Roadha Mihaaru
ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް ނުބުނި!

ޔާމީނަށް އެސްކްރޯ އެކައުންޓް ހުޅުވި ސަބަބެއް އޭސީސީން ނުބުނި!

09 ޖެނުއަރީ 2019

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވައި އެއަށް ބަދަލުކުރަން އެންގި ސަބަބާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވާހަކައެއް ނުދެއްކި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އެކައުންޓަށް އެސްއޯއެފް އިން ޖަމާކުރި އެމްއެމްޕީއާރުސީގެ ފައިސާ ކަމަށް ތުހުމަތުކުރެވޭ އެއް މިލިއަން ޑޮލަރު (ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ) ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވައި އެއަށް ބަދަލުކުރަން އެންގި ސަބަބާ ގުޅޭ ގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ވާހަކައެއް ނުދެއްކި އެވެ.

އިސްލާމިކް ބޭންކް (އެމްއައިބީ)ގައި ހުރި ޔާމީންގެ ޑޮލަރު އެކައުންޓަކަށް ދެ ޗެކަކުން އެސްއޯއެފުން ފައިސާ ޖަމާކުރީ އެމްއެމްޕީއާރުސީގެ 1.4 ބިލިއަން ރުފިޔާގެ ޚިޔާނާތް ފަޅާއަރާފައި ވަނިކޮށެވެ. ޔާމީންގެ އެކައުންޓަށް ޖަމާކުރި ޝައްކު އުފެދޭ ފައިސާ އޭސީސީއާ ހަވާލުކުރައްވަން އެމަނިކުފާނު ފުރަތަމަ އިންކާރު ކުރެއްވި އެވެ. އެކަމަކު ފަހުން އެއްބަސްވެވަޑައިގަތީ އޭސީސީއާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވައި ފައިސާ ޖަމާކުރައްވާށެވެ.

އެއީ، ޔާމީން ރޭ ވިދާޅުވި ގޮތުގައި، ފައިސާ އެ އެކައުންޓަށް ޖަމާކުރަން އޭސީސީން ބޭނުންވެ، އެގޮތަށް އެދެމުން ދިއުމުންނެވެ.

އެސްކްރޯ އެކައުންޓަކީ ދެ ފަރާތެއްގެ ދެމެދުގައި ކުރާ މުއާމަލާތެއްގައި ހިމެނޭ ފައިސާ ވަކި ޝަރުތުތަކެއްގެ މަތިން ތިން ވަނަ ފަރާތެއްގެ އެކައުންޓުގައި، އެ ފައިސާ ދޫކުރާ ގޮތަށް ބެހެއްޓުމެވެ. ޔާމީނަށް ޚާއްސަކޮށް ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވިއިރު، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، އޭސީސީން ތަހުގީގު ކުރި އެއްވެސް މައްސަލައެއްގައި މީގެ ކުރިން އެފަދަ އެކައުންޓެއް ހުޅުވާފައެއް ނުވެ އެވެ.

އެސްކްރޯ އެކައުންޓް އާއްމުކޮށް ހުޅުވަނީ، ވިޔަފާރި މުއާމަލާތްތަކުގައި އުފެދޭ މައްސަލަތަކާ ގުޅިގެން، އެ މައްސަލައަކަށް ގާނޫނީ ހައްލެއް ލިބެންދެނެވެ.

ބައެއް ވަކީލުން ވިދާޅުވާ ގޮތުގައި، ޔާމީނާ އެކު އެސްކްރޯ އެކައުންޓެއް ހުޅުވުމަކީ ގާނޫނީ ގޮތުން އޭސީސީ އަށް ކުރެވޭނެ ކަމެއް ވެސް ނޫނެވެ. އެ ކޮމިޝަނަށް އޮތް ގާނޫނީ ބާރަކީ، ޔާމީންގެ އެކައުންޓަށް ފައިސާ ވަދެފައި ވަނީ އެސްއޯއެފް އިން ކަން އެނގުމާ އެކު އެ ފައިސާ ފްރީޒް ކުރުން ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

ފުލުސް އޮފީހުން ނުކުމެވަޑައިގެން ޔާމީން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

ފުލުސް އޮފީހުން ނުކުމެވަޑައިގެން ޔާމީން ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ: ހުސެއިން ވަހީދު/މިހާރު

އެއް މިލިއަން ޑޮލަރު ޖަމާކުރުމާއި މަނީ ލޯންޑެރިންގެ ތުހުމަތު

- ދެ ޗެކަކުން ޔާމީންގެ އެމްއައިބީ އެކައުންޓަށް އެސްއޯފުން އެއް މިލިއަން ޑޮލަރު ޖަމާކުރީ ނޮވެމްބަރު، 2015 ގައި.

- މި މައްސަލައާ ގުޅިގެން އޭސީސީން ކުރި ތަހުގީގު 2016 ގައި ފައިލްކުރީ، ޚިޔާނާތް ފަޅާއެރުމާ އެކު ފިލައިގެން ބޭރަށް ދިޔަ އެސްއޯއެފްގެ ހިއްސާދާރުންނާ ސުވާލު ނުކުރެވިގެން ކަމަށް ބުނެ.

- ތަހުގީގު ވަގުތީ ގޮތުން ހުއްޓާލިއިރު ވެސް ފައިސާ ފްރީޒެއް ނުކުރޭ. އެއް މިލިއަން ޑޮލަރު ހުރީ ޔާމީންގެ އެކައުންޓުގައި.

- އެއް މިލިއަން ޑޮލަރު، ޔާމީން 2017 ގައި ޖަމާކުރެއްވީ އެމްއައިބީގެ އިންވެސްޓްމެންޓް އެކައުންޓަކަށް. އެއީ، އެ ފައިސާ އިން ފައިދާ ހޯއްދެވުމުގެ މަގެއް. އެ ފައިސާ އިން ވިޔަފާރިކޮށް ލިބޭ ފައިދާ ބަހާނީ ބޭންކާއި ޔާމީނަށް.

- ޝައްކު އުފެދިފައިވާ އެއް މިލިއަން ޑޮލަރު ހަވާލުކުރަން، ރިޔާސީ އިންތިޚާބުގެ ކުރިން އޭސީސީން އެދުމުން އެސްކްރޯ އެކައުންޓް އެއްބަސްވުމުގައި ސޮއި ކުރެއްވީ މާޗް، 25، 2018 ގައި.

- އެސްކްރޯ އެކައުންޓަށް ޖަމާކުރަން ޖެހޭނީ އެމްއައިބީގައި ހުރި ފައިސާ ކަން އަންގައި (އެކައުންޓް ނަމްބަރު ވެސް) އެއްބަސްވުމުގައި ލިއެފައިވޭ. އަމަލު ކުރެއްވީ އެއްބަސްވުމާ އެއްގޮތަށް ކަން ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އާޒިމާ ލިއުމުން އޭސީސީ އަށް އަންގަވާފައިވޭ.

- ޔާމީންގެ ބީއެމްއެލް އެކައުންޓަކުން، ޖޫން، 10، 2018 ގައި އެސްކްރޯ އެކައުންޓަށް ޔާމީން ޖަމާކުރެއްވީ، "މިހާރު" އަށް އެނގިފައިވާ ގޮތުގައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ދެއްވި ފައިސާ. އޭނާ އަށް އެ ފައިސާ ޓްރާންސްފާކުރީ، އެނގިފައިވާ ގޮތުގައި، ޔާމީނާ ވެސް ގާތް ގުޅުމެއް އޮންނަ ރާއްޖޭގެ އަމިއްލަ ވިޔަފާރި ކުންފުންޏަކުން.

- އެސްކްރޯ އެކައުންޓަށް ޖަމާކުރެއްވީ އެމްއައިބީ އެކައުންޓުގައިވާ ފައިސާ ނޫން ކަން އޭސީސީގެ ސަމާލުކަމަށް ގެނައީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓުން. އެކަން ބަލައިދޭން އޭސީސީން ފުލުހުންނަށް ހުށަހެޅީ މިދިޔަ މަހުގެ ތެރޭގައި.

- އޭރު އެ ޔުނިޓުން ދިޔައީ ރިޔާސީ އިންތިޚާބާ ދިމާކޮށް ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލަ ވެސް ބަލަމުން. އެކަން ފުލުސް އޮފީހަށް ވެސް އޮތީ ހުށަހަޅާފައި.

- އެފްއައިޔޫ އާއި ފުލުހުންނާއި އޭސީސީގެ ހުރިހާ ތުހުމަތެއް ޔާމީން ދޮގުކުރައްވާ. ތުހުމަތު ކުރާ އެއްވެސް އަމަލެއް އަދި ހައްޔަރު ކުރަން ޖެހޭ ސަބަބެއް ވެސް ނޯންނާނެ ކަމަށް ވިދާޅުވި.

ޚިޔާނާތުގެ ކުށެއް ކޮށްގެން ލިބިފައިވާ ފައިސާއެއް ކަމަށް ތުހުމަތު ކުރެވިއްޖެ ނަމަ، އެ މައްސަލައެއްގެ ތަހުގީގު ނުވަތަ ޝަރީއަތް ނިމެންދެން އެ އެކައުންޓަކުން މުއާމަލާތްކުރުން މަނާކުރުމާއި އެ ފައިސާ ހިފެހެއްޓުމުގެ ބާރު ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ 26 ވަނަ މާއްދާ އިން އޭސީސީ އަށް ލިބެ އެވެ.

ޖިނާއީ އިޖުރާއަތުގެ 73 ވަނަ އެ މާއްދާގައިވާ ގޮތުން ނަމަ، ޔާމީންގެ އެކައުންޓުގައި ހުރި ފައިސާ އޭސީސީން ފްރީޒްކުރަން ޖެހެ އެވެ. ދައުލަތުގެ މާލިއްޔަތު ގާނޫނުގެ ދަށުން ވެސް އެގޮތަށް އެކައުންޓު ހުޅުވޭނެ ކަމަކަށް ނެތެވެ. އަދި މާލިއްޔަތުގެ ގާނޫނު ބުނާ ގޮތުން، އޭސީސީން މިހާރު ހުޅުވާފައިވާ ފަދަ އެކައުންޓެއް ދައުލަތުގެ އެއްވެސް އިދާރާއަކަށް ނުހުޅުވޭނެ އެވެ.

ޚިޔާނާތުގެ ފައިސާ ކަމަށް ތުހުމަތު ކުރެވޭ ފައިސާ ބަހައްޓަން އެސްކްރޯ އެކައުންޓެއް ހުޅުވީ ކީއްވެތޯ "މިހާރު" އިން ސުވާލުކުރުމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ތަހުގީގު ކުރިއަށްދާ މައްސަލައަކަށް ވާތީ، އޭސީސީން ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.

އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ވެސް ހިމެނޭ ގޮތުން، ޔާމީންގެ އެކައުންޓްތަކުގައި ހުރި 100 މިލިއަން ރުފިޔާ ތަހުގީގު ނިމެންދެން މިދިޔަ މަހުގެ ތެރޭގައި ފްރީޒްކުރީ ފުލުހުންނެވެ.

ބީއެމްއެލްގައި އެސްކްރޯ އެކައުންޓެއް ހުޅުވުމަކީ ޔާމީނަށް ތުހުމަތު ކުރާ މަނީ ލޯންޑެރިންގެ މައްސަލަތަކުގައި އޭސީސީގެ ވެސް ދައުރެއް އޮތުންތޯ ދަނީ ސުވާލު އުފައްދަމުންނެވެ. ޔާމީންގެ މައްޗަށް ފުލުހުން ތުހުމަތު ކުރާ ގޮތުގައި އެމަނިކުފާނު ވަނީ އެސްއޯއެފް އިން ޖަމާކުރި ފައިސާ އިން މަނީ ލޯންޑެރިންގެ އަމަލު ހިންގަވައިފަ އެވެ.

އެކަމަކު ޔާމީން އެ ތުހުމަތު ދޮގު ކުރައްވަ އެވެ. ސުވާލު އުފެދިފައިވިޔަސް އިސްލާމިކް ބޭންކަށް ޖަމާކޮށްފައި ވަނީ އެމަނިކުފާނުގެ ފައިސާ ކަމަށް ރޭ ވިދާޅުވެފައިވެ އެވެ. އެމަނިކުފާނު ވިދާޅުވި ގޮތުގައި އެއީ، ކެމްޕޭނަށް ރާއްޖޭގެ އެކި ފަރާތްތަކުން ދިން ފައިސާގެ ތެރެއިން ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތްޕުޅުގައި ހުރި ފައިސާ އެވެ.