Roadha Mihaaru
އެއް ޕާޓީއަކަށް މެޖޯރިޓީ ލިބިއްޖިއްޔާ ވާނެ ގޮތް އެނގޭ

އެއް ޕާޓީ އަކަށް މެޖޯރިޓީ ލިބިއްޖެ ނަމަ ވާނެ ގޮތް ވަނީ ފެނިފައި: ގާސިމް

17 ޖެނުއަރީ 2019

އެއް ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަންތައްތައް ވާނެ ގޮތް ކުރިން ފެނިފައިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އެއް ޕާޓީއަކަށް ރައްޔިތުންގެ މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ކަންތައްތައް ވާނެ ގޮތް ކުރިން ފެނިފައިވާ ކަމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ) ގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެ އެވެ.

އެ ޕާޓީ އަށް ބަޔަކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ގާސިމް ވިދާޅުވީ، ރައްޔިތުންގެ އަޣުލަބިއްޔަތު އެއް ޕާޓީ އަކަށް ދިނުމަކީ ރައްޔިތުންނަށް އޮތް ރައްކާތެރިކަމެއްތޯ ނުވަތަ ނުރައްކަލެއްތޯ ބަލަންޖެހޭ ކަމަށެވެ. އަދި އެއް ފަރާތަކަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖިއްޔާ ކަންތައް ވާނެ ގޮތް އިއްޔެ އާއި އިހަށް ދުވަހު ސާފުކޮށް ދައްކައިދީފި ކަމަށް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ރައްޔިތުންގެ މަޖިލިސް އެއް ބައެއްގެ އަތް މައްޗަށް ލިބިއްޖެ ނަމަ ބޭނުން ގޮތަކަށް ގާނޫނުއަސާސީ ބަދަލުކުރާނެ ކަން 2008 ވަނަ އަހަރުން ފެށިގެން ދަނީ ފެންނަމުންނެވެ.

"މިހާރު އަޑު އިވެނީ މަޖިލިސް ސާފުކޮށްގެން ވަކި ބަޔަކަށް މެޖޯރިޓީ ލިބިގެން ނޫނިއްޔާ ރާއްޖެ ކުރިއަކަށް ނުދާނެއޭ. އެގޮތަށް މެޖޯރިޓީ ލިބުނީމާ ކަންތައްތައް ވެެގެން ދިޔަ ގޮތް އިއްޔެ ވެސް އިހަށް ދުވަހު ވެސް މި އޮތީ ފެންނަން،" އަންނަ އޭޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގެ އަޣުލަބިއްޔަތު އެމްޑީޕީ އަށް ހޯދުމަށް ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ މަސައްކަތްޕުޅުތަކަށް ނުސީދާކޮށް ފާޑުވިދާޅުވެ، ގާސިމް ވިދާޅުވި އެވެ.

"ލިބުނު ތަޖުރިބާގެ އަލީގައި އަޅުގަނޑުމެންނަށް އޭގެ އިބުރަތް ހާސިލް ނުކޮށްފިއްޔާ ދެން އަޅުގަނޑުމެންނަށް ލިބެން އޮތް ކަންތައް އެ އަށް ވުރެ ނުބައިވާނެ."

އޭޕްރީލް ހަ ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިޚާބުގައި ވޯޓުލާއިރު ރައްޔިތުން ވިސްނަންވީ ރާއްޖޭގެ މުސްތަގުބަލާއި މިނިވަންކަމާއި ރައްކާތެރިކަން އެހެން ބައެއްގެ އަތްދަށަށް ގެންދިޔަ ނުދީ ހިފެހެއްޓުމަށް ކަމަށް ރައްޔިތުންގެ މަޖިލިހުގެ ރައީސްގެ މަގާމު ވެސް ފުރުއްވާ ގާސިމް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި، މުއައްސަސާތައް ހަލާކުވަނީ ވެރިއަކަށް ހުންނަވާ ބޭފުޅާ، އެ މުއައްސަސާތަކުގެ ތެރެއަަށް އަތްބާނުއްވާތީ އެވެ. ސިފައިންނާއި ފުލުހުން ތިބެނީ ގައުމުގެ ވެރިޔާގެ ބާރުގެ ދަށުގައި ކަމަށާއި ރައްޔިތުންގެ މަޖިލިސް އެ ބައެއްގެ އަތް މައްޗަށް ހިނގައްޖެ ނަމަ ގާނޫނު ކޮންމެ ގޮތަކަށް އޮތަސް ބަދަލުކުރާނެ ކަމަށް ގާސިމް ވިދާޅުވި އެވެ. ނަމަވެސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން އެކަން ފެނިގެން އަދި ނުދާ ކަމަށް ވިދާޅުވި އެވެ.

ގާސިމް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުންނެވީ މަޖުބޫރީ ހާލަތެއްގައި ކަމަށް ވެސް ވިދާޅުވެފަ އެވެ. އެކަމަށް ހަމްދަރުދީވެވަޑައިގަންނަވާ ކަމަށާއި އަދި ޝުކުރުވެރިވާ ކަމަށް ވެސް ވިދާޅުވި އެވެ.