Roadha Mihaaru
ތުހުމަތެއް އުޅުނަސް، އެއީ އަޅުގަނޑުގެ ފައިސާ: ޔާމީން

އެމްއައިބީގައި ހުރީ އަޅުގަނޑުގެ ފައިސާ، އެސްކްރޯ އެކައުންޓަށް ޖަމާނުކުރީ ތުހުމަތެއް އުޅޭތީ: ޔާމީން

08 ޖެނުއަރީ 2019

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ލީ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާ ނުކުރެއްވީ، އެއީ ދައުލަތުގެ ފައިސާ ކަން ކަށަވަރު ނުވެ ތުހުމަތުތަކެއް އުޅޭތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި އެމަނިކުފާނުގެ އެކައުންޓަށް އެސްއޯއެފުން ލީ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ)، ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާ ނުކުރެއްވީ، އެއީ ދައުލަތުގެ ފައިސާ ކަން ކަށަވަރު ނުވެ ތުހުމަތުތަކެއް އުޅޭތީ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޔާމީން ވިދާޅުވި ގޮތުގައި، ތުހުމަތުތަކެއް ކުރި ނަމަވެސް އެމްއައިބީގައި ހުރި އެއް މިލިއަން ޑޮލަރަކީ އެމަނިކުފާނުގެ ފައިސާ އެވެ. އެއީ، ދައުލަތުގެ ފައިސާ ކަން ތަހުގީގީ އިދާރާ އަކަށް ނުވަތަ ޝަރުއީ ކޯޓަކުން ވެސް މިހާތަނަށް ސާބިތުކޮށް ދީފައި ނުވާ ކަމަށް ވިދާޅުވި އެވެ.

އެ ފައިސާ އިން މަނީ ލޯންޑެރިންގެ އަމަލު ހިންގަވައި، ދައުލަތު އިދާރާތަކަށް ދޮގު މައުލޫމާތު ދެއްވި ކަމަށް އެމަނިކުފާނުގެ މައްޗަށް ހިންގި ތަހުގީގުގެ ބަޔާންތަކުގައި ސޮއި ކުރައްވަން މިއަދު ވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފަ އެވެ.

މެންދުރު ފަހު ވަޑައިގަތް ގޮތަށް، ފުލުހުންގެ މައި މަރުކަޒުގައި އެމަނިކުފާނު މިއަދު ހަ ގަޑިއިރު ހޭދަކުރައްވަން ޖެހިވަޑައިގަތެވެ. ފުލުސް އޮފީހުން ނުކުމެވަޑައިގެން ނޫސްވެރިންނަށް ވިދާޅުވީ، އެހާ ގިނަ ވަގުތު ހޭދަވީ ފުދޭވަރެއްގެ ދިގު ބަޔާންތަކަކަށް ވުމާއެކު އެމަނިކުފާނުގެ ފަރާތްޕުޅުން ވެސް ގެންނަން ބޭނުންވާ ބަދަލުތަކެއް ހުރުމުން ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި މިއަދު ސޮއި ކުރެއްވީ، އެސްއޯއެފްގެ އެކައުންޓުން އެމަނިކުފާނުގެ އެކައުންޓަކަށް ޖަމާކުރި އެއް މިލިއަން ޑޮލަރު ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރުމާ ގުޅޭ ތަހުގީގުގެ ބަޔާންތަކުގަ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި، އެއީ، އޭސީސީ އަށް އުފެދިގެން އުޅުނު މައްސަލައެއް ކަމަށެވެ.

ޔާމީން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ޔާމީން މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެމަނިކުފާނު ވިދާޅުވީ އޭސީސީން އެދުނު ގޮތަށް "އެއް މިލިއަން ޑޮލަރަށް، އެސްކްރޯ އެކައުންޓަށް އެއް މިލިއަން ޑޮލަރު ވާނީ ޖަމާކޮށްފައި" ކަމަށެވެ. އެކަމުގައި މައްސަލަ އުފައްދަން ޖެހޭ ސަބަބެއް ނެތް ކަމަށް ވިދާޅުވި އެވެ.

މިރޭ ވެސް އެމަނިކުފާނު ވަނީ އެސްކްރޯ އެކައުންޓަށް ފައިސާ ޖަމާކުރެއްވީ ރަނގަޅަށް ކަމަށް ވިދާޅުވާ ވިދާޅުވުން ދިފާއު ކުރައްވައި ވާހަކަފުޅު ދައްކަވައިފަ އެވެ. އެކަމަކު އެ އެކައުންޓަށް ޖަމާކުރެއްވީ އިސްލާމިކް ބޭންކުގައި ހުރި ފައިސާއެއް ނޫން ކަމަށް ވެސް އެއްބަސްވެވަޑައިގަތެވެ.

އޭސީސީ އާއި ޔާމީންގެ ހިއްސާވާ ގޮތަށް އުފެއްދި އެކައުންޓަށް ޖަމާކުރެއްވީ، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އަތުން ފައިސާ ނެންގެވުމަށް ފަހު އެވެ. ޒަމީރަށް އެ ފައިސާ ދީފައި ވަނީ އެނގިފައިވާ ގޮތުގައި ރާއްޖޭގެ ވިޔަފާރި ކުންފުންޏަކުންނެވެ. އެކަން އެގޮތަށް ކުރެއްވީ، ޔާމީން ވިދާޅުވި ގޮތުގައި އެސްއޯއެފް އިން ޖަމާކުރި ފައިސާއާ މެދު ޝައްކުތަކެއް ކުރާތީ އެވެ.

އެ ޝައްކުތައް އެހެން ހުއްޓައި، އެ ފައިސާ އިސްލާމިކް ބޭންކުގެ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރައްވައި ފައިދާ ހޯއްދެވަން މަސައްކަތްޕުޅު ކުރެއްވި ކަމަށް މިރޭ ވިދާޅުވި އެވެ.

ފުލުހުން ތަހުގީގު ކުރާ މައްސަލަތަކުގައި ހައްޔަރުކޮށްފާނެތޯ ނޫސްވެރިއަކު ދެންނެވުމުން ޔާމީން ވިދާޅުވީ، "ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް އޮތް ކަމަކަށް ގަބޫލުނުކުރައްވާ" ކަމަށެވެ.

"އެއް މިލިއަން ޑޮލަރަކީ އަޅުގަނޑަށް ލިބެން ޖެހޭ އެއްޗެއް"

އެސްއޯއެފް އިން ޖަމާކުރި އެއް މިލިއަން ޑޮލަރާ ގުޅޭ ގޮތުން ނޫސްވެރިން އެހުމުން ވިދާޅުވީ އެ ކުންފުނިން އެމަނިކުފާނަށް ފައިސާދޭން ޖެހޭނެ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށެވެ.

"އަޅުގަނޑުގެ އެކައުންޓަށް ވަދެފައި ހުރި ފައިސާއެއް ވަދެފައި ހުރީ މީގެ ކުރިން އަހްމަދު އަދީބު ހައްޔަރުކުރަންދެން އަޅުގަނޑަށް ކެމްޕޭން ކުރަން ލިބޭ ފައިސާ ރާއްޖޭގެ އެކި ފަރާތްތަކުން. އަޅުގަނޑުގެ ކެމްޕޭނަށް ލިބޭ ފައިސާ މެނޭޖް ކޮށްދެއްވަނީ އަދީބް. އަދީބު އަތްޕުޅުގައި ހުރި ފައިސާގެ ތެރެއިން އަޅުގަނޑު ފައިސާ ބޭނުންވެގެން ދެންނެވިން. ޚާއްސަކޮށް ފިނިފެންމާ ލޯންޗުގެ އެކްސިޑެންޓާ ގުޅިގެން،" ޔާމީން ވިދާޅުވި އެވެ.

"ދެން އަދީބު ވިދާޅުވި ރައީސްގެ އެކައުންޓަށް މިހާރު އެއް މިލިއަން ޖަމާކޮށްފީމޭ. ދެން އޭގެ ދުވަސްކޮޅެއް ފަހުން އޭސީސީން އަޅުގަނޑަށް ގުޅާފައި މި ބުނީ ރައީސްގެ އެކައުންޓަށް އެސްއޯއެފުން ޖަމާވެފައި އެބަހުއްޓޭ."

ޔާމީން ވިދާޅުވި ގޮތުގައި އޭސީސީން އެގޮތަށް އެންގިއިރު، އެސްއޯއެފް އަކީ ކޮން ކުންފުންޏެއް ކަން އެމަނިކުފާނަށް އެނގިވަޑައެއް ނުގަންނަވަ އެވެ. އެހެންވެ އެ އެކައުންޓުން ފައިސާ ޖަމާކުރުން ވީ "ސަޕްރައިޒަކަށް" ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ އެއް މިލިއަން ޑޮލަރަކީ އަދީބުގެ އަތްޕުޅުގައި ހުރި އެމަނިކުފާނުގެ ފައިސާގެ ތެރެއިން ލިބެން ޖެހޭ އެއްޗެއް ކަމަށެވެ. އެކަމުގައި އުޅޭ ހަމައެކަނި ގޯހަކީ، ޔާމީން ވިދާޅުވި ގޮތުން ނަމަ އެސްއޯއެފްގެ ޗެކަކުން އެ ފައިސާ ޖަމާކޮށްފައި ވުމެވެ.

"އެއްވެސް ނިންމުމެއް ނޯންނާނެ އެސްއޯއެފްގެ އެކައުންޓުން ދީފައިވާ ހުރިހާ ޗެކްތަކަކީ މަނީ ލޯންޑެރިންގެ ގޮތުގައި ބެލެވޭނެ ޗެކްތަކެކޭ. އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ވިއްޔާ އެސްއޯއެފްގެ އެކައުންޓްތަކުން ސަރުކާރުގެ ކުންފުނިތަކާ ވެސް މުއާމަލާތުކޮށްފައި އެބަހުރި،" ޔާމީން ވިދާޅުވި އެވެ.

ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމަށް ކުރީގެ ރައީސް ޔާމީން ކާރަށް އަރާވަޑައިގަންނަވަނީ. --މިހާރު ފޮޓޯ:ނިޝާތު

ފުލުހުންގެ އިދާރާ އަށް ވަޑައިގަތުމަށް ކުރީގެ ރައީސް ޔާމީން ކާރަށް އަރާވަޑައިގަންނަވަނީ. --މިހާރު ފޮޓޯ:ނިޝާތު

އެސްއޯއެފް އިން ދޭ ޗެކްތަކަކީ މަނީ ލޯންޑެރިންގެ ޗެކުތަކަކަށް ވާނަމަ، ޔާމީން ވިދާޅުވި ގޮތުގައި، އެ ފައިސާ ބަލައި ނުގަތުމަށް އެދި ކަމާ ގުޅޭ އިދާރާތަކުން މިހާތަނަށް އާއްމުކޮށް އެންގުމެއް ނެރެފައި އޮންނަން ޖެހެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި އެސްއޯއެފް އެކައުންޓަށް ވަން ފައިސާގެ ތެރެއިން ބަޔަކީ ދައުލަތަށް ވަންނަން ޖެހޭ ފައިސާއެއް ކަމަށް ފަހަރުގައި ވެދާނެ ކަމަށް ގަބޫލުފުޅު ކުރެއްވެ އެވެ.

އެސްކްރޯ އެކައުންޓްގެ ކުރިން ފައިސާ އިންވެސްޓްމެންޓް އެކައުންޓަކަށް!

ބީއެމްއެލްގައި ހުޅުވި އެސްކްރޯ އެކައުންޓަށް ޖަމާކުރީ، އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ނޫން ކަމަށް ޔާމީން މިރޭ އެއްބަސްވެވަޑައިގަތެވެ. އެއާއެކު، ފައިދާ ލިބޭ ގޮތަށް، އިސްލާމިކް ބޭންކުގައި ހުރި ފައިސާ އިންވެސްޓްމެންޓް އެކައުންޓަކަށް ޖަމާކުރެއްވި ކަމަށް ވެސް ވިދާޅުވި އެވެ.

އެ ފައިސާ އެސްކްރޯ އެކައުންޓަށް ނުލެވުނު ސަބަބަކީ ޔާމީން ވިދާޅުވި ގޮތުގައި، އޭސީސީއާ އެކު އެއްބަސްވުމެއް ހެދުމުގެ މާކުރިން ވެސް އެމަނިކުފާނު ވާނީ އެއް މިލިއަން ޑޮލަރު އިންވެސްޓްމެންޓް އެކައުންޓަކަށް ބަދަލުކުރައްވައިފަ އެވެ.

"އެ ފައިސާގައި ތުހުމަތު އުޅޭ ހިސާބުން، އަޅުގަނޑަކަށް ފަސޭހައެއް ނުވޭ އެގްރީމެންޓުގައި އެހެން ބަޔާންކޮށްފައި އޮތަސް އެ [އިސްލާމިކް ބޭންކުގެ އިންވެސްޓްމެންޓް އެކައުންޓުން] ފައިސާ ނަގައި އެހެން އެކައުންޓަކަށް ލާކަށް،" ޔާމީން ވިދާޅުވި އެވެ.

އިންވެސްޓްމެންޓް އެކައުންޓުގައި އެއް މިލިއަން ޑޮލަރު ބެހެއްޓީ ޔާމީން ވިދާޅުވި ގޮތުގައި އެމަނިކުފާނަށް ފައިދާ ލިބޭ ގޮތަށެވެ.

"ކާކުތޯ ފައިދާ ނުވާ ގޮތަށް ބަހައްޓާނީ. އަޅުގަނޑުގެ އަމިއްލަ ފައިސާ ކަމަށް ވަންޏާ އަޅުގަނޑު ބޭނުން ގޮތެއް ހެދޭނެއެއް ނޫންތޯ؟ ކާކުތޯ މޮޔައަކު ނޫނިއްޔާ ފައިދާ ނުވާ ގޮތަށް ބޭންކު އެކައުންޓަކު ފައިސާއެއް ނުބަހައްޓާނެ،" ޔާމީން ވިދާޅުވި އެވެ.

ކުރީގެ ރައީސް ޔާމީން: ބަޔާންތަކުގައި ސޮއި ކުރައްވަން ހަ ގަޑިއިރު ހޭދަކުރެއްވި

ކުރީގެ ރައީސް ޔާމީން: ބަޔާންތަކުގައި ސޮއި ކުރައްވަން ހަ ގަޑިއިރު ހޭދަކުރެއްވި

އެސްކްރޯ އެކައުންޓަށް ލީ ޔާމީން ވިދާޅުވި ގޮތުގައި އެއްވެސް މައްސަލައެއް ނޫޅޭނެ އެވެ. އެސްކްރޯ އެކައުންޓުގައި ހުންނާނީ އެމަނިކުފާނުގެ ދިވެހި ރުފިޔާ ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރަށް ދެއްވައި ބައްލަވައިގަތް ޑޮލަރު ކަމަށް ވިދާޅުވި އެވެ.

"އެ ފައިސާ [އެސްކްރޯ] އެކައުންޓަށް ޖަމާކޮށްފައި ވާނީ، ..އެއީ ހަމަ ވަރަށް ސާފު ފައިސާ،" ޔާމީން ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގެ ގާތްގަނޑަކަށް ދެ ހަފުތާ ކުރިން ޔާމީންގެ އެކައުންޓަކަށް 22.5 މިލިއަން ރުފިޔާ ޖަމާކުރި މައްސަލައެއް ވެސް ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ. އެކަން ބަލައިދޭން އެދުނީ، އެމްއެމްއޭގައި އުފައްދާފައި އޮންނަ، ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) އިންނެވެ. އެގޮތުން ސެޕްޓެމްބަރު 5 ގައި 10 މިލިއަން ރުފިޔާ އަދި ސެޕްޓެމްބަރު 10 ގައި 12.5 މިލިއަން ރުފިޔާ ޖަމާކޮށްފައިވާ ކަމަށް އެ ޔުނިޓުން ފުލުހުންނަށް ހުށަހަޅާފައިވެ އެވެ.

އެމަނިކުފާނުގެ ވެރިކަމުގައި ހުންނަވަނިކޮށް، އެ މައްސަލަ ތަހުގީގުކުރަން އެފްއައިޔޫ އިން ހުށަހެޅުމާ އެކު، ހުރިހާ މައުލޫމާތެއް އޮތީ ފުލުހުންގެ ތެރެއިން އެމަނިކުފާނާ ހަމައަށް ފޯރައިފަ އެވެ. އެ މައްސަލަ ތަހުގީގު ނުކޮށް އޭރު އޮތީ އެހެންވެ ކަމަށް ތުހުމަތު ކުރެވެ އެވެ.