކޮޅު ޕާޓީ، ޕީއެންސީގެ ނޫސްބަޔާން

"އަދި މިފަދަ ހާދިސާތައް ހިނގުމުން މި ސަރުކާރުން ރައްޔިތުންނަށް ކަންކަން ފޮރުވައި އޮޅުވާލުމަކީ ރައްޔިތުންނާ މެދު އިހާނެތިވުން ކަން ފާހަގަކޮށް، މި ސަރުކާރުގެ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރަމެވެ. ސަރުކާރުގެ ތެރޭގައި ކަންކަން ބޮންސުންލައި ރައްޔިތުން ކަންބޮޑުވާ ގިނަ ކަންތައްތަކެއް ގައުމުގައި ހިނގަމުންދާއިރު، ގައުމު ހިންގުމާ ހަވާލު ހުންނެވި ރައީސުލްޖުމްހޫރިއްޔާ މި ކަންކަމަށް ޖަވާބުދާރީވުމަށް މި ޕާޓީން ގޮވާލަމެވެ،" ޕީއެންސީގެ ބަޔާނުގައި ވެ އެވެ.

މީޑިއާ އިން ތަކުރާރުކޮށް ސުވާލު ކުރުމާ ގުޅިގެން، ޝައިމް ގެއްލުނު މައްސަލައިގައި ޖެންޑާ މިނިސްޓްރީން ޖަވާބުދާރީ ވި ފަހުން ފުލުހުން ބުނީ، އެ ކުއްޖާ ހޯދަން ތިން ގެ އެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ. އަދި ސީސީޓީވީ ފުޓޭޖުތައް ބަލައިގެން ވެސް އެ ކުއްޖާ ހޯދުމުގެ މަސައްކަތް ކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ޝައިމަކީ ދައުލަތުގެ ބެލުމުގެ ދަށުގައި ހުރި ކުއްޖެއްކަން ހާމަވެ، މީޑިއާގެ ސަމާލުކަން މިރޭ ކުއްލި ގޮތަކަށް އެ މައްސަލަ އަށް ހުއްޓި، ޖެންޑާ މިނިސްޓްރީ ޖަވާބުދާރީވާން ޖެހުނީ ޝޯޝަލް މީޑީއާ ގައި އާންމުވި އަމުރަކާ ގުޅިގެންނެވެ. ޝައިމް ހޯދުމަށްޓަކައި ތަނެއް ބަލައި ފާސްކުރުމަށް ނެރެފައިވާ އެ ކޯޓު އަމުރުގައިވާ ގޮތުން ނަމަ އެއީ ކުޑަކުދިންގެ ހިޔާ އިން ފިލާފައިވާ ކުއްޖެކެވެ.