Roadha Mihaaru
ލަންކާގެ ދަރަނި ދެއްކޭނެކަން ޔަގީނެއް ނުވޭ: ރަނިލް

ލަންކާގެ ދަރަނި ދެއްކޭނެކަން ޔަގީނެއް ނުވޭ: ރަނިލް

11 ޖެނުއަރީ 2019

ކޮލަމްބޯ (ޖެނުއަރީ 11) - ސްރީ ލަންކާ އަށް މިހާރު ދިމާވެފައިވާ އިގްތިސާދީ ދަތި ހާލަތުގެ ސަބަބުން ބޭރުގެ ދަރަނި ދައްކަން ދަތިތަކެއް އެބަހުރި ކަމަށާއި ނަމަވެސް އަންނަ ހޯމަ ދުވަހު ދައްކަން ޖެހޭ ބޭރުގެ ދަރަނީގެ 2.6 ބިލިއަން ޑޮލަރު ދެއްކިދާނެކަމުގެ ޔަގީންކަން އަދި ނެތް ކަމަށް ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ ވިދާޅުވެއްޖެ އެވެ.

ހަސަން އާމިރު ހަސަން އާމިރު

ލަންކާ ސަަރުކާރުން މިހާރު މަސައްކަތް ކުރަމުން ދަނީ ދަރަނި ދެއްކުމަށް 1.9 ބިލިއަން ޑޮލަރު ހޯދޭތޯ އެވެ. ބޭރުގެ ދަރަނީގެ ގޮތުގައި ރެކޯޑް އަދަދެއް ކަމަށްވާ 5.9 ބިލިއަން ޑޮލަރު މި އަހަރު ލަންކާ އިން ދައްކަން ޖެހެ އެވެ.

ލަންކާ އިން އުއްމީދު ކުރަނީ ބައިނަލްއަގުވާމީ އެޖެންސީތަކުން އެއް ބިލިއަން ޑޮލަރު ލިބޭނެ ކަމަށެވެ. ޗައިނާ އާއި ޖަޕާނުން 500 މިލިއަން ޑޮލަރު އަދި ރިޒާވް ބޭންކް އޮފް އިންޑިއާ އިން އިތުރު 400 މިލިއަން ޑޮލަރު ލިބޭނެ ކަމަށް އުއްމީދު ކުރެ އެވެ.

ލޯނާ ގުޅޭ ގޮތުން އިންޓަނޭޝަނަލް މަނިޓަރީ ފަންޑް (އައިއެމްއެފް) އާއި މަޝްވަރާ ކުރުމަށް މާލީ ވަޒީރު މިހާރު ވަނީ އެމެރިކާ އަށް ފޮނުވައިފަ އެވެ. އެ ލޯން ސަސްޕެންޑް ކުރީ ލަންކާގައި ސިޔާސީ މައްސަލަތައް އުފެދުމުންނެވެ.

ރައީސް މައިތުރިޕާލާ ސިރިސޭނާ އާއި ރަނިލްއާ ދެމެދު މިދިޔަ އަހަރުގެ ފަހުކޮޅު އުފެދުނު ސިޔާސީ ހަމަނުޖެހުންތަކުގެ ސަބަބުން ފޮރިން ރިޒާވުން އެއް ބިލިއަން ޑޮލަރު ވަނީ އުނިވެފަ އެވެ. ބޮޑު ވަޒީރުގެ މަގާމުން ރަނިލް ދުރުކޮށް އެ މަގާމަށް ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސާ ހަމަޖެއްސީ އޮކްޓޯބަރު މަހު އެވެ. އޭގެ ފަހުން ސިރިސޭނާ ވަނީ ޕާލަމެންޓް އުވާލައްްވައިފަ އެވެ. ސުޕްރީމް ކޯޓުގެ ހުކުމަކަށް ފަހު ރަނިލް އަށް އަލުން ބޮޑު ވަޒީރުކަން ދިނީ 51 ދުވަސް ފަހުންނެވެ.